English Edition
Dhivehi Edition

އޭއެފްސީ ޗެމްޕިއަންސް ލީގުގެ ކުއާޓަ ފައިނަލުގައި ރޭ ޔޫއޭއީ ގެ އަލް އައިން އާއި ބައްދަލުކުރި މެޗުގައި ޕެނަލްޓީން ބަލިވެ ސަައުދީގެ އަލް ނަސްރު މުބާރާތުން ކަޓައިފިއެވެ.

އަލް ނަޞްރުގެ ދަނޑުގައި ރޭ ކުޅުނު ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 4-3 އިން މެޗު ލީޑުގައި އޮތީ އަލް ނަސްރެވެ. އެހެން ނަމަވެސް ފުރަތަމަ ލެގުގެ މެޗުން 1-0 ގެ ނަތީޖާއިން އަލް އައިން މޮޅުވެފައި އޮތުމުން އެގްރިގޭޓު ނަތީޖާ އިން ވަނީ އެއްވަރުވެފައެވެ.

މެޗުގެ އެގްރިގޭޓް ނަތީޖާ އެއްވަރުވެ، ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއިރު، އަލް އައިން އަލް ނަޞްރުގެ މައްޗަށް ކުރި ގޯދާ ސެމީ ފައިނަލް ކަށަވަރު ކުރީ ފޮނުވާލި ތިން ޕެނަލްޓީ ވެސް ކާމިޔާބުކޮށްގެންނެވެ. އަލް ނަސްރުން ޖެހި ތިން ޕެނަލްޓީގެ ތެރެއިން ކާމިޔާބުވީ އެންމެ ޕެނަލްޓީއެކެވެ. އެއީ ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕެޮެނަލްޓީ އެކަންޏެވެ.

ރޭގެ މެޗު ފެށިގެން ދެޓީމުގެ ފަރާތުންވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އަލް އައިލުންނެވެ. މެޗުގެ 28 ވަނަ މިނެޓުގައި ކަކު ގެ އެހީތެރިކަމާއިއެކު މި ލަނޑު ކާމިޔާބުކުރީ ސޫފިއަން ރަހިމީއެވެ. މެޗުގެ 45 މިނެޓުގައި ސޫފިއަން ރަހިމީ ވަނީ އަލް އައިން އަށް އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ފުޅާކޮށްފައެވެ.

ފުރަތަމަ ހާފު ނިމެން ދަނިކޮށް އަލް މަސްރުން ވެސް ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. ފުރަތަމަ ހާފުގެ އިތުރުވަގުތުގައި އަލް ނަޞްރަށް މި ލަނޑު ޖަހައިދިނީ ސާޑިއޯ މާނޭގެ އެހީތެރިކަމާއެކު ގަރީބެެވެ.

މެޗުގެ ދެވަނަ ހާފު ފެށިގެން ގިނައިރުތަކެއް ނުވެ، އަލް ނަޞްރުން ވަނީ ދެވަނަ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. އަލް ނަޞްރުގެ ދެވަނަ ލަނޑަކީ އަލް އައިންގެ ހާލިދް އީސަ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. އަލް ނަސްރަށް މެޗުގެ ލީޑު ނަގައިދިނީ 72 ވަނަ މިނެޓުގައި އެލެކްސް ޓެއްލެސެވެ. މިއީ އަލް އައިންގެ ޕެނަލްޓީއޭރިއާގެ ކުޑަތަންކޮޅެއް ބޭރުން ލިބުނު ހިލޭޖެހުމަކުން ޓެލެސް ކާމިޔާބުކުރި ލަނޑެކެވެ.

އަލް އައިން އިން ނަތީޖާ ހަމަހަމަ ކުރީ އިތުރު ވަގުތުގެ ފުރަތަމަ ހާފުގަައިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސޫތާން އަލް ޝަމްސީއެވެ. އިތުރު ވަގުތުގެ ދެވަނަ ހާފު ނިމެންދަނިކޮށް އަލް އައިންގެ ކުޚުންތެރިއަކު ޕެނަލްޓީ އޭރިޔާގެ ތެރެއިން ރޮނާލްޑޯއަށް ކުރި ފައުލަކާއި ގުޅިގެން އަލް ނަސްރަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ރޮނާލްޑޯ ވަނީ މި ޕެނަލްޓީ ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ.

އިތުރު ވަގުތުގެ ދެ ހާފަށް ފަހު ނަތީޖާ ނެރުމަށްޓަކައި ޕެނަލްޓީ ޖެހިއިރު، އަލް ނަސްރުން ޖެހި ތިން ޕެނަލްޓީގެ ތެރެއިން ކާމިޔާބުކުރެވުނީ ހަމައެކަނި ރޮނާލްޑޯ ގެ ޮެނަލްޓީއެވެ. ބްރޮޒޮވިޗް، އެލެކްސް ޓެއްލެސް އަދި އޮޓާވިއޯ ފޮނުވާލި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ.

އަލް އައިންގެ ތިން ޕެނަލްޓީ ވެސް ވަނީ ކާމިޔާބު ކޮށްފައެވެ. އެޓީމުގެ ޕެނަލްޓީތައް ޖަހައިދިނީ ސޫފިއަން ރަހިމީ، އަލްޝަމްސީ އަދި ކަކު އެވެ.

އޭއެފްސީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގެ މެޗުތަށް އޮންނާނީ މި މަހުގެ 16 ވަނަ ދުވަހުގެ ރޭގަ އެވެ.