English Edition
Dhivehi Edition

ގަތަރުގައި މިހާރު ކުރިއަށްދާ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސީ ގައި އާދިއްތަ ދުވަހުގެ ރޭ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި ހޮންގް ކޮންގް ވާދަކުރި މެޗު 3-1 ގެ ނަތީޖާއިން ޔޫއޭއީ ކާމިޔާބުކޮށްފި އެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިއަ މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ވަނީ ލަނޑުޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ. ނަމަވެސް ލިބުނު ފުރުސަތުތަކުގެ ބޭނުން އެއްވެސް ޓީމަކަށް ހިފޭގޮތެއް ނުވިއެވެ.

ޔޫއޭއީ އިން މި މެޗުގެ ފުރަތަމަ ހާފުގައި ލީޑު ނެގީ ލިބުނު ޕެނަލްޓީ އަކުންނެވެ. މެޗުގެ 35 ވަނަ މިނެޓުގައި ލިބުނު މި ޕެނަލްޓީ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޔޫއޭއީއަށް ލީޑު ނަގައިދިނީ ސުލްތާން އާދިލްއެވެ.

ޔޫއޭއީ ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިންމާލި ނަމަވެސް، ހޮންގް ކޮންގް އިން ވަނީ ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ލަނޑުޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. ހޮންގް ކޮންގް އަށް ނަތީޖާ އެއްވަރުކޮށް ދިން މި ލަނޑު ޖަހައިދިނީ ޗަން ފިލިޕްއެވެ.

ޔޫއޭއީ އިން ދެވަނަ ފަހަރަށް މެޗުގެ ލީޑު ނެގީ މެޗުގެ 52 ވަނަ މިނެޓުގައި ޔައިދް ސުލްތާން ޖަހައިދިން ލަނޑުންނެވެ. މި މެޗުގައި ޔޫއޭއީ އިން އެޓީމު މޮޅުވި ލަނޑު ޖަހާފައިވަނީ މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީ އަކުންނެވެ. އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައި ލިބުނު މި ޕެނަލްޓީ ގޯލުގެ ތެރެއަށް ވައްދާލައިގެން ޔޫއޭއީ މޮޅުކޮށްދިން މި ލަނޑު ޖަހައިދިނީ ޔަހްޔާ އަލް ގައްސާނީއެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ގުރޫޕް ސީގެ އެއްވަނައިގައި މިވަގުތު ޔޫއޭއީ އޮތްއިރު، މިގުރޫޕްގައި ދެން ހިމެނެނީ އީރާން އަދި ފަލަސްތީނެވެ.