English Edition
Dhivehi Edition

ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެތީގެ ބާވަތްތައް ހޯދުމަށް ވަކި ޤައުމަކަށް ބަރޯސާވުން ހުއްޓާލުމަށްޓަކައި އެހެން ޤައުމުތަކުން އެތަކެތި ގެންނަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ވަކި ބަޔަކަށް ބަރޯސާނުވެ، އަމިއްލަ ފައި މައްޗަށް ތެދުވެފައިވާ ބަޔަކަށް ދިވެހިން ހެދުންކަމަށެވެ. އެގޮތުން ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެތީގެ ބާވަތްތައް ހޯދުމަށްވެސް ވަކި ޤައުމަކަށް ބަރޯސާވުން ހުއްޓާލުމަށްޓަކައި އެހެން ޤައުމުތަކުން އެތަކެތި ގެންނަން ނިންމާފައިވާކަމަށެވެ.

އެގޮތުން ރާއްޖެއަށް އެއް އަހަރަށް ބޭނުންވާ މިންވަރަށްވުރެވެސް އިތުރަށް ތުރުކީން ހަނޑު، ހަކުރު، ފުށް ގެންނަން ނިންމަވައި، އެކަމާއި ގުޅޭ އެއްބަސްވުންތައް ޤާއިމްކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން ފިޔާ، ބިސް އަދި އަލުވިވެސް އިތުރު ޤައުމުތަކުން ގެނައުމުގެ މަސައްކަތް ކުރިއަށްދާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

އަދި ހަމައެއާއެކު ދާދި ފަހުން ރާއްޖޭގައި އުފެއްދި މޯލްޑިވެސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ކޮމްޕެނީ އިން ރާއްޖެއަށް ބޭނުންވާ ކާބޯތަކެތީގެ އިތުރުން ކޮންސްޓްރަކްޝަން މެޓީރިއަލްވެސް ރާއްޖެއަށް ބޭނުންވާ ވަރަށް އެތެރެކޮށް އަދި އެހެން ދިމަދިމާލަށް ރީއެކްސްޕޯޓް ކުރެވިގެން ދާނެވަރުގެ ބޮޑު އިކޮނޮމިކް ޒޯނެއް ގާއިމުކުރެވިގެންދާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުުން ރައީސް ވިދާޅުވީ ކުރިއަށް އޮތް ރޯދަމަހު ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ހާއްސަ އިނާޔަތްތަކެއް ހަމަޖައްސަވާނޭކަމަށެވެ. އެގޮތުން ކޮންމެ ގޭބީސީއަކަށް 10 ކިލޯގެ ހަނޑޫ ބަސްތާއަކާއި 10 ކިލޯގެ ފުށް ބަސްތާއެއް ދެއްވުމަށް ނިންމަވާފައިވާކަމަށެވެ.

“މި ރޯދަމަހު އަޅުގަނޑުމެން ފުރަތަމަ ފަހަރަށް ކޮންމެ ގޭބީސީއަކަށް ހިލޭ ދިވެހި ސަރުކާރުގެ ފަރާތުން 10 ކިލޯގެ ހަނޑޫ ބަސްތާއަކާއި 10 ކިލޯގެ ފުށް ބަސްތާއެއް ހަދިޔާކުރާނަން. އޭގެ އިތުރު ކަންތައްތައްވެސް ވާނެ. އަދި މިއަންނަ އަހަރު އެއަށްވުރެ އިތުރުވެސް ކުރާނަން” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މީގެކުރިން ރާއްޖެއަށް ކާޑުގެ ބާވަތްތައް އެތެރެކުރަމުން އައީ އިންޑިއާ އިން ކަމަށެވެ. ނަމަވެސް މިހާރު އިންޑިއާއަށް ބަރޯސާނުވެ ކާޑުގެ ބާވަތްތައް ތުރުކީން ލިބިގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.