ގަތަރުގައި މިހާރު ކުރިއަށްދާ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަަމަ މެޗުގައި ސައުތު ކޮރެއާ ބަލިކޮށް މުބާރާތުގެ ފައިނަލުން ޖޯޑަން ޖާގަ ހޯދައިފި އެވެ.
އަންގާރަ ދުވަހުގެ ރޭ ސައުތު ކޮރެއާ އާއި ދެކޮޅަށް ކުޅުނު މި މެޗު ޖޯޑަން އިން ކާމިޔާބު ކުރީ 0-2 ގެ ނަތީޖާއިންނެވެ.
ސައުތު ކޮރެއާ އަދި ޖޯޑަން ގުރޫޕް ސްޓޭޖުގައިވެސް ބައްދަލުކޮށްފައިވާއިރު، މި މެޗުންވެސް ސައުތު ކޮރެއާއަށް ޖޯޑަން ބަލިކުރެވިފައެއް ނުވެއެވެ. މި މެޗު ވަނީ 2-2 ގެ ނަތީޖާއިން އެއްވަރުވެފައެވެ.
މެޗު ފެށިގެން ދެ ޓީމުންވެސް ވާދަވެރި ކުޅުމެއް ކުޅެމުން ދިޔައިރު، މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެ ހަމަލާތައް އުފެއްދަން މަސައްކަތް ކުރީ ކޮރެއާއިންނެވެ. އެހެންނަމަވެސް ކޮރެއާއަށް ޖޯޑަންގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލެވޭގޮތް ނުވިއެވެ. ޖޯޑަންގެ ފަހަތް ފެނުނީ ވަރަށް ވަރުގަދަކޮށެވެ. ކޮރެއާއިން މުޅި ޓީމު ކުރިއަށް ޖެހިގެން ކުޅެމުން ދިޔައިރު، ޖޯޑަން އިން ވަނީ ކައުންޓާ އެޓޭކުތަކުގައި ކޮރެއާގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެގޮތުން ޖޯޑަން އިން އުފެއްދި ކައުންޓަ އެޓޭކުތަކުގައި ލަނޑުޖަހާނެ ރަގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. ނަމަވެސް އޭގެ އެވެސް ފުރުސަތެއްހެ ބޭނުން އެޓީމަށް ނުހިފުނެވެ.
މެޗުގެ ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން އެއްވަރުވެ އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުވެސް ކޮރެއާއިން ފެށީ ވަރުގަދަކޮށެވެ. މި ހާފުގައިވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ޖޯޑަންގެ ހާފުގެ ތެރޭގައި ކުޅުނީ ކޮރެއާއިންނެވެ. ކޮރެއާގެ މުޅި ޓީމު ކުރިއަށް ޖެހިގެން ކުޅުމުގެ ފައިދާ ނަގައި ޖޯޑަން އިން ލިބުނު ފުރުސަތުގެ ބޭނުން ހިފައި މެޗުގެ ލީޑު ނެގިއެވެ. ދެވަނަ ހާފުގެ 53 ވަނަ މިނެޓުގައި ޖޯޑަންއަށް ލީޑުނގައި ދިނީ ފޯވާޑް ޔަޒާން އަލް ނައިމަތު އެވެ. މި ލަނޑު ޖެހުމަށް ފުރުސަތު ހޯދައިދިނީ މޫސާ އަލް ތަމާރީއެވެ.
ޖޯޑަން އިން އެޓީމުގެ ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 66 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ޖެހުމަށް ފުރުސަތު ހޯދައިދިން އެޓީމުގެ މިޑްފިލްޑަރު މޫސާ އަލް ތަމާރީ އެވެ. މި ލަނޑު ޖެހުމަށް ފުރުސަތު ހޯދައިދިނީ ނިޒާރު އަލް ރަޝްދާންއެވެ.
މުޅި މެޗަށް ބަލާއިރު، ޖޯޑަން އިން ސައުތު ކޮރެއާގެ ގޯލަށް 13 ހަމަލާ ވަނީ ފޮނުވާލަފައެވެ. އޭގެ ތެރެއިން އަށް ހަމަލާ ގޯލާއި އަމާޒުކުރިއެވެ. ސައުތު ކޮރެއާއަށް މުޅި މެޗުގައި ޖޯޑަންގެ ގޯލަށް ފޮނުވާލެވިފައިވަނީ އެންމެ ހަ ހަމަލާއެވެ، ގޯލާއި އަމާޒުކުރެވުނީ އެންމެ ހަމަލާއެކެވެ.
މުބާރާތުގެ ފައިނަލްގައި ޖޯޑަން އިން ނުކުންނާނީ ބުދަ ދުވަހުގެ ރޭ ކުޅެވޭ ސެމީފައިނަލްގެ ދެވަނަ މެޗުގައި އުޒްބެކިސްތާނާއި ގަތަރު ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން ބުދަދުވަހުގެ ރޭ 8 ޖަހާއިރުގައެވެ.