English Edition
Dhivehi Edition

މުސްތަޤްބަލްގައިވެސް ޗައިނާއާއި ރާއްޖޭގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނޭކަން ޔަގީންކުރައްވާކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވެއްޖެއެވެ.

ޗައިނާގެ ވެރިން މިކަން ހާމަކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ ރައީސް ޝީ ޖިން ޕިންއާއެކު ބޭއްވެވި ރަސްމީ މަޝްވަރާތަކުގައެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިގްތިސާދީ ކާމިޔާބީގައި ޗައިނާއިން އަދާކުރާ މުހިންމު ދައުރާއި، ރާއްޖޭގެ އިޖްތިމާއީ ބޯހިޔާވަހިކަމާއި، މަތީ ތައުލީމާއި، އުމްރާނީ ތަރައްގީއަށް ޗައިނާއިން ދޭ ދީލަތި އެހީތެރިކަމަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން ރައީސްގެ ވާހަކަފުޅުގައި ވަނީ ފަތުރުވެރިކަމާއި ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ.

ރައީސް ޝީ ވަނީ ރައީސް މުއިއްޒު ރިޔާސީ އިންތިޚާބުން ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ވިދާޅުވެ، ރާއްޖޭގެ ނޫ، ފެހި އަދި ޑިޖިޓަލް އިގްތިސާދުގެ އިތުރުން އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން ބަދަހި ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް މުއިއްޒުގެ ޒައާމަތާއެކު ޗައިނާއާއި ރާއްޖޭގެ ގުޅުމުގެ މުޅިން އައު ސަފްހާއެއް ހުޅުވިގެންދާނޭކަމަށް ޔަގީންކުރައްވާކަމަށްވެސް ޗައިނާގެ ރައީސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ޗައިނާއާއި ރާއްޖޭގެ ރައީސުން ވަނީ ކުރިއަށް އޮތްތަނުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާކަމަށް ވިދާޅުވެފައެވެ. ޗައިނާއާއި ރާއްޖެއާ ދެމެދު ބެއްވި ރަސްމީ މަޝްވަރާތަކަށްފަހު ދެ ޤައުމުގެ މެދުގައި ވަނީ އެކި ދާއިރާތަކުން ގުޅުން ބަދަހިކޮށް، ތަރައްްޤީގެ މަޝްރޫޢުތައް ހިންގުމަށް 20 އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ރައީސް މުއިއްޒު ޗައިނާއަށް ކުރައްވާ މި ދަތުރުފުޅަކީ ޝީގެ ދައުވަތުފުޅަކަށް ޗައިނާއަށް ކުރައްވާ ދަތުރުފުޅެކެވެ.