English Edition
Dhivehi Edition

ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީ.ޔޫ.ސީ.ޖީ. އިންޓަރނޭޝަނަލް)ގެ ރައީސް ޗާންގ ޔޮންގޗުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް މިއަދު އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕްގެ ރައީސްގެ ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރައްވަމުންގެންދަވާ މި ދަތުރުފުޅުގެ ސަބަބުން، ދެ ޤައުމުގެ ގުޅުންތައް އައު ހަރުފަތަކަށް ގެންދެވިއްޖެ ކަމުގައި ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަނިކުފާނުގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅު ޗައިނާއަށް ކުރެއްވުމަކީ އެމަނިކުފާނަށްވެސް ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފާފުޅެއް ކަމުގައި ވިދާޅުވެފައެވެ. އަދި ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ގުޅުމަކީ ދިވެހި ސަރުކާރަށް ވަރަށް މުހިންމު ގުޅުމެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، ބީ.ޔޫ.ސީ.ޖީ. އިންޓަރނޭޝަނަލްގެ ރައީސް ވަނީ އެ ގްރޫޕުން ކުރިއަށް ގެންދަވާ ތަފާތު މަޝްރޫޢުތަކާ ބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އަދި ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމުގައި ދިވެހި ސަރުކާރަށް ބީ.ޔޫ.ސީ.ޖީ. އިންޓަރނޭޝަނަލް އިން އެއްބާރުލުން ދެއްވާނެކަމުގައިވެސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ބީ.ޔޫ.ސީ.ޖީ. އިންޓަރނޭޝަނަލް އިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ތަޢުރީފުކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގެ ތަރައްޤީއަށްޓަކައި ސަރުކާރުން ކުރިއަށް ގެންދަވާ މުހިންމު މަޝްރޫޢުތަކާ ގުޅޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ ހިއްސާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް ކުރައްވަމުންގެންދަވާ މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއްވެސް ބައިވެރިވެވަޑައިގަންނަވައެވެ.