English Edition
Dhivehi Edition

ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ އަށް ގައުމު ހިމެނޭހެން 35 އަހަރުން މަތީގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

އެލީޓް ޕްލޭޔަރސް ގްރޫޕް (އީޕީޖީ) އިން އިންތިޒާމްކޮށްގެން ބާއްވާ މި މުބާރާތް އޮންނާނީ އަންނަ ޖޫން މަހު، އިންގިސިވިލާތުގައެވެ.

ދުނިޔޭގެ ޗެންޕިއަންކަން ހޯދާފައިވާ ގައުމުތަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ވާދަކުރާ ގައުމުތަކަކީ ބްރެޒިލް، އިޓަލީ، ޖަރުމަނު، އާޖެންޓީނާ، ފުރާންސް، އުރުގުއާއީ، ސްޕެއިން އަދި އިންގްލެންޑް އެވެ.

އީޕީޖީ ކަޕްގެ ނަމުގައި ކުރިއަށް ގެންދަން ނިންމާފައިވާ މި މުބާރާތުގައި އަށް ގައުމަކުން ވާދަކުރާ މި މުބާރާތް ކުރިއަށް ދާނީ މި އަހަރުގެ ޖޫން ހަތަރަކުން ޖޫން މަހުގެ 11 އަށެވެ.

މުބާރާތް ރޭވިފައިވާ ގޮތަށް ބަލާއިރު، މި މުބާރާތުގައި ކުޅޭނީ ޖުމުލަ ހަތް މެޗެވެ. އެގޮތުން ޖޫން 4 އަދި 5 ގައި ކުޅޭނީ ކުއާޓާގެ މެޗުތަކެވެ. ކުއާޓާ ފައިނަލްގެ ހަތަރު މެޗަށް ފަހު ސެމީ ފައިނަލްގެ މެޗުތައް ކުޅޭނީ ޖޫން 8 ގައެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 11 ގައެވެ.

މިމުބާރާތުގައި ވާދަކުރާ ކޮންމެ ގައުމަކުން ވެސް ސްކޮޑްގައި ހިމެނުމަށް ހަމަޖެހިފައިވަނީ 18 ކުޅުންތެރިންނެވެ. އަދި ޓީމު ލިސްޓްގައި ހިމެނޭނީ 35 އަހަރު ފުރިފައިވާ، ގައުމީ ޓީމަށް ނުވަތަ މަތީ ފެންވަރުގައި މަދުވެގެން 100 މެޗު ކުޅެފައިވާ ކުޅުންތެރިންނެވެ.

މި މުބާރާތުގައި ކުޅޭ މެޗުތަކުގެ ދިގުމިނަކީ ޖުމުލަ 70 މިނެޓެވެ. އެއީ 35 މިނެޓުގެ ދެ ހާފެވެ. ބޭނުން ވަރަކަށް ކުޅުންތެރިން ބަދަލުކުރެވެއެވެ.

މި މުބާރާތުގައި ކުރީގެ މަޝްހޫރު ގިނަ ކުޅުންތެރިން ކުޅޭނެއެވެ. އޭގެތެރޭގައި ބްރެޒިލްގެ ރޮނާލްޑީނިއޯ، ފްރާންސްގެ ތިއެރީ އޮންރީ އަދި ޖަރުމަނުގެ މެސުޓް އޮޒިލް ފަދަ ކުޅުންތެރިން ހިމެނެއެވެ.

މި މުބާރާތުގެ މެޗުތައް ކުޅޭނެ ސްޓޭޑިއަމްތައް އަދި ފައިނަލް ނުވި ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުގައި މި މުބާރާތުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ސްޓޭޑިއަމްތައް ފައިނަލް ކުރުމަށް ޕްރިމިއާ ލީގުގެ ބައެއް ބޮޑެތި ކުލަބުތަކާއި އެކު ވަނީ މަޝްވަރާތައް ކުރެވިފައިއެވެ.