ދިފޭދޫ ސްޕޯޓްސް އިން އިސްނަގައިގެން އައްޑޫސިޓީ ފޭދޫގައި ބާއްވާ “ފޭދޫ ސޮކަރކަޕް 2018” ފުޓުބޯޅަ މުބާރާތުގެ މައި ސްޕޮންސަރަކަށް ހެޕީމާކެޓް ހަމަޖައްސައިފިއެވެ.
މައި ސްޕޮންސަރުގެ އިތުރަށް ޓައިޓަލް ސްޕޮންސަރަކަށްވެސް މިހާރު ހަމަޖެހިފައިވަނީ އެކުންފުންޏެވެ. އެހެން ކަމުން ދެންމިމުބާރާތް ކުރިއަށްދާނީ އެކުންފުނިން ވިއްކާ ހާޝީޒް ޗޮކްލެޓުގެ ނަމުގައެވެ. މުބާރާތަށް މިހާރު ކިޔާފައިވާ ނަމަކީ “ހާޝީޒް ފޭދޫ ސޮކަރކަޕް 2018” އެވެ.
ހެޕީމާކެޓަކީ ރާއްޖޭގައި ބާއްވާ މިފަދަ މުބާރާތްތަކަށް އެކިގޮތްގޮތުން ވަރަށްބޮޑަށް އެހީތެރިވާ ކުންފުންޏެވެ. ރާއްޖޭގައި ފުޅާދާއިރާއެއްގައި ވިޔަފާރިކުރާ އެ ކުންފުނީގެ ވިޔަފާރި އައްޑޫގައިވެސް ވަރަށްބޮޑަށްވަނީ މަޝްހޫރުވެ މީހުންގެ އިތުބާރު ލިބިފައެވެ.
މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ދިފޭދޫ ސްޕޯޓްސްއިން މިހާރުވަނީ އެކިސަރަހައްދުތަކުގައި ބޭނާތައް ދަމައި އިސްތިހާރު ކުރުމުގެ މަސައްކަތް ފަށައިފައެވެ. އޭގެ އިތުރަށް މުބާރާތް ބާއްވާ ފޭދޫ ފުޓުބޯޅަ ދަނޑު ތައްޔާރު ކުރުމުގެ މަސައްކަތްވެސް މިހާރުވަނީ ފަށައިފައެވެ.
މުބާރާތުގައި ބައިވެރިވެފައިވަނީ ޖުމްލަ 6 ޓީމެވެ. އެހެން ކަމުން މުބާރާތް ކުރިއަށްދާނީ ދެ ގުރޫޕަކަށް ބަހައިގެން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެ ފަހަރު ކުޅޭ ގޮތަކަށެވެ. އެގޮތަށްކުޅެ ސެމީއަށްދާނީ އެންމެގިނަ ޕޮއިންޓް ހޯދާ 4 ޓީމެވެ. ފައިނަލުގައި ކުޅޭނީ ސެމީގައި ކުޅެ މޮޅުވާ ދެޓީމެކެވެ.
މުބާރާތުގެ ގުރުއަތުލުން އޮންނާނީ ޖެނުއަރީމަހުގެ ފަސްވަނަ ދުވަހުއެވެ. މުބާރާތް ފަށާނީ ޖެނުއަރީ 10 ވަނަ ދުވަހުއެވެ. މުބާރާތް ރާވާފައިވާ ގޮތަށް ހުރިހާ ކަމެއްދާ ކަމަށްވާނަމަ ޖެނުއަރީ 26 ގައި މުބާރާތް ނިމޭނެއެވެ.
މި މުބާރާތަކީ ހެޕީމާކެޓުގެ އިތުރަށް އެހެނިހެންވެސް ބައެއް ފަރާތްތަކުގެ އެހީތެރިކަމާއެކު ބާއްވާ މުބާރާތެކެވެ.
މުބާރާތުގެ އެއްވަނަ ހޯދާ ޓީމަކަށްވަނީ 75000 ރުފިޔާގެ އިނާމެއް ހުށަހަޅައިފައެވެ. ދެވަނަ ޓީމަށް ތިރީސް
ހާސް ރުފިޔާވަނީ ހުށަހަޅައިފައެވެ. މިއީ އައްޑޫގައި މިފަދަ މުބާރާތެއް ނުބާއްވާތާ 25 އަހަރު ފަހުން ބާއްވާ މުބާރާތެކެވެ.
ހާޝީޒް ފޭދޫ ސޮކަރކަޕް 2018 މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ އޭއޯ ނިއުސްއެވެ.