English Edition
Dhivehi Edition

އިސްރާއީލުން ލުބުނާނުގެ ދެކުނަށް އަރައިގަތުމަށް ތައްޔާރުވަމުން އަންނަކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.

އިސްރާއީލުގެ ޚަބަރުފަތުރާ ވަސީލަތްތަކުން ބުނާ ގޮތުގައި އިސްރާއީލުގެ އަސްކަރިއްޔާއިން މިހާރު ތައްޔާރުވަމުން ދަނީ ލުބުނާނުގެ ދެކުނު ސަރަހައްދަށް އަރައިގަނެ އެތަން އެމީހުންގެ ބާރުގެ ދަށަށް ގެނައުމަށް ކަމަށެވެ.

އަދި މިހާރު އިސްރާއީލުގެ އަސްކަރިއްޔާގެ ސިފައިން އިސްރާއީލާއި ލުބުނާނުގެ ބޯޑަރާއި ދިމާލަށް ދަތުރު ފަށާފައިވާކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.

އިސްރާއީލުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، އިސްރާއީލުން މަސައްކަތް ކުރާނީ ދެކުނު ލުބުނާނު އެމީހުންގެ ބާރުގެ ދަށަށް ގެނެސް ހިޒްބުﷲގެ ބާރު ކަނޑުވާލަން ކަމަށެވެ. އަދި ހިޒްބުﷲ އިން އިސްރާއީލަށާއި އެގައުމުގެ އަސްކަރީ ސިފައިންނަށް އަމާޒުކޮށް ދެމުން ގެންދާ ހަމަލާތައް ނިމުމަކަށް ގެންނާނެ ކަމަށް އިސްރާޢިލުގެ އަސްކަރިއްޔާއިން ބުނެފައިވާ ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.

އިސްރާއީލުން މިހާރުވެސް ލުބުނާނުގެ ދެކުނަށް ބޮމުގެ ހަމަލާތައް ދެމުން އަންނައިރު، ހިޒްބުﷲ އިން ވެސް އަންނަނީ މެދު ނުކެނޑި އިސްރާއީލުގެ އުތުރުގައި ހުންނަ އަސްކަރީ ތަންތަނަށް ހަމަލާތައް ދެމުންނެވެ.

ހިޒްބުﷲ އިން އިސްރާއީލުގެ އަމާޒުތަކަށް ދޭ ހަމަލާތައް ހުއްޓާ ނުލާ ކުރިޔަށް ގެންދާއިރު، އިސްރާއީލުން ވަނީ ހިޒްބުﷲ އަށް ހަމަލާތައް ދިނުން ހުއްޓާލުމަށް ގޮވާލާ އިންޒާރުވެސް ދީފައެވެ. ނަމަވެސް ހިޒްބުﷲ އިން ބުނަމުން ދަނީ އިސްރާއީލުން ގަލަސްތީނަށް ދޭ ހަމަލާތައް ހުއްޓާ ނުލާހާ ހިނދަކު އިސްރާއީލުގެ އަމާޒުތަކަށް ދޭ ހަމަލާތައް ކުރިއަށް ގެންދާނޭ ކަމަށެވެ.

މި ހަމަލާތަކަށް މަހެއްހައި ދުވަސް ވެފައިވާއިރު، އިސްރާއީލުގެ އުތުރުގައި ހުންނަ އަސްކަރީ ތަންތަނަށް ހިޒްބުﷲ އިން ގެންދަނީ ގަވާއިދުން ހަމަލާތައް ދެމުންނެވެ.

ހިޒްބުالله އާއި އިސްރާއީލާ ދެމެދު ހަނގުރާމައެއް ފެށޭނެ ކަމަށް ރިޕޯޓުތައް ބުނަމުން އަންނައިރު، އެމެރިކާއިން ގެންދަނީ އަދިވެސް އިސްރާއީލަށް ގިނަ އަދަދެއްގެ އަސްކަރީ އެހީތައް ފޯރުކޮށްދެމުންނެވެ. އޭގެ ތެރޭގައި އެފް-16 އަދި އެފް-35 ފަޔަރ ޖެޓްތައް ހިމެނެއެވެ.