English Edition
Dhivehi Edition

އުމުރުން 15 އަހަރުގެ މަރިޔަމް ޝާޔަން ޝިމްހާދު އަކީ އެއުމުރުގެ ގިނަ އެހެން ކުދިންނެކޭވެސް އެއްފަދައިން ފުރާވަރުގެ އެންމެ ހިތްގައިމު އުމުރުތައް ގުނަމުންއައި ދުޅަހެޔޮ ސިއްހަތެއްގެވެރި ކުއްޖެކެވެ. ސ. އަތޮޅު މަދަރުސާގެ ގްރޭޑް 9ގައި ތައުލީމު ހާސިލް ކުރަމުން އައި ޝާޔަންގެވެސް ފޮނި އުއްމީދުތަކަކާއި ހުވަފެންތަކެއް ދިރިއުޅުމާއިމެދު ވާނޭ ކަމީ އެއްވެސް މީހަކު ދެބަސްވާނޭ ކަމެއް ނޫނެވެ. ރަށުން ކިޔެވޭނެ މިންވަރަކަށް ތަޢުލީމު ހާސިލު ކުރުމަށްފަހު ދުޅަހެޔޮ, ދުނިޔެއަށް ލޯހުޅުވިފައިވާ ޒުވާނެއްގެ ގޮތުގައި، ސ. މީދޫ, މާމުޓާގެ (އޭނާގެ އެޑްރެސް) ހަތަރު ފާރުން ބޭރަށް “ދަރިފުޅާއޭ، ދުނިޔެއާއި މެދު ނަޒަރު ހިންގަމުން ކަންތައްތަކާއި ކުރިމަތިލެވޭނޭ ފަދަ ހޭލުންތެރި އަދު ހިތްވަރުގަދަ ދަރިއަކަށްވައްޗޭ” ކަންފަތް ދޮށުގައި ބުނެ ފިރުމާލަމުން ޝާޔަން އަމިއްލަ މިނިވަންކަމާއި އެކު ދިރިއުޅުމާއި ކުރިމަތިލުމަށް ދޫކޮށްލާ ދުވަހެއްގެ ފޮނި އިންތިޒާރުގައި އޭނާގެ މައިންބަފައިންވެސް ތިބޭނެކަމީ ވުން ގާތް ކަމެކެވެ.

އެހެން ނަމަވެސް އަދި ތަގުދީރު ލިޔެވިފައި އޮތީކީ އެންމެ އުއްމީދުކުރި ގޮތަށް އެހާ އޮމާންކަމާއި ފަސޭހަ ގޮތަކަށް ޝާޔަންގެ ދިރިއުޅުން އޭނާ ކަޑައްތު ކުރާ ގޮތަކަށް ނޫންކަން އޭނާގެ މިއަދުގެ ހާލަތު ހެކިދެއެވެ. މީގެ ދުވަސްތަކެއް ކުރިން ޝާޔަން ދުވަހުގެ ކަންކަމުގައި އަވަދިނެތި އުޅެނިކޮށް ވެއްޓުނެވެ. އަދި އެދުވަހު އޭނާ ވެއްޓި ކަކުލު ހުޅަށް ލިބުނު އަނިޔާއަކީ ދެމިގެން ގޮސްދާނެ އަނިޔާއެއް ކަމަށް ނުވަތަ އިތުރު ގެއްލުންތައް ހަށިގަނޑަށް ލިބިދޭނެ އަނިޔާއަކަށް ވެދޭނޭ އެކަކުވެސް ހީކޮށްފައެއް ނުވާނެއެވެ. އަދި އެއީ މިއަދު ޝާޔަން އުޅެމުންދާ ހާލަތު އަޅުގަނޑުމެންގެ ލޯ ކުރިމައްޗަށް ތިލަވާން މެދުވެރިވާ ސަބަބު ކަމުގައިވެދާނޭ ޙުދު ޝާޔަންވެސް ހީކޮށްފައެއް ނުވާނެއެވެ.

ޝާޔަން އަށް މިހާރު އޭނާ ކުރިން އުޅުނު ގޮތަށް ހެލިފެލިވެ ހިނގާ އުޅެން އުނދަގުލެވެ. ގިނަ ވަގުތު އެކި މަސައްކަތުގައި ކުރިން ޝާމިލުވެ އުޅުނު ޝާޔަންއަށް މިއަދު މާގިނައިރު ކޮށްޅަށް ހުރުންވެސް ވެދަނީ ގިނަފަހަރު ތުރާތަކެއް ކުރިމަތިކުރުވާ ބޮޑު ވޭނަކަށެވެ. ހިނގަ ހިނގާ ހުއްޓާ ޝާޔަން ވެއްޓޭ މިންވަރު ނިސްބަތުން ގިނައެވެ. ފައިގައި ރިއްސުމާއި މިފަދަ ކަންތައްތަކަކީ ޝާޔަންގެ ކަކުލު ހުޅަށް ލިބިފައިވާ ގެއްލުމާއި ހެދި ދިމާވަމުން އަންނަ އުނދަގޫތަކެއްކަމުގައި ޑޮކްޓަރުންވަނީ ވިދާޅުވެފައެވެ. އަދި ޝާޔަންއަށް އޭނާގެ ޑޮކްޓަރު ދިން ލަފަޔަކީ މިވަގުތު އެހެން ހުރިހާ ކަމެއް (ކިޔެވުން ހިމެނޭހެން) މަޑު ޖައްސައިލުމަށްފަހު އިސްކަންދޭންވީ އިތުރު ފަރުވާއަށް ބޭރަށް ފުރުމަށް ކަމަށެވެ. އެއީ ޝާޔަންގެ ބަލި ހާލަތު އެންމެ ރަނގަޅުކަމުގައި ފެންނަން ނެތީމައެވެ.

ޝާޔަންގެ މަންމަ ޑޮކްޓަރުން އަރުވާފައިވާ މައުލޫމާތުތަކަށް ބިނާކޮށް ވިދާޅުވެފައިވަނީ ޝާޔަންއަށް ދިމާވެފައިވާ މައްސަލައަކީ ކަކުލުގެ ފޮތީގެ ދަށުގައި ހުންނަ މަޑު ކަށިތައް އެއްކޮށް ހަލާކުވުމާއި ގުޅިގެން ކަކުލުގެ ހުޅު ނެއްޓުމެވެ. މިއީ ޝާޔަން ވެއްޓެން ދިމާވާ އެންމެ މައިގަނޑު ސަބަބު ކަމުގައިވެސްވެދާނެއެވެ.

ދުނިޔޭގެ ނިސްބަތުން މިމައްސަލައަކީ ގިނަ ބަޔަކަށް ދިމާވެފައިވާ ކަމެއް ކަމުގައިވީ ނަމަވެސް ޝާޔަންގެ މައްސަލަ ސީރިއަސްވަނީ އުމުރުން ހަގުވުމުގެ ސަބަބުންނެވެ. ޝާޔަންއަށް އޮތީ އެންމެ ގޮތެކެވެ. އެއީ އޮޕަރޭޝަނަށް އިނގިރޭސިން ކިޔައި އުޅެނީ ‘ޓްރަޗްލެއާ ޕްލާސްޓީ، ޕަޓެއްލާ އެލައިންމެންޓް ކާޓިލޭޖް ޓްރާންސްފާ’އެވެ. ޖުމްލަ ގޮތެއްގައި މި އޮޕަރޭޝަންގައި ކުރެވިގެންދާ ކަންތައްތަކަކީ ކަކުލުގެ ފޮތި ހުންނަންޖެހޭ މިންގަނޑުގައި ބެހެއްޓުމަށްޓަކައި އެކި އުކުޅުތައް ބޭނުންކުރެއެވެ. އޭގެ ތެރެއިން އެންމެ އާންމު ގޮތަކީ ކަކުލުގެ ފޮތު ނެގުމަށްފަހު ޖެލްއެއް ބޭނުންކޮށްގެން މުޅިންއާ އަދި ހިމެނެންޖެހޭ މިންގަނޑުތައް ހަމަޔަށް ހުންނަ ފޮއްޗެއް ކަކުލުގައި ފަރުމާކޮށް އުފެއްދުމެވެ. މިނޫނަސް ބައެއް ފަހަރު ހަށިގަނޑުގެ އެހެނިހެން ސަރަހައްދުތަކުން މަޑުކަށި ނަގައިގެންވެސް އެ މަޑު ކަށި ކަކުލުގެ ތެރޭގައި ބޮޑުކޮށް ފޮއްޗަކަށްވެސް ހަދައި އުޅެއެވެ. މިއީ ރިސްކު ބޮޑު އޮޕަރޭޝަނެއް ކަމުގައިވީ ނަމަވެސް ޝާޔަން ކުޅެދޭ އިންސާނެއްގެ ގޮތުގައި ހެދި ބޮޑުވުމަށް އޮތް ހަމައެކަނި ގޮތޭވެސް ދެންނެވިދާނެއެވެ.

ހަށިގަނޑަށް ލިބޭ އަނިޔާތަށް މިނެކޮށް އެއަނިޔާއިން ހަށިގަނޑަށް އަދި ފަހުން ލިބިދާނޭ ގެއްލުންތަކުގެ ފުރުސަތު އޮންނަ މިންވަރު މިއަދު ދެނެގަނެވޭއިރު ޝާޔަންއަށް މިހާރު ލިބިފައިވާ އަނިޔާއަކީ ލެވެލް 4ގެ އަނިޔާއެކެވެ. މިއަނިޔާގެ ސަބަބުން ޝާޔަންއަށް ކުރިމަތިވެދާނެ އަނެއް ބޮޑު ވޭނެއް ކަމަށް ލަފާކޮށްފައިވަނީ ރާއްޖެބަލި ޖެހުމުގެ ފުރުސަތު ބޮޑުވުމެވެ. މިއީވެސް ޑޮކްޓަރުން މިއޮޕަރޭޝަން ވީއެންމެ އަވަސް މުސްތަގުބަލެއްގައި ކުރަން ބޭނުންވާ ސަބަބެކެވެ.

 

މިއޮޕަރޭޝަން ރާއްޖެއިން މިވަގުތު ކުރެވެން ނެތުމުން އާސަންދައިގެ އެހީއާއި އެކު އެއާއިލާއަށް ޝާޔަން ގޮވައިގެން ރާއްޖެއިން ބޭރަށްދާން މިއަދު މަޖުބޫރެވެ. އެހެން ނަމަވެސް އެއާއިލާގެ މާލީ ހާލަތު އާސަންދަ ލިބުނު ކަމުގައިވީ ނަމަވެސް ބޭރަށް ދިއުމަކަށް ތަނެއް ނުދެއެވެ. އާސަންދަ ދިނުމުގައި އަމަލުކުރާ އުސޫލުގެ ދަށުން ބަލިމީހާ ބޭރަށް ގެންދިއުމުގެ ޓިކެޓް ބަލިމީހާގެ އެހީތެރިޔާއަކަށާއި ބަލިމީހާއަށްލިބިދެއެވެ. އެހެން ނަމަވެސް ދެން ލިބިދޭ ހުރިހާވެސް އެހީއެއް ލިބިދެނީ ބަލިމީހާއަށް އެކަންޏެވެ. އެޑްމިޓްނުކުރާ ނަމަ ބަލިމީހާގެ ކެއުމުގެ ހަރަދުވެސް އަމިއްލަ ހަރަދަކަށްވެދެއެވެ. ހުންނަ ތަނަކީވެސް އެހިސާބުން އަމިއްލައަށް ބަލަހައްޓަންޖެހޭ ހަރަދުތަކެވެ.

ޝާޔަންގެ ބަލީގެ ގޮތުން މިފަދަ މާލީ ޒިންމާތަކެއް ބޮލުގައި އަޅައިގެން އެކޮޅުގައި ތިބެން ޖެހޭނެ މުއްދަތެއް ނޭނގި ފުރުމަކީ އެންމެ އެދެވޭ ކަމެއް ކަމުގައި ނުވާ ކަމަށް ހަމަގައިމުވެސް އަޅުގަނޑުމެން އެންމެން އެއްބަސްވާނެއެވެ.

އެހެންކަމުން މިއަދު ޝާޔަންއަށްޓަކައި އަޅުގަނޑުމެންނަށް ކުރެވިދާނެ ކަންތައް ވަރަށް ގިނައެވެ. އަދި ހަމަ މިފަދައިން ޝާޔަންގެ ދިރިއުޅުން ބަދަލުކޮށް ފަހި ކޮށްލުމަށްޓަކައި އަޅުގަނޑުމެން އެންމެ މަސައްކަތްކުރުމަކީ އެކަމަކުން ބައިވެރިވާ އެންމެންނަށް ހާދަހާ ދަރުމައަކާއި ސަވާބެއް ލިބިދޭނެވެސް ކަމެއްތާއެވެ.

ޝާޔަންގެ ބަލިހާލަތު އޮޅުންފިލުވުމަށް: 7597651 (ޝާޔަންގެ މަންމަ)

ޝާޔަންއަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް:

  • ދިވެހި ރުފިޔާއިން ފައިސާ ފޮނުވާނަމަ: (7716471247101), ފާތިމަތު ނާދިރާ (މަންމަ)
  • ޑޮލަރުން ފައިސާ ފޮނުވާނަމަ: (7710139677101), އިބްރާހިމް ދީދީ (ބައްޕަ)

 

މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘެއްގެ މާނައިގައިވެއެވެ.

“އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ.”

މާތް ﷲ އަށްޓަކާ އެހީތެރިވެދެއްވާ! މާތް ﷲ އަށްޓަކާ ކުރާ އެއްވެސް ހޭދައަކީ ގެއްލިގެންދާނެ އެއްޗެއް ނޫން! ދެދުނިޔޭގަވެސް މަތިވެރި ވެގެންވާ ސަވާބާއި ދަރުމަ ލިބޭނެ، إن شاء الله!