ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ކުންފުނީގެ ބިލު (ނަންބަރު:7/2023) މިއަދު ތަސްދީގު ކުރައްވައިފިއެވެ.
މި ބިލަކީ، މި އަހަރުގެ ޑިސެންބަރު 5 ވީ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 32 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.
މިއީ ދިވެހިރާއްޖޭގައި ކުންފުނި އުފެއްދުމާއި، ރަޖިސްޓަރީކުރުމާއި، ހިންގުމާއި، އުވާލުމުގެ ހަމަތަކާއި، ކުންފުނިތަކާ ބެހޭގޮތުން ދިވެހިރާއްޖޭގައި އަމަލުކުރެވޭނެ އެނޫންވެސް އުޞޫލުތަކާއި އިޖުރާއަތުތައް ބަޔާންކުރުމުގެ ޤާނޫނެވެ.
މި ގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި ވިޔަފާރި ޝަހްސެއްގެ ގޮތުގައި ކުންފުނި އުފައްދައި، ކުންފުނި ރަޖިސްޓަރީކުރުމާއި، ކުންފުނި ހިންގުމާއި، ކުންފުނި އުވާލުމުގެ ހަމަތަކާއި، އެކަމުގައި ޢަމަލުކުރާނެ އުސޫލުތަކާއި އިޖްރާޢަތުތައް ބަޔާންކުރުން ހިމެނެއެވެ. އަދި، ކުންފުނި ރަޖިސްޓަރީކުރުމާއި، ހިންގުމާއި، އުވާލުމުގެ ކަންކަން ފަސޭހަގޮތެއްގައި ކުރެވޭނެ އިލްތިޒާމުތައް ކަނޑައެޅުމާއި، އިގްތިސާދުގައި ހަރަކާތްތެރިވާ ވިޔަފާރިތަކުން ކުރާ އެކިއެކި މުއާމަލާތްތަކަށް ހާމަކަމާއި ޔަގީންކަން ކަށަވަރުކޮށްދިނުމުގެ ބޭނުމުގައި، ކުންފުނިތަކުގެ ދަފްތަރު އެކުލަވާލުމާއި، ބެލެހެއްޓުމާއި، އާންމުކުރުމާބެހޭ އުސޫލުތައް ކަނޑައެޅުން ވެސް ހިމެނެއެވެ.
މި ގާނޫނުގެ ދަށުން ޕްރައިވެޓް ކުންފުންޏާއި، ޕަބްލިކް ކުންފުންޏާއި، ސަރުކާރުގެ ކުންފުންޏާއި، ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދޭނެކަމަށާއި އުފެއްދޭނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ. އަދި ބޭރުގެ ކުންފުނި ރީ ރަޖިސްޓްރީ ކުރުން މި ޤާނޫނުގެ ދަށުން ލާޒިމުކޮށް، ރީ ރަޖިސްޓްރީ ކުރާނެ ގޮތްތަށް ބަޔާންކޮށްފައިވެއެވެ.
މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، 1 ޖަނަވަރީ 2024 އިން ފެށިގެންނެވެ.