ނަމާދަކީ ޚާއްޞަވެގެންވާ ކިޔުންތަކަކާއި ކަންތައްތަކެއްގެ މައްޗަށް އެކުލެވިގެންވާ ތަކްބީރުން ފެށޭ ސަލާން ދިނުމުން ނިމޭ އަޅުކަމެކެވެ. އެއީ މިއުއްމަތުގެމީހުންގެ މައްޗަށް ކުރުމަށް ފަރުޟު ކުރައްވާފައިވާ 5 ނަމާދެވެ. އެއީ ފަތިސްނަމާދާއި މެންދުރުނަމާދާއި ޢަޞްރުނަމާދާއި މަޣްރިބް ނަމާދާއި ޢިޝާނަމާދެވެ.
ނަމާދަކީ ޝަހާދަތުގެ ދެކަލިމަ އަށް ފަހު އެންމެ ފުރަތަމަ އަދާކުރަން ޖެހޭ އަޅުކަމެވެ. އެއީ ދީނުގެ ދެވަނަ ރުކުން ކަމުގައިވާ ދީނުގެ ތަނބެވެ.
ޤިޔާމަތްދުވަހު އެންމެ ފުރަތަމަ ހިސާބު ބެއްލެވޭ އަޅުކަމަކީ ނަމާދެވެ. ނަމާދު ފަރްޟު ކުރެއްވީ ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، މިޢުރާޖު އަރާވަޑައިގަތް ރޭ ހަތް ވަނަ އުޑުގައި ހުންނަވަނިކޮށެވެ. އެއީ ވަރަށް މަތިވެރި މަޤާމެކެވެ. ހަމަ އެއާ އެކު ނަމާދު ފަރުޟު ކުރެއްވުމުގެ ވަޙީ ބާވާލެއްވީ ވަޙީގެ މަލާއިކަތާ މެދުވެރި ނުވެ އެވެ. އަނެއް މުހިންމު ކަމަކީ ނަމާދު ފަރުޟު ކުރެއްވީ ދުވާލަކު 50 ނަމާދު ކުރާ ގޮތަށް ކަމަށް ވިއަސް ކީރިތި ރަސޫލާގެ އެދިވަޑައިގަތުމަށް، ފަސް ނަމާދަށް ލުއި ކުރެއްވި ކަމެވެ.
ރަސޫލު ﷲ ޞައްލަﷲ ޢަލައިހިވަސައްލަމް މިޢުރާޖަށް އަރައިވަޑައިގެންނެވިރޭ، އެކަލޭގެފާނު މާތް ﷲ ގެ ޙަޟްރަތަށް އެއިލާހުގެ ‘ޢަރްޝިފުޅުގެ’ އަރިހަށް ކުއްތަންވެ ވަޑައިގެންނެވިއެވެ. އެއިލާހު އެކަލޭގެފާނަށް ބަސްފުޅު ވަޙީކުރެއްވިއެވެ. އެކަލޭގެފާނު އެއިލާހަށް ޘަނާދެންނެވިއެވެ. މިއީ އެކަލޭގެފާނު ފިޔަވައި އެހެން އެއްވެސް އިންސާނަކަށް ލިބިފައިވާ އަދި ލިބޭނެވެސް ޝަރަފެއްނޫނެވެ. އެރޭ މާތް ﷲ ، އަޅުގަނޑުމެންގެ ލޮބުވެތި ރަސޫލާ މުޙައްމަދު ރަސޫލު ޞައްލަﷲ ޢަލައިހިވަސައްލަމް މެދުވެރިކުރައްވައި މިއުންމަތަށް ހަދިޔާއެއްގެ ގޮތުގައި 50 ނަމާދު ފަރުޟުކުރެއްވިއެވެ.
ރަސޫލު ﷲ ޞައްލަﷲ ޢަލައިހިވަސައްލަމް އެހިލާހުގެ ޙަޟްރަތުން އެނބުރިވަޑައިގަންނަވަނިކޮށް މޫސާ ޢަލައިހިއްސަލާމާއި ބައްދަލުވެ ވަޑައިގަތެވެ. މޫސާގެފާނު އެކަލޭގެފާނަށް ދެންނެވިއެވެ. ” މާތް ﷲ ކަލޭގެފާނުގެ އުންމަތަށް ހަދިޔާކުރެއްވީ ކޮން އެއްޗެއްތޯއެވެ.” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ” 50 ނަމާދެވެ.” މޫސާގެފާނު ވިދާޅުވިއެވެ. “ކަލޭގެފާނުގެ އުންމަތުގެ މީސްތަކުންނަށް ރެއާއި ދުވާލު 50 ނަމާދުކުރުން ބުރަކަމަކަށްވެދާނެއެވެ. ވުމާއެކު، ވަޑައިގެން އެއަށްވުރެ ލުއިކޮށްދެއްވާތޯ ދަންނަވާށެވެ.”
ދެން ރަސޫލު ﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ދެވަނަ ފަހަރަށް ﷲ ގެ ޙަޟްރަތަށް ވަޑައިގެން 50 ނަމާދަށްވުރެ ލުއިކޮށްދެއްވުމަށް ދެންނެވިއެވެ. މަތިވެރި މާތް ﷲ އެކަލޭގެފާނުންގެ ދެންނެވުން ޤަބޫލުފުޅު ކުރެއްވިއެވެ. އަދި 40 ނަމާދަށް ލުއިކޮށްދެއްވިއެވެ.
ދެންފަހެ، ރަސޫލު ﷲ ޞައްލަﷲ ޢަލައިހިވަސައްލަމް އެނބުރި ވަޑައިގަންނަވަނިކޮށް މޫސާ ޢަލައިހިއްސަލާމާއި ބައްދަލުވެ ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މިފަހަރު ކިތައް ނަމާދުތޯއެވެ.؟ ލޮބުވެތި ރަސޫލާ ޙަދީޘްފުޅު ކުރެއްވިއެވެ. “40 ނަމާދެވެ.” މޫސާގެފާނު ވިދާޅުވިއެވެ. ތިވަރުވެސް ކަލޭގެފާނުގެ އުއްމަތަށް ބުރަވާނެއެވެ. އަދި ދަންނަވާށެވެ.
އަނެއްކާވެސް ލޮބުވެތި ރަސޫލާ ޢާލަމްތަކުގެ ވެރި އިލާހުގެ ޙަޟްރަތަށް ވަޑައިގެންނެވިއެވެ. އަދި އެއަށްވުރެ ލުއިކޮށްދެއްވުމަށް އެދި ދެންނެވިއެވެ. އެހިނދު މަތިވެރި މާތް ﷲ 30 ނަމާދަށް ލުއިކޮށް ދެއްވިއެވެ. މިފަހަރުވެސް މޫސާގެފާނާއި ބައްދަލުވެވަޑައިގެން އިހުފަދައިން ވިދާޅުވިއެވެ. އަނެއްކާވެސް ރަސޫލު ﷲ ޞައްލަﷲ ޢަލައިހިވަސައްލަމް އެއަށްވުރެ ލުއިކޮށްދެއްވުމަށް އެދި އިލާހީ ދަރުބާރުގައި ދެންނެވިއެވެ. މިގޮތަށް ކޮންމެ ފަހަރަކު ލުއިކޮށް ދެއްވަމުންގޮސް 10 ނަމާދަށް ވެއްޖެއެވެ. މިފަހަރުވެސް މޫސާގެފާނު އެއަށްވުރެވެސް ލުއިކޮށްދެއްވުމަށް ދަންނަވާށޭ ވިދާޅުވިއެވެ. އަނެއްކާވެސް ރަސޫލާ އެއަށްވުރެ ލުއިކޮށްދެއްވާތޯ ދެންނެވިއެވެ. އެންމެ ފަހުން 5 ނަމާދަށް ލުއިކޮށްދެއްވިއެވެ.
ދެންވެސް މޫސާގެފާނު ވިދާޅުވިއެވެ. “ތިޔަވަރުވެސް ކަލޭގެފާނުގެ އުއްމަތުގެ މީސްތަކުންނަށް ގިނަވެދާނެއެވެ. ކަލޭގެފާނުގެ އުއްމަތުގެ މީހުންނަކީ ވަރަށް ނިކަމެތި، ބަލިކަށި ބައެކެވެ.” އަދިވެސް ދަންނަވަންވީ ނޫންތޯއެވެ.؟
އެހިނދު ލޮބުވެތި ރަސޫލު ﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ޙަދީޘް ކުރެއްވިއެވެ. ތިމަން ކަލޭގެފާނު މިއަށްވުރެ އިތުރަށް ދަންނަވަން ލަދުފުޅުގެން ވަޑައިގަންނަވަމެވެ. އަދި އެއިލާހުގެ ޙަޟްރަތަށް ވަޑައިގަންނަވަން ދެނެއް ކެރިވަޑައެއް ނުގަންނަވާނެއެވެ. މިވަރު ތިމަންކަލޭގެފާނު ޤަބޫލުކުރައްވައި ރުހިވަޑައިގަންނަވާނީއެވެ.” (ބުޚާރީ)
މި ލިޔުމަށް މައުލޫމާތު ނަގާފައިވަނީ ރާއްޖޭގެ ބައެއް ދީނީ ޢިލްމުވެރިން ލިޔުއްވާފައިވާ ލިޔުންތަކާއި ފަތުވާތަކުންނެވެ.