English Edition
Dhivehi Edition

މިއަހަރުގެެ މާޗު މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށް، ޝަކުވާ ހުށައެޅުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން (އީސީ) ހުޅުވާލައިފިއެވެ.

މި އިންތިހާބުގައި 284،337 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާ ކަމަށް އީސީން ވަނީ ވިދާޅުވެފައެވެ.

އިލެކްޝަން ކޮމިޝަނުން ވިދާޅުވީ މަޖިލިސް އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު 284،327 މީހުންނަށް ލިބިފައިވާކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 139،165 އަންހެނުންނާއި، 145،162 ފިރިހެނުންނެވެ. މިއީ މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބުނު މީހުންނަށް ވުރެ 1523 މީހުން އިތުރު އަދަދެކެވެ. ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓު ލުމުގެ ޙައްޤު ލިބިފައިވަނީ 282,804 މީހުންނަށެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އެ މީހަކު ވޯޓުލާ ދާއިރާ އެނގޭ ގޮތަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓުކޮށްފައެވެ. މީގެއިތުރުން އެސްއެމްއެސް މެދުވެރިކޮށްވެސް ލިސްޓުގައި ނަން އޮތްތޯ ބެލޭނެއެވެ.

އީސީގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، ވޯޓު ލުމުގެ ހައްގު ލިބޭ މީހުންގެ ލިސްޓު އެމީހަކު ވޯޓުލާންޖެހޭ ދާއިރާ އެނގޭގޮތަށް މިހާރު އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައި ވާނެ ކަމަށެވެ. އަދި ލިސްޓު އާންމުކުރުމުން، ލިސްޓުގައި ނަމާއި އެޑްރެސް އޮތީ ރަނގަޅަށްތޯ ބެލުމަށް އެދޭ ކަަމަށް ހަބީބް ވިދާޅުވިއެވެ.

ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ރަށުން ޝަކުވާ ބަލައިގަންނާނީ އެ ރަށެއްގެ ކައުންސިލް އިދާރާއިން ނެވެ. އަދި އައްޑު އާއި ފުވައްމުލަކު ސިޓީގެ އަވަށު އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އިދާރާއިން ޝަކުވާ ބަލައިގަންނާނެކަމަށްވެސް އީސީން ވިދާޅުވެއެވެ. އަދި މާލޭގައި ޝަކުވާ ބަލައިގަންނާނީ ދަރުބާރުގޭގައި ހުންނަ އިންތިހާބާ ބެހޭ މަރުކަޒުންކަމަށްވެސް އިލެކްޝަނުން ވިދާޅުވެއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބުކުރުމަށް ބާއްވާ އިންތިޚާބު އޮންނާނީ އަންނަ މާރޗްމަހުގެ 17 ވަނަ ދުވަހުއެވެ.