English Edition
Dhivehi Edition

ހުވަހުސްވި މެއިމަހު އެއްތިރީސްވަނަ ދުވަހުގެރޭ ސަމާއައިލެންޑް ރިސޯޓުގެ ލޯންޗެއް ގޮސް ދޯންޏެއްގައި ޖެހި ހިނގި އެކްސިޑެންޓަށްފަހު ދޯނީގެ ކެޕްޓަނުގެ ބަންދަށް އިތުރު 10 ދުވަސް ކޯޓުންޖަހައިދީފިއެވެ. ފުލުހުން ބުނީ އިތުރު 10 ދުވަސް ޖަހައިދީފައިވަނީ މިމަހުގެ ދިހަވަނަ ދުވަހު ކަމަށެވެ. އޭގެ ކުރިންވެސް އޭނާގެ ބަންދަށް ދިހަދުވަސްވަނީ ޖަހައިދީފައެވެ. ކެޕްޓަންގެ އިތުރަށް އެދޯނީގައިތިބި ބިދޭސީ 4 ފަޅުވެރިންވަނީ ޑީޕޯޓު ކުރުމަށްޓަކައި އިމިގްރޭޝަނާ ހަވާލުކޮށްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. އިމިގްރޭޝަނާ އެމީހުން ހަވާލުކޮށްފައިވަނީ މިމަހުގެ 7 ވަނަދުވަހުއެވެ. އެރޭގެ އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބަކީ ނެވިގޭޝަން ނުޖައްސައި އެއްވެސް އަލިކަމެއް ނުފެންނަ ގޮތަށް އެދޯނި ރީތިރަށް ރިސޯޓް ކައިރީ މަޑުކޮށްގެން އޮއްވައި ލޯންޗު ކެޕްޓަނަށް އެ ދޯނި ނުފެނިގޮސް އޭގައި ޖެހިގެންނެވެ. އަލިކަމެއް ނުވާ ގޮތަށް ދޯނިފަހަރު އެގޮތަށް ތިބުމަކީ މަނާކަމެކެވެ. އެ އެކްސިޑެންޓުގައި 14 މީހަކަށް އެކިވަރުގެ ޒަޚަމްތައް ލިބިފައިވެއެވެ. އަދި ދެމީހަކަށް ސީރިއަސް އަނިޔާވެފައިވެއެވެ. އޭގެ ތެރޭގައި އައްޑޫ މީހަކު ހިމެނެއެވެ. މިމައްސަލަ ފުލުހުން މިހާރުވެސްދަނީ ތަހުގީގު ކުރަމުންނެވެ.