English Edition
Dhivehi Edition

އިންސާނާގެ ދުންޔަވީ ހަޔާތުގެ އުފަލާއި އަރާމު އަދި އުޚްރަވީ ހަޔާތުގެ ބާއްޖަވެރިކަންވެސް ލިބޭނީ އީމާންކަން ވަރުގަދަކޮށް، އަރުދަނާކޮށްގެން ކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.

ހުތުބާގައި ބުނީ މާއްދިއްޔަތުގެ ތެރެއަށް ގޮސް ހުސްވެފައިވާ މިފަދަ ދުވަސްވަރެއްގައި އީމާންކަން ބަލިކަށިވެ، ނުބައިމަގުން ދެވުމަކީ ވަރަށް ކައިރިކަމެއް ކަމަށާއި މީހާގެ އުޅުމާއި ޢަމަލުތަކުގެ ސަބަބުން އީމާންކަން ބަލިކަށިވެގެން ދާކަމުގައެވެ.

މި މުޖުތަމަޢުގައިވެސް މާރާމާރީއާއި ވައްކަމާއި، ޚިޔާނާތާއި އެކަކު އަނެއްކަކަށް ފުރައްސާރަކުރުން އިތުރުވެފައިވާ ކަމަށާއި ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމާއި ބަދުއަޚްލާޤީ ޢަމަލުތައް ހިންގުން ހައްދުފަހަނައަޅައި ގޮސްފައިވާ ކަމަށް ވެސް ހުތުބާގައި ވިދާޅުވިއެވެ. އަދި މަސްތުވާތަކެތި ބޭނުން ކުރުމާއި އޭގެ ވިޔަފާރި ކުރުން އާއްމުވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން މުޖުތަމަޢު އިސްލާޙްކޮށް މަސްތުވާތަކެތި ފަދަ ބޮޑެތި ޖަރީމާތަކުންނާއި ފާހިޝް ޢަމަލުތަކުން މުޖުތަމަޢު ސަލާމަތް ކުރޭވޭނީ އީމާންކަމުގެ އަޤީދާ ވަރުގަދަކޮށް، ޣައިބުގައިވާ އެންމެހައި ކަންތައްތަކަށް ފުރިހަމަ މާނައިގައި އީމާންވެގެންކަމަށް ވެސް ވިދާޅުވިއެވެ.

ޤައުމުގެ ތަޢުލީމީ ފަލްސަފާއާއި ޤައުމީ މަންހަޖު ފުރިހަމައަށް ތަންފީޒްކޮށް ޅަދަރިންގެ ހިތްތަކުގައި އީމާންކަން ހަރުދަނާ ކުރެވޭނެ ގޮތްތައް މިއަދު ރާވަންޖެހޭ ކަމަށާއި އެދަރިންގެ ހިތްތަކުގައި ދީނީ ޢަޤީދާ ވަރުގަދަވާނެ ގޮތްތަކެއް ވިސްނަން ޖެހޭ ކަމަށް ވެސް ހުތުބާގައި ވިދާޅުވިއެވެ.

ހުތުބާގައި ވަނީ އިސްލާމީ އުއްމަތް ބިނާކޮށް ތަރައްޤީކުރުމުގައި ޒުވާނުން އިސްނެގުމަށް ވެސް އިލްތިމާސް ކުރައްވާފައެވެ.