އެމްޑީޕީ ސަރުކާރު ނިމުނުއިރު މަސް ގަންނަ އަގު ބޮޑުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.
ޝިޔާމް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަހު ކޮޅުގައި މަހުގެ އަގު ބޮޑުކޮށްފައިވަނީ މިފްކޯއިން މަސް ގަންނަ އަގު ބޮޑުކުރީ “ސިޔާސީ ނިންމެވެމެއް” ގެ ގޮތުގައިކަމަށެވެ.
އެގޮތުން 25 ރުފިޔާއަށް މިފްކޯއިން މަސް ކިލޯއެއް ގަންނައިރު އެއީ ދުނިޔޭގެ މާރުކޭޓުގައި މަސްހުރި މިންވަރަށްވުރެ ކިލޯއަކުން 2.6 ރުފިޔާ ބޮޑު އަދަދެއްކަމަށެވެ. އަދި ސަރުކާރުގެ ސަބްސިޑީއާއެކު މަސް ގަންނައިރު ކޮންމެ ކިލޯއަކުން 11 ރުފިޔާގެ ގެއްލުމެއް މިފްކޯއަށްވާކަމަށް ވެސް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު މަޖިލީހުގައި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު ކުރިމަތިކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިފްކޯގެ ހިންގުމުގެ ހަރަދު މިހާރުވެސް 35 އިންސައްތަ ސަބްސިޑައިޒް ކުރަނީ ސަރުކާރުން ކަމަށެވެ.
“ތިރީސް އިންސައްތައަށް ހަރަދު ބެލިކަމުގައި ވީނަމަވެސް އަޅުގަނޑު މި ދަންނަވަނީ އެގާރަ ރުފިޔާގެ ގެއްލުމުގެ ވާހަކަ, އެގާރަ ރުފިޔާގެ ގެއްލުމުގަ މަސްގަތުމަކީ ދައުލަތުގެ އާމްދަނީ މިވަގުތުހުރިގޮތުން އެއީ ދިވެހި ދައުލަތައް ޔަގީނުންވެސް ވަރަށް ބޮޑު ބުރައަކަށްވާނެ. މިވަރުގެ ބޮޑު ސަބްސިޑީއެއް މަސްގަތުމަށްޓަކާ ހޭދަކުރާނަމަ,” -ފިޝަރީޒް މިނިސްޓަރު ޝިޔާމް-
އެމްޑީޕީ ސަރުކާރު ނިމެނިކޮށް ބޮޑުކުރި އަގުގައި މަސްގަނަކަމުގައިވާނަމަ, 1,1 ބިލިއަން ރުފިޔާ ސަބްސިޑީގެ ގޮތުގައި ދިވެހި ދައުލަތުން މިފްކޯއަށް ހޭދަކުރަންޖެހޭނެކަމަށެވެ.
“އެކެއްޕޮއިންޓު އެކެއް ބިލިއަންރުފިޔާ ސަބްސިޑީގެ ގޮތުގައި ދިނުމަކީ ދިވެހި ސަރުކާރަށް ކެރިކުޅަދާނަވެގެންވާކަމެއްކަމުގައި އަޅުގަނޑު ގަބޫލެއް ނުކުރަން,” ފިޝަރީޒް މިނިސްޓަރު ވިދާޅުވިއެވެ.
މަސްގަންނައަގު ހެޔޮކުރީ ކިހާމިންވަރަކަށް ކަމެއް މިނިސްޓަރު ސާފުކޮށް މަޖިލީހުގައި ވިދާޅެއްނުވެއެވެ. ނަމަވެސް ވިދާޅުވީ 17 ރުފިޔާއިން 25 ރުފިޔާއަށް ބޮޑުކޮށްފައި އޮއްވައި އެއަގު ބަދަލުކޮށްފައިވާކަމަށެވެ.
މަސްވެރިން މަސް ގަންނަތާ ސާޅީސް އަށް ގަޑިއިރުތެރޭގައި މަހުގެ ފައިސާ މަސްވެރިންނަށް ދިނުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. ނަމަވެސް ވެރިކަމަށް ވަޑައިގަތްތާ ދެ މަސްވީއިރުވެސް މަސްވެރިންގަންނަ މަހުގެ ފައިސާ ނުލިބޭކަމަށްބުނެ ގިނަ މަސްވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.