English Edition
Dhivehi Edition

މާތް ޞަޙާބީ މުޢާޒު رضي الله عنه ، ކީރިތި ރަސޫލާ صلى الله عليه وسلم ގެ އަރިހުގައި ދެންނެވިއެވެ. “އޭ ﷲ ގެ ރަސޫލާއެވެ! އަޅުގަނޑުމެން ދުލުން ދައްކާ ވާހަކައަކީ، އެއާމެދުގައި އަޅުގަނޑުމެންނާ ސުވާލު ކުރެއްވޭނެ ކަމެއްތޯއެވެ؟” ޙަދީޘްކުރެއްވިއެވެ. “ތިބާގެ މަންމައަށް ތިބާގެއްލިދާށިއެވެ! (އެބަހީ: ކަލޭގެފާނު ހާދަހާ ނުވިސްނަމުތާއެވެ!) މީސްތަކުން މޫނުވަތަށް ދަމާ ގެންގޮސް ނަރަކައަށް އެއްލައިލެއްވެނީ، އެބައިމީހުންގެ ދޫތަކުން ހޮދައިގެން ކަންތައް ފިޔަވައި އެހެން ކޮންކަމަކާހުރެ ހެއްޔެވެ؟” (ރިވާކުރެއްވީ އަލްއިމާމުއް ތިރްމިޒީއެވެ.)

މާތް ﷲ ރުއްސަވާ ބަސްތަކުގެ ތެރެއިން ދުލުން ބޭރުކޮށްލެވޭ އެންމެ ކަލިމައެއްގެ ސަބަބުން ތިބާގެ ދަރަޖަ މަތިވެރިކުރައްވައި އާޚިރަތުގައި ތިބާގެ މަންޒިލު މަތިވެރިކުރައްވައެވެ. ހަމައެފަދައިން މާތް ﷲ ނުރުއްސަވާ ބަސްތަކުގެ ތެރެއިން، ތިބާގެ ދުލުން ބޭރުކޮށްލެވޭ އެންމެ ލަފުޒެއްގެ ސަބަބުން ނަރަކައިގެ އެންމެ ފުންމިނަށް ތިބާ ވައްޓާލައިނިވި ކަމަކަށް އެބަސް ވެދެއެވެ.

ވީމާ، ދުލަކީ އޭގެ ފައިދާ އެހާމެ ބޮޑު ގުނަވަނެކެވެ. އަދި ނުބައިގޮތުގައި ބޭނުން ކުރެވޭނަމަ އޭގެ ނުރައްކާތެރިކަމާއި، އަރައިގަނެވޭ ފާފަތައް އެހާމެ ގިނައެވެ. ހުރިހާ ގުނަވަންތަކެއްވެސް ދުލަށް ތަބާވެއެވެ. ދޫ ހެޔޮ ކަމުގެ މަތީގައި ސީދާވެއްޖެނަމަ ގުނަންވަންތައްވެސް ހެޔޮ ޢަމަލުގެ މަތީގައި ދެމިހުރެއެވެ. ދޫ، ނުބައިކަމުގެ މަތީގައި ހުރެއްޖެނަމަ ގުނަވަންތަކުންވެސް ނުބައި ޢަމަލުތައް މެނުވީ ނުކުރެވޭނެއެވެ.

މާތް ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ރިވާވެގެންވާ ބަސްފުޅެއްގެ މާނަގައިވެއެވެ. «إِذَا أصْبَحَ ابْنُ آدَمَ، فَإنَّ الأعْضَاءَ كُلَّهَا تَكْفُرُ اللِّسانَ، تَقُولُ: اتَّقِ اللهَ فِينَا، فَإنَّما نَحنُ بِكَ؛ فَإنِ اسْتَقَمْتَ اسْتَقَمْنَا، وإنِ اعْوَجَجْتَ اعْوَجَجْنَا». رواه الترمذي މާނައީ: “އާދަމުގެ ދަރިޔާ ކޮންމެ ދުވަހުކު ފަތިސްކުރާހިނދު، އޭނާގެ ހަށިގަނޑުގެ އެންމެހައި ގުންނަވަންތައް ނިކަމެތިކަމާއެކު، ދުލަށް މުޚާޠަބުކޮށް ބުނާނެއެވެ. ތިމަންމެންނަށްޓަކައި ތިބާ ﷲ އަށް ބިރުވެތިވާށެވެ. ފަހެ، ހަމަކަށަވަރުން، ތިމަންމެންނީ، ތިބާއާ ގުޅިފައިވާ ބަޔަކީމުއެވެ. ތިބާ ﷲގެ މަގުގައި ސީދާވެއްޖެނަމަ، އަހުރެމެން ސީދާވަހުއްޓެވެ. އަދި ތިބާ މަގުން ކަސިޔާރުވެއްޖަނަމަ، އަހަރުމެން ހަމަމަގުން އެއްކިބާވެދާހުއްޓެވެ.”

މައުލޫމާތު: ދީނީ ޢިލްމުވެރިންގެ ފަތުވާތަކުން