English Edition
Dhivehi Edition

ސައުދީ ޕްރޮފެޝަނަލް ލީގުގައި ރޭ އަލް-ރައިދް އާއި ދެކޮޅަށް ކުޅުނު މެޗުން އަލް ނަޞްރު ބަލިވެއްޖެއެވެ.

އަމިއްލަ ދަނޑުގައި އަލް ރައިދް އަތުން އަލް ނަޞްރު ބަލިވީ 1-3 ގެ ނަތީޖާއިންނެވެ.

ރޭގެ މެޗަކީ މިފަހަރުގެ ލީގުގައި އަލް ނަޞްރުން ކުޅުނު 23 ވަނަ މެޗެވެ. އަދި މިއީ މިފަހަރުގެ ލީގުގައި އަލް ނަޞްރު ބަލިވި ހަތަރުވަނަމެޗެވެ.

ރޭގެ މެޗު ފެށިގެން ވެސް އަލް ނަޞްރަށް މާ ރަނގަޅު ކުޅުމެއް ނުދެއްކެއެވެ. ފަހަތަށް ފަސް ޑިފެންޑަރުން ލައިގެން ކުޅުނު އަލް ރައިދް އިން ވަނީ އަލް ނަޞްރުގެ ވަރުގަދަ ފޯވާޑް ލައިން ހިފަހައްޓާފައެވެ. އަލް ރައިދް އިން މެޗުގެ ލީޑު ނެގީ ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައެވެ. މި ލަނޑު އަލް ރައިދް އަށް ކާމިޔާބުކޮށްދިނީ މޮރޮކޯ ފޯވަޑް ކަރީމް އެލް ބެރްކައުއީ އެވެ. އޭނާ މި ލަނޑު ޖެހީ ޓަވަރެސްގެ އެހީތެރިކަމާއި އެކުގައެވެ.

މި ލަނޑަށް ފަހުވެސް ރަނގަޅަށް ކުޅެފއިވަނީ ރައިދް އިންނެވެ. އެގޮތުން ލަނޑުޖަހަން ރަނގަޅު ފުރުސަތުތަކެއްވެސް އެޓީމުން ވަނީ ތަނަވަސްކޮށްފައެވެ. އަލް ނަޞްރުން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަކުރީ ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައެވެ. އަލް ނަޞްރަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ކާމިޔާބު ކޮށްދިނީ އައިމަން ޔަހްޔާއެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމު 1-1 ގެ ނަތީޖާއިން އެއްވަރުވެއޮވެގެންނެވެ. އަލް ރައިދް އިން ދެވަނަ ފަހަރަށް މެޗުގެ ލީޑު ނެގީ ދެވަނަ ފާހު ފެށުނުތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައެވެ. މެޗުގެ 46 ވަނަ މިނެޓުގައި ރައިދް އަށް އަލުން ލީޑުނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ މޮރޮކޯ މިޑްފީލްޑަރު މުހައްމަދު ފުޒައިރެވެ. އަދި މެޗުގެ 87 ވަނަ މިނެޓުގައި ރައިދް ގެ ތިންވަނަ ލަނޑު ޖަހައިދީ ލީޑު ފުޅާކޮށްދިނީ އާމިރް ސަޔުދްއެވެ.

ރޭގެ މެޗުން ވި ބައްޔާއި އެކު އަލް ނަޞްރު އޮތީ 53 ޕޮއިންޓާއި އެކު، ލީގުގެ ދެވަނާގައެވެ. މި ނަތީޖާއާއި އެކު އަލް ނަޞްރު ތާވަލްގެ ދެވަނާގައި އޮތް ނަމަވެސް މި ބައްޔާއި އެކު އެޓީމަށް ވަނީ މިފަހަރުގެ ލީގު ކާމިޔާބުކުރުމަށް އޮތް ފުރުސަތު ބޮޑުތަނުން ހަނިވެފައެފައެވެ. ތާވަލްގެ އެއްވަނާގައި އޮތް އަލް ހިލާލް މިރޭ ކުޅޭ މެޗުން މޮޅުވެއްޖެނަމަ ދެވަނައިގައި އޮތް އަލް ނަޞްރާއި ދެމެދު އޮތް ޕޮއިންޓުގެ ފަރަގު 12 ޕޮއިންޓަށް ބޮޑުވެގެންދާނެއެވެ. އެހެންކަމުން ލީގު ނެގުމަށް އަލް ނަޞްރަށް ބާ ބޮޑު ފުރުސަތެއް ނެތެވެ. ލީގުގައި އަލް ނަޞްރަށް ދެން ބާކީ އޮތީ ހަ މެޗެވެ. މި ހަ މެޗުން މޮޅުވި ނަމަވެސް ލީގުގެ އުންމީދެއް އެޓީމަށް ނެތެވެ.