English Edition
Dhivehi Edition
އައްޑޫސިޓީ/ފޮޓޯ އިންޓަނެޓް

އައްޑޫ ސިޓީ ހުޅުދޫ-މީދޫ އާއި ހިތަދޫ ގުޅުވާލާ އައްޑޫ ސިޓީ ބްރިޖުގެ ބަދަލުގައި ރަނގަޅު ފެރީ ނިޒާމެއް ތައާރަފްކުރުމަށް އިކޯކެއާ މޯލްޑިވްސް އިން ގޮވާލައިފިއެވެ.

އައްޑޫ ބްރިޖުގެ ސަބަބުން، ހިމާޔަތްކޮށްފައިވާ އައްޑޫގެ ނޭޗަ ޕާކަށް ގެއްލުން ލިބޭނެ ކަމަށް ލަފާކޮށް އެކޯކެއާ މޯލްޑިވްސް އިން ނެރުނު ބަޔާނެއްގައި ބުނީ އެންމެ ބޮޑަށް ސަމާލުކަމެއް ދެނީ އެ ސަރަޙައްދުގެ ނާޒުކުކަން ބެލެންސްކުރުމަށް ކަމަށެވެ. އެހެންކަމުން ހުޅުދޫ-މީދޫ އާއި ހިތަދޫ ގުޅުވާލާ ބްރިޖުން ބޮޑު ގެއްލުމެއް ލިބޭނެތީ ދެ ވަނަ ވިސްނުމަކަށް ދިއުމަށް އިކޯކެއާ މޯލްޑިވްސް އިން ވަނީ ގޮވާލާފައެވެ. ބްރިޖުގެ ބަދަލުގައި ރަނގަޅު ފެރީ ނިޒާމެއް ތައާރަފްކުރުމަށް ގޮވާލަމުން އެކޯކެއާ އިން ބުނީ އޭރުން ބްރިޖުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުމުން ސަލާމަތްވާނެކަމަށެވެ.

ހިތަދޫ ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރެވޭނީ، ތިމާވެށި ހިމާޔަތްކުރުމުގެ ހަރުދަނާ ފިޔަވަޅުތަކާއި އެކު ތިމާވެށީގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެންކަމަށެވެ. އެހެންކަމުން ތިމާވެށީގެ ރައްކާތެރިކަމަށް އަހައްމިއްޔަތުކަން ދީ، ކަންކަން ނިންމާއިރު އާއްމުންނާ ތިމާވެށީގެ ތަޖުރިބާކާރުން އަދި ކަމާގުޅޭ ފަރާތްތައް ގޮތް ނިންމާ މަރުހަލާގައި ބައިވެރިކުރުމަށް އިކޯކެއާއިން ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން އިކޯކެއާ މޯލްޑިވްސް އިން ވަނީ ކަނެކްޓިވިޓީގެ ބޭނުންތެރިކަން ދެނެގަނެ ބްރިޖެއް ކޮންމެހެން ބޭނުންވާކަމަށް ދެކޭ ނަމަ ހުޅުދޫ-މީދޫ އާއި ގަމާ ގުޅާލުމަށް އެދިފައެވެ. ބްރިޖް މަޝްރޫއުގެ ސަބަބުން ލިބިދާނެ ގެއްލުންތަކަށް ފަރުވާތެރިކަމާ އެކު ވިސްނައި، ހިތަދޫ ހިމާޔަތްކޮށްފައިވާ ސަރަހައްދަށް ލިބޭ ގެއްލުން ކުޑަކުރެވޭނެ އެހެން ހައްލުތަކެއް ހޯދުމަށް ކަމާ ބެހޭ އެންމެހާ އިދާރާތަކަށް އިކޯކެއާ އިން ވަނީ ގޮވާލައިފައެވެ.