English Edition
Dhivehi Edition

“ވެހޭތާ ފެންނަގާށޭ” ބުނާފަދައިން ވަގުތު ފާއިތު ނުވަނީސް ޙެޔޮ ޢަމަލުގައި އަވަދިނެތި އުޅުމަށް މަސައްކަތް ކުރުމަށާއި ލިބިފައި އޮތް ފުރުޞަތުގެ ބޭނުން ފުރިހަމަގޮތުގައި ހިފުމަށް މިއަދުގެ ޙުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

ޝަައުބާން މަހާއި ހެޔޮ އަމަލުކުރުން މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނީ “ވެހޭތާ ފެންނަގާށޭ” ބުނާފަދައިން ވަގުތު ފާއިތު ނުވަނީސް ޙެޔޮ ޢަމަލުގައި އަވަދިނެތި އުޅުމަށް މަސައްކަތް ކުރަން ޖެހޭކަމަށާއި ލިބިފައި އޮތް ފުރުޞަތުގެ ބޭނުން ފުރިހަމަގޮތުގައި ހިފުމަކީ މުހިންމު ކަމެއް ކަމަށެވެ.

ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް އެންމެހާ أَخُންނާއި أُخْتُންނަށް ނަސޭހަތްތެރިވަމުން ޚުތުބާގައި ބުނީ ހެޔޮ ކަންތަކާއި ހެޔޮ ޢަމަލު ކުރެވޭނީ ގައިގައި ބާރު ހުއްޓައިކަމަށާއި މުސްކުޅިވެ ވަރުދެރަވުމުން ފުރިހަމައަކަށް އެއްވެސް ކަމެއް ނުކުރެވޭނެކަމަށެވެ. އަދި އެހެން ކަމުން ވަގުތު ފާއިތު ނުވަނީސް ހެޔޮޢަމަލުގައި އަވަދިނެތި އުޅޭވޭތޯ މަސައްކަތްކުރުމަށާއި ކޮންމެ ޢަމަލަކީ އިސްލާމްދީނުގެ ތަރަހައިގެ ތެރޭގައި ކުރަންޖެހޭ ޢަމަލެއްކަމަށް މިއަދުގެ ޚުތުބާގައި ވަނީ ބުނެފައެވެ.

އެގޮތުން ހެޔޮޢަމަލު ކުރުންމަތީގައި ދެމި ހުރެވިއްޖެނަމަ، އޭނާއަށް އެހުރެވެނީ އަޅުކަމުގެ ތެރޭގައި ކަމަށާއި ނަމަވެސް އެކަމުގެ ތެރޭގައި އިސްލާމްދީނުގައި މަނާ ކުރައްވާފައިވާކަމެއް ވާނަމަ، އަޅުކަމުގެ އިމުން ބޭރުވެ ފާފަވެރިވާނެކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި އެކަން ލިޔެވިގެންދާނީ ހެޔޮނޫން ޢަމަލުތައް ލިޔެވޭ ފަތުގައި ކަމަށާއި އެކަމަށް ކަނޑައެޅިފައިވާ ޖަޒާ މާތް الله އޭނާ އަށް ދެއްވާނެކަމަށް ވެސް މިއަދުގެ ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ ހެޔޮ ޢަމަލުކުރުން އިތުރުކުރުމަކީ، ގަޞްދަކާ ނުލައި ކުރެވޭ ފާފައިން މާތް الله އަޅަމެން ސަލާމަތް ކުރައްވާނެ ކަމަށާއި މިފަދަ މޫސުމެއްގައި މާތް ނަބިއްޔާ ދައްކަވާފައިވާ މަގުގައި ކަސިޔާރުނުވެ ހިފެހެއްޓޭތޯ ބެލުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. އަދި އެކަލޭގެފާނުގެ ޢަމަލުފުޅުތަކަށް ތަބަޢަވުމަކީ އެކަމުން އަހުރެމެންނަށް ފައިދާއާއި މަންފާ ކުރާނެ ކަމެއްްކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

“ވެހޭތާ ފެންނަގާށޭ” ބުނާފަދައިން ލިބިފައި އޮތް ފުރުޞަތުގެ ބޭނުން ފުރިހަމަގޮތުގައި ހިފުމަށް އެންމެހާ أَخُންނާއި أُخْتُންނަށް ނަސޭހަތްތެރިވަމެވެ. ހެޔޮ ކަންތަކާއި ހެޔޮ ޢަމަލު ކުރެވޭނީ ގައިގައި ބާރު ހުއްޓައެވެ. މުސްކުޅިވެ ވަރުދެރަވުމުން ފުރިހަމައަކަށް އެއްވެސް ކަމެއް ނުކުރެވޭނެއެވެ. އެހެން ކަމުން ވަގުތު ފާއިތު ނުވަނީސް ހެޔޮޢަމަލުގައި އަވަދިނެތި އުޅޭވޭތޯ މަސައްކަތްކުރާށެވެ! ކޮންމެ ޢަމަލަކީ އިސްލާމްދީނުގެ ތަރަހައިގެ ތެރޭގައި ކުރަންޖެހޭ ޢަމަލެކެވެ. މިގޮތުގެ މަތީގައި ހުރެވިއްޖެނަމަ، އޭނާއަށް އެހުރެވެނީ އަޅުކަމުގެ ތެރޭގައެވެ. ނަމަވެސް އެކަމުގެ ތެރޭގައި އިސްލާމްދީނުގައި މަނާ ކުރައްވާފައިވާކަމެއް ވާނަމަ، އަޅުކަމުގެ އިމުން ބޭރުވެ ފާފަވެރިވާނެއެވެ. އެކަން ލިޔެވިގެންދާނީ ހެޔޮނޫން ޢަމަލުތައް ލިޔެވޭ ފަތުގައެވެ. އެކަމަށް ކަނޑައެޅިފައިވާ ޖަޒާ މާތް الله އޭނާ އަށް ދެއްވާނެއެވެ! އެކަމަށް ރައްކާތެރިވުމަށް ހަނދާންކޮށްދެމެވެ! ހެޔޮ ޢަމަލުކުރުން އިތުރުކުރުމަކީ، ގަޞްދަކާ ނުލައި ކުރެވޭ ފާފައިން މާތް الله އަޅަމެން ސަލާމަތް ކުރައްވާނެ ކަމެކެވެ. މިފަދަ މޫސުމެއްގައި މާތް ނަބިއްޔާ z ދައްކަވާފައިވާ މަގުގައި ކަސިޔާރުނުވެ ހިފެހެއްޓޭތޯ ބެލުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. އެކަލޭގެފާނުގެ ޢަމަލުފުޅުތަކަށް ތަބަޢަވުމަކީ އެކަމުން އަހުރެމެންނަށް ފައިދާއާއި މަންފާ ކުރާނެ ކަމެކެވެ. ” ޚުތުބާގައި ވެއެވެ.

މީގެ އިތުރުން ޝައުބާން މަހު ހެޔޮ އަމަލުތައް ކުރުން އިތުރުކުރަންޖެހޭ ކަމަށާއި ނޭނގެއޭ ބުނެ ބަރަކާތާއި ރަޙްމަތުގެ ދުވަސްތައް ނަގައި ނުލުމަށް ހުކުރު ޚުތުބާގައި ވަނީ ގޮވާލައިފައެވެ.

ޚުތުބާގައި ބުނީ ޝައުބާން މަހުގެ ހަނދު ފެނުމާއެކު ކޮންމެ މުސްލިމެއްގެ ހިތަށް ވެރިވާނީ، ރޯދައިގެ މަތިވެރިކަމާއި، ރޭ އަޅުކަމާއި، ގުރްއާން ކިޔެވުމާއި، އިއުތިކާފު ކުރުމާއި ހެޔޮއަމަލުތައް ކަމަށެވެ. ސަވާބާއި، ރަހްމަތުން ފުރިގެންވާ މަހަކަށްވުމާއެކު ރަމަޟާން މަހަށް ތައްޔާރުވާ މަހެއްކަމުގައި އެ މަސް ވާ ކަމަށެވެ. އެއީ، ރޯދައިގެ މަތިވެރިއަޅުކަމުގެ ސަބަބުން، ޝައިޠާނާގެ ކަސްތަޅުތަކުން ތިމާ ސަލާމަތްވުމަށާއި ހަވާނަފްސުގެ އެދުންތަކުން ނަޖާވެ، ވަހުމްތަކާއި ވަސްވާސްތަކާ ދުރުހެލިވެ، ސީދާ ވުމަށް ލިބޭ އަގުހުރި ފުރުސަތެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ ރަމަޟާން މަހުގެ ރޯދަހިފުމަކީ، ކޮންމެ ދުވަހަކު ކުރާ އަޅުކަމަކަށްވެފައި، އެއަޅުކަމަށް ތައްޔާރުވުމަށް ހަށިގަނޑާއި ނަފްސު ހޭނުވުމަކީ ކޮންމެހެން ބޭނުންކަމެއްކަމަށާއި އެހެންކަމުން ޝައުބާން މަހު ސުންނަތް ރޯދަ ހިފުމަކީ، އެދެވިގެންވާ ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ މުސްލިމުންނަކީ ހަމައެކަނި ބޭރުފުށުން އިސްލާމްކަން ފާޅުކޮށްގެން އުޅެންޖެހޭ ބައެއް ނޫން ކަމަށާއި، މުސްލިމުންނަކީ އަގީދާއާއި އަމަލުން މުސްލިމުންނަށް ވާންޖެހޭ ބައެއް ކަމަށެވެ. އަދި ހަމައެކަނި ބޭރުފުށުން އިސްލާމްކަން ފާޅުކޮށްގެން އުޅޭބަޔަކީ މުނާފިގުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ޚުތުބާގައި ބުނީ އިސްލާމްދީނުގެ ހުކުމްތަކާއި ދަރުސްތައް އަޑުއަހައި ތިމާގެ އަމިއްލަ ނަފްސު އިސްލާމީ އިލްމުން މުއްސަނދިކުރަންޖެހޭ ކަމަށެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ ސިއްހީ ގޮތުންނާއި އުމުރުގެ ގޮތުން، އެކިމީހުންގެ ހާލަތު ތަފާތު ކަމަށެވެ. އެހެންކަމުން އެމީހަކަށް ކުޅަދާނަވީ މިންވަރަކުން ހެޔޮ އަމަލު ކުރުމުގައި ދެމިހުރުމަށް ޚުުތުބާގައި ގޮވާލާފައިވެއެވެ. އަދި މާތްﷲގެ ހަސްރަތުގައި އެންމެ ހެޔޮކަން ބޮޑު އަމަލަކީ، ދެމިހުންނަނިވި ގޮތުގައި ކުރެވޭ އަމަލު ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ ތިމާގެ އުމުރުގެ ދުވަސްތަކަކީ ކިހާދުވަހެއްކަމެއް އެއްވެސް މީހަކަށް އެނގިގެން ނުވާ ކަމަށާއި، ނަމަވެސް އުމުރުގެ ދުވަސްތަކަށް ނިމުމެއް އަންނާނެކަން ކަށަވަރުވާ ކަމަށެވެ. ސުވަރުގެއަށް ދިޔުމަށް މަގުކޮށާކަމުގައި ވާނަމަ، ކީރިތި ގުރްއާނާއި މާތް ނަބިއްޔާمُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ސުންނަތަށް އަމަލު ކުރުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.