ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހަމަޖެއްސުމަށް މަޖިލީހުން ކުރަންޖެހޭ މަޝްވަރާތައް ކުރައްވާނެކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ އިދާރީ މުވައްޒަފުންގެ އަގުވަޒަން ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ، މަޖިލީހުގެ އިދާރީ މުވައްޒަފުން ކުރާ ބުރަ މަސައްކަތް އަބަދުވެސް ފެނިވަޑައިގަންނަވާކަމަށާއި، އެކަން ފާހަަގަ ކުރެވޭކަމަށެވެ. އަދި އެހެނިހެން އިދާރާތަކުން އެ އިދާރާތަކުގެ މުވައްޒަފުންގެ ބޯހިޔާވަހިކަމަށް ޚާއްސަ އިސްކަމެއް ދޭއިރު މަޖިލީހުގެ އިދާރީ މުވައްޒަފުން ތިބެނީ ބާކީވެފައި ކަމަށެވެ.
“މަޖިލިސް އޭގެ ޒާތުގައި ހިނގަމުންދަނީ މަޖިލީހުގެ އިދާރީ މުވައްޒަފުންގެވެސް މިންނެތް މަސައްކަތުގެ ސަބަބުން . ބާއްވާ ހަފްލާއަކުން ނުވަތަ ދެވޭ ސެޓްފިކެޓަކުން އަދި އެ މުވައްޒަފުންގެ ޤައުމީ ޚިދުމަތް ވަޒަންކޮށް ނުލެވިދާނެ. މުޅި ޤައުމުވެސް އެ ޚިދުމަތްތަކާމެދު ފަޚުރުވެރިވޭ” އަސްލަމް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހަކީ ސިޔާސީ އެކި ޕާޓީތައްވެސް ތަމްސީލުކުރާ “ސިޔާސީ ތަނެއް”ކަން ފާހަގަ ކުރައްވައި އަސްލަމް ވިދާޅުވީ، މަޖިލީހުގެ މުވައްޒަފުންނަކީ ވަކި ސިޔާސީ ފިކުރެއްގައި ނުޖެހި އަބަދުވެސް ވަރަށް ސާބިތުކަމާއެކު މަސައްކަތް ކުރާ ބައެއް ކަމަށެވެ.
އަސްލަމް ވަނީ 20 އަދި 25 އަހަރަށްވުރެ ގިނަ ދުވަހު މަޖިލީހުގައި ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންނަށްވެސް އަލިއަޅުވާލައްވާފައެވެ.
އަސްލަމް ވިދާޅުވީ، އިދާރީ މުވައްޒަފުންގެ މުސާރައިގެ ކުރިއެރުން ލިބުން ހުއްޓިފައި އޮތުމާއި، ދައުލަތުގެ އެހެން އިދާރާތަކުގެ މުވައްޒަފުންނަށް ލިބޭ ގޮތަށް ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ޖާގަ ނުލިބުމަކީ މަޖިލީހުގެ މުވައްޒަފުންގެ ހުރި ކަންބޮޑުވުންތަކެއް ކަމަށެވެ.
“ސަރުކާރަކުން ވެސް ނޫން ސަރުކާރުގެ ވަކި އިދާރާއަކުން ވެސް ނޫން، ރައްޔިތުންގެ މަޖިލީހުން އެކަން އިންތިޒާމު ކުރެވެން ޖެހޭނެ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި،” އަސްލަމް ވިދާޅުވިއެވެ.
އެހެންކަމުން އެ މަސައްކަތް މަޖިލީހުގެ މުވައްޒަފުންގެ މަޝްވަރާގެ މަތިން އަދި މަޖިލީހުގެ އަމީންއާންމުގެ މަޝްވަރާގެ މަތިން ކުރިއަށް ގެންދަވާނެކަަމަށް އަސްލަމް ވިދާޅުވިއެވެ.