English Edition
Dhivehi Edition
އައްޑޫސިޓީ

ކޯޓު އަމުރަކާއެކު ފުލުހުން އައްޑޫ ސިޓީގެ ގެސްޓްހައުސްއެއް ރެއިޑްކޮށް، އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުގައި މަސައްކަތް ކުރާ ބިދޭސީ ފިރިހެން ޑޮކްޓަރަކާއި, ބިދޭސީ ސިވިލް އިިންޖިނިއަރަކު ހައްޔަރުކޮށްފިއެވެ.

ޑޮކްޓަރު ހައްޔަރުކުރީ ބަރަހަނާ ހަލުގައި ހުއްޓައިކަމަށް މައުލޫމާތު ލިބެއެވެ. ޑޮކްޓަރު ހައްޔަރުކޮށްފައިވަނީ “ހަށި ވިއްކުމާއި، ބަދުއަހުލާގީ އަމަލު ހިންގައި އެ ފަދަ ކަންކަމަށް މަގުފަހި ކުރާ ކަމަށް ތުހުމަތު ކުރެވޭތީ” ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.

މި މައްސަލަގައި ތައިލޭންޑުދެ ދެ އަންހެނުންނާއި, ދިވެހި ފިރިހެނަކާއި އިންޑިއާ ފިރިހެނެއްވެސް ހައްޔަރުކޮށްފައިވެއެވެ. އިންޑިއާ ފިރިހެން މީހާއަކީ ސިވިލް އިންޖިނިއަރެކެވެ.

ހައްޔަރުކުރި ޑޮކްޓަރަކީ އުމުރުން 38 އަހަރެވެ. ތައިލެންޑު އަންހެނުންގެ އުމުރަކީ 35 އަހަރާއި, 37 އަހަރެވެ. މި ދެ މީހުންވެސް ހަށި ވިއްކުމުގެ މަސައްކަތް ކުރާ ކަމަށް އިއުތިރާފުވެފައިވާ މީހުންނެވެ. އިންޑިޔާ މީހާގެ އުމުރަކީ 26 އަހަރެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ދިވެހ ފިރިހެނަކީ 49 އަހަރުގެ މީހެކެވެ. އޭނާއަކީ ހަށިވިއްކުމަށް ބޭނުންކުރާ ގެސްޓުހައުސްގެ ވެރިފަރާތެވެ.

މި މަހުގެ 7 ވަނަ ދުވަހުވެސް, އައްޑޫ ސިޓީން ވަނީ ހަށިވިއްކާ ކަމަށް ތުހުމަތު ކުރެވޭ ތަނެއް ބަލައި ފާސްކޮށް 5 މީހަކު ހައްޔަރުކޮށްފައެވެ. އެމީހުން ހައްޔަރުކުރީ އައްޑޫގެ ގެއެއް ބަލައި ފާސްކުރުމަށްފަހުއެވެ. އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އެ އެންމެންގެ ބަންދަށްވެސް 14 ދުވަސް ޖަހާފައެވެ.

މި މަހު 8 ވަނަ ދުވަހުވެސް, އައްޑޫ ސިޓީ މަރަދޫގައި ހިންގި އޮޕަރޭޝަނުގައި ސްޕާއެއްގެ ގޮތުގައި ހިންގަމުން ދިޔަ ތަނެއް ބަލާ ފާސްކޮށް ދިވެހި ފިރިހަނަކާ، އިންޑިއާ ފިރިހަނެއްގެ އިތުރުން ތައިލޭންޑުގެ 2 އަންހެނުން އަދި މިޔަންމާގެ ފިރިހެނަކު ވަނީ ހައްޔަރު ކޮށްފައެވެ.

ފުލުހުން ބުނީ އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 3 އަންހެނުންނާއި ދިވެހި ފިރިހެންމީހާގެ ބަންދަށް ވަނީ 10 ދުވަސް ޖަހާފައިވާކަމަށެވެ. އަދި ބިދޭސީ ފިރިހެން މީހާގެ ބަންދަށް ވަނީ 4 ދުވަސް ޖަހާފައިވާކަމަށެވެ.

ހަށިވިއްކުން ނިމުމަކަށް ގެންނާނެކަމަށް ސަރުކާރުން ބުނޭ:

ސެލޫނާއި ސްޕާގެ ނަމުގައި ހިންގާ ތަންތަނުގައި ހަށިވިއްކާ މައްސަލަތައް ނުބެލި ދޫވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ހަށިވިއްކާކަމަށް ތުހުމަތުވާ ބިދޭސީން ޑީޕޯޓުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށް ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާއިން ވަނީ މިދިޔަ މަހު ބުނެފައެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވުވެފައިވަނީ މާލެ ސަރަހައްދުގައި ވެސް ސްޕާތަކާއި ސެލޫންތަކުގެ ނަމުގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ 11 ތަނެއް އެ ވުޒާރާގެ ސަމާލުކަމަަށް އައިސްފައިވާ ކަމަށެވެ.

އަދި އެތަންތަނާމެދު ޤާނޫނީ ގޮތުން އެޅެންހުރި ފިޔަވަޅުތައް އެޅުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަމުންދާކަމަށްވެސް އިހުސާން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވެފައިވަނީ މަސާޖު ޕާލާތަކާއި ސެލޫންތަކުގައި ހަށިވިއްކުމަށް ބޭނުންކުރުމަށް ބިދޭސީ އަންހެނުން ޓުއަރިސްޓު ވިސާގައި ރާއްޖެއަށް އެތެރެކުރާކަން އެ ވުޒާރާގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ. އަދި އެފަދައިން ގެންނަ މީހުން ވަގުތުން ޑީޕޯޓުކުރުމުގެ މަސައްކަތް މިނިސްޓްރީން މިހާރު ފަށާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ހަށިވިއްކުމުގެ ވިޔަފާރި ފުޅާވެ ފެތުރުނީ ފާއިތުވި ފަސް އަހަރުކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ. ސޯޝަލް މީޑިއާގައި ފާޅުކަން ބޮޑު ގޮތުގައި އިޝްތިހާރުކޮށްގެން ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދާ ބިދޭސީންނާމެދު އެއްވެސް ފިޔަވަޅެއް ނޭޅުމުގެ ސަބަބުން އެ ވިޔަފާރި ފުޅާވާން ފެށިކަމަށް ސަރުކާރުން ބުނެއެވެ.

ހަށިވިއްކުމުގެ ވިޔަފާރި ނިމުމަކަށް ގެނެސް، ހަށިވިއްކުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަކީ ރައީސް ޑރ, މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސިޔާސަތެކެވެ.