English Edition
Dhivehi Edition
ފުރުސަތު ކަވަރ އާޓް ބައި މިގު/ބައިސްކޯފް

ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަހާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އާޓް އެގްޒިބިޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މި އެގްޒިބިޝްންގައި ބައިވެރިވުމަށް ދެން ބާކީ އޮތީ 10 ދުވަސްކަމުގައި ޔޫތު މިނިސްޓްރީން ބުނެފައެވެ.

މި އާޓް އެގްޒިބިޝަންގެ ނަމަކީ “ޝޭޑްސް އޮފް މައިންޑް” އެވެ. އެގްޒިބިޝަންގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ މި މަހުގެ 25 ވަނަ ދުވަހެވެ.

އަންނަ ނޮވެމްބަރު މަހުގެ 12 އިން 17 އަށް ނެޝަނަލް އާޓް ގެލެރީގައި މި އެގްޒިބިޝަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު އާޓް އެގްޒިބިޝަންގައި ބައިވެރިވުމުގެ އުމުރުފުރައަކީ އުމުރުން 16 އަހަރާއި 35 އަހަރާއި ދެމެދުއެވެ.

ޔޫތު މިނިސްޓްރީން ބުނީ ފަންނުވެރިންގެ މަސައްކަތްތައް ވިއްކައިގެން އާމްދަނީ އެފަރާތްތަކަށް ލިބިގެންދާއިރު އެގްޒިބިޝަންގެ ތާރީހުތަކުގައި އާޓް ގެލެރީއަށް ހިލޭ ވަދެވޭނެކަމަށެވެ. ނަފްސާނީ ސިއްހަތުގެ ދުވަހާ ގުޅިގެން މިނިސްޓްރީގެ ފަރާތުން އާޓް އެގްޒިބިޝަނެއް ހުޅުވާލުމުގެ މައިގަނޑު މަގްސަދަކީ، ފަންނުވެރިކަމުގެ ތެރެއިން ނަފްސާނީ ހޭލުންތެރިކަން އިތުރުކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމުގެ މުހިއްމުކަން ގެނެސްދިނުމެވެ.

އެގްޒިބިޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިނިސްޓްރީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން މިހާރު އެ މައުލޫމާތު ލިބޭނެކަމަށް އެ މިނިސްޓްރީން ބުނެފައިވާއިރު އެޕްލިކޭޝަން ފޯމާއެކު އެގްޒިބިޝަނުގެ ތަފްސީލް ހިމެނޭ ގައިޑްލައިން ވަނީ ހިމަނާފައެވެ.