English Edition
Dhivehi Edition

އަމާޒަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު އެމްޑީޕީއަށް މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ހޯދުންކަމަށް އެމްޑީޕީގެ ވަގުތީ ރައީސް، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު މިއަދު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް އެމްޑީޕީން މިއަދު ކުރިއަށްގެންދިޔަ ޕްރައިމަރީގެ ކަންކަން ބައްލަވާލެއްވުމަށް މަޖީދިއްޔާ ސްކޫލަށް ވަޑައިގެންނެވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، އަމާޒަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، އެމްޑީޕީއަށް ސާފު އަޣުލަބިއްޔަތު ހޯދުންކަމަށާއި އެމަންޒަރު މިހާރު އެބަފެންނަ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ ޕްރައިމަރީ ނިމުމާއެކު ކެމްޕޭން ހަރަކާތް ލޯންޗުކޮށް، އަތޮޅު ތެރެއަށް ކެމްޕޭން ދަތުރުތައް ފަށާނެކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އިންތިޒާމުތައް ހަަމަޖެއްސުމުގެ މަސައްކަތްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

“މީގެ ކުރިން ވެސް އެމްޑީޕީގައި އިންތިޚާބުތަކާ ދިމާކޮށް ޕްރައިމަރީތައް ބާއްވަމުން އާދޭ. ބައެއް ފަަހަރުފަަހަރު ޕްރައިމަރީ ބާއްވައިގެން ވަރަށް ބޮޑަށް ނުރަނގަޅު ނަތީޖާތަކެއް ނިކުތް ޕްރައިމަރީތައް ވެސް އެބަހުރި. ނަމަވެސް މި ޕްރައިމަރީގައި ކުރިއާލައި ކެންޑިޑޭޓުންގެ މެދުގައި ގިނަ ކަންތައްތަކެއް ނިންމައި ސުލްހަވެރިކަމާއެކު ނިންމުންތައް ނިންމައިފައިވުމުން މިފަަހަރު އެ ފަދަ މައްސަލައެއް ދިމާނުވޭ” ޞާލިހު ވިދާޅުވިއެވެ.

ރައީސް ޞާލިހު ވިދާޅުވީ ސިޔާސީ ކަންކަމުގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހޭ ވަގުތުވެސް އަންނާނެކަމަށާއި، އެހެންނަމަވެސް ޕްރައިމަރީގައި ބަލިވާ ކެންޑިޑޭޓުން، މޮޅުވާ ކެންޑިޑޭޓާއެކު ކުރިއަށް ވަޑައިގަތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެމްޑީޕީ އަބަދުވެސް ކުރިއަށްދާނީ އެންމެން ގުޅިގެން އެކަތިގަނޑެއްގެ ގޮތުގައިކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

“މި ޕްރައިމަރީ ނިމުމަށްފަހުގައިވެސް އަޅުގަނޑުގެ އެދުމަކީ ބަލިވާ ކެންޑިޑޭޓުން މޮޅުވާ ކެންޑިޑޭޓާއިއެކު ކުރިއަށް ދިޔުން. ސިޔާސީ ކަންކަމުގައި ބަލިވާ ފަހަރުވެސް އަންނާނެ.” ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް ޞާލިހު ވިދާޅުވިއެވެ.

އެމްޑީޕީން ނިންމާފައިވަނީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބުައި ހުރިހާ ދާއިރާއަކަށް ވާދަކުރުމަށެވެ. މިގޮތުން މަޖިލިސް ޕްރައިމަރީ ބާއްވާފައިވަނީ 40 ދާއިރާއެއްގައެވެ. އަދި 49 ދާއިރާއެއްގެ ކެންޑިޑޭޓުން ވަނީ ޕްރައިމަރީއަކާ ނުލައި ކަށަވަރުވެފައެވެ. މީގެ އިތުރުން އަދި 4 ދާއިރާއަކަށް އެއްވެސް ކެންޑިޑޭޓަކު ކުރިމަތިލާފައި ނުވާތީ، ޕްރައިމަރީއަށްފަހު އެ ދާއިރާތަކާއިމެދު ގޮތެއް ނިންމާނެކަމަށް އެމްޑީޕީން ބުނެއެވެ.

މިހާރު މި ހިނގާ 19ވަނަ ރައްޔިތުންގެ މަޖިލީހުގަައި ވެސް އެމްޑީޕީއަށް އެންމެ ފުރަތަަމަ ލިބިފައިވަނީ މަޖިލީހުގެ ސުޕަމެޖޯރިޓީއެވެ. ނަމަވެސް އެ ޕާޓީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން ވަނީ އެމްޑީޕީން ވަކިވެ ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް ހަދާފައެވެ.