English Edition
Dhivehi Edition
މާލޭގައި ސިފައިން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން

މުސާރަ ބޮޑުކުރުން ލަސްވާތީ ސިފައިންނާއި ފުލުހުން ކަންބޮޑުވާކަަމަށް, ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާއި އެއްގޮތަށް ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑުކުރުން އަވަސްކޮށްދިނުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައެއްގައި ބުނެފިއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ ފަރާތުން އެ މައްސަލަ ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދުދީދީއެވެ. މައްސަލަ މަޖިލީހުން ބަލައިގަނެފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 22 މެންބަރުންގެ އިއްތިފާގުންނެވެ.

މައްސަލައިގައި ވަނީ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ހުންނަވައި މިދިޔަ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ފުލުހުންނާއި ސިފައިންގެ މުސާރަ ދެގުނަ ބޮޑުކޮށްދޭނެ ކަމަށް ވިދާޅުވެފައިވާކަން ފާހަގަކޮށްފައެވެ.

އަދި ރައީސް އެ ވައުދުވެވަޑައިގެންފައިވަނީ، ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑު ކުރުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ނިންމައި އެކަމަށް އޮނިގަނޑެއް އެކުލަވާލައި، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މުސާރަ ބޮޑުކުރަން ނިންމާފައިވާ ކަމަށް އެ މައްސަލައިގައި ވެއެވެ. މައްސަލައިގައި ބުނީ، ނަމަވެސް މި ސަރުކާރުން ވަނީ ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑު ކުރުން ލަސް ކުރުމަށް ނިންމުމަށްފަހު އެކަން ތަންފީޒުކުރެވެން ނެތް ކަމަށް ޖެނުއަރީ 3 ވަނަ ދުވަހު ކަނޑައަޅާ އެކަން ނޭޝަނަލް ޕޭ ކޮމިޝަނުން އިއުލާނު ކުރި ކަމަށެވެ.

އެ އޮނިގަނޑު ތަންފީޒު ކުރަން ފަށާނީ އަންނަ މާޗު މަހުން ފެށިގެން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މެންބަރު ހުށަހެޅުއްވި މައްސަލައިގައި ބުނީ، ފުލުހުންގެ މުސާރަ އަންނަ މަހުން ފެށިގެން ބޮޑުކުރެވޭނެކަން ފިނޭންސް މިނިސްޓްރީން ފުލުހުންނަށް އަންގާފައިވާ ކަމަށް ޗީފް ސްޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ކަމަށެވެ.

މުސާރަ ދެގުނަ ބޮޑު ކުރާނީ ފަސް އަހަރުގެ ދައުރަކަށް ބަހާލައިގެން ކަމަށާ، އެގޮތުން 2024 ވަނަ އަހަރު 35 އިންސައްތަ، 2026 ގައި 35 އިންސައްތަ އަދި 2028 ވަނަ އަހަރު 30 އިންސައްތައިން މުސާރަ ބޮޑުކުރާނެ ކަމަށް ވިދާޅުވެފައިވާ ކަން ވެސް މައްސަލައިގައި ފާގަހަގަކޮށްފައިވެއެވެ.

ނަމަވެސް މި މަހު ކުރީކޮޅު ތ. އަތޮޅަށް ރައީސް ކުރެއްވި ދަތުރުގައި ކުރިއަށް އޮތް ދެ ތިން މަހަކީ އިގްތިސާދީ ގޮތުން ވަރަށް އުނދަގޫ ހައްސާސް ދުވަސްރަކަށް ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ ކަމަށާ އެފަދަ އިބާރާތުން އިގްތިސާދީ ހާލަތު ބަޔާންކޮށްދެއްވުމަކީ ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑުކުރުމަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދު ފުއްދުން އިތުރަށް ލަސްވެގެންދާނެ ކަމެއްކަމުން، އެކަމާމެދު ސިފައިންނާ ފުލުހުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް ވެސް މައްސަލައިގައި ބުނެއެވެ.

އެހެންކަމުން ރައީސްގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ސިފައިންނާ ފުލުހުންގެ މުސާރަ މާޗު މަހާ ހަމައަށް ވެސް ބޮޑުނުވެދާނެ ކަމުގެ ކަންބޮޑުވުން އޮތުމާއެކު މުސާރަ ބޮޑުކުރުން އަވަސް ކުރުމަށް އެ މައްސަލައިގައި ވަނީ ރައީސް މުއިއްޒަށް ގޮވާލާފައެވެ.