English Edition
Dhivehi Edition

އެމެރިކާ އިސްވެ އޮވެ، ޔަމަނުގެ ހޫތީންނާއި ދެކޮޅަށް ރައްކަނޑުގައި ހިންގަން މަސައްކަތް ކުރާ ބޮޑު އޮޕަރޭޝަން އަވަހަށް ފެއްޓުމަށް ހޫތީން ގޮވާލައިފިއެވެ.

ހޫތީން ނެރުނު ބަޔާނެއްގައި ބުނީ އެމެރިކާއާއި އެގައުމަށް އަޅުވެތިވާ ބައެއް ގައުމުތަކާއި އެކު އެކުލަވާލާފައިވާ ކޯލިޝަން އަކުން ރަތްކަނޑަށް ދޭ ހަމަލާތަކާއި ދެކޮޅަށް މަސައްކަތް ކުރުމަށް ބޮޑެތި އޮޕަރޭޝަންތަކެއް ހިންގުމަށް އެމެރިކާއިން ރާވަމުން އަންނަކަމަށާއި އެ އޮޕަރޭޝަންތައް ވީހާވެސް އަވަހަކަށް ފަށެމުން އެރިކާއަށް ގޮވާލާކަމަށެވެ. އަދި މި އޮޕަރޭޝަން އަށް ވަރަށް ބޮޑަށް ތައްޔާރުވެ ތިބިކަމަށް ހޫތީން ވަނީ ބުނެފައެވެ.

ހޫތީން ބުނީ އެމެރިކާ އިސްވެ އޮވެ ކިތެންމެ ބޮޑު އޮޕަރޭޝަނެއް ރައްކަނޑުގައި ހިންގި ނަމަވެސް އެކަމާއި ކުޑަކޮށްވެސް ޖެހިލުންވެ ބިރު ނުގަންނަކަމަށާއި ރައްދުގައި އެމެރިކާއަށް ސިހުން ގެނުވާފަދަ ހަމަލާތަކެއް ދޭނޭކަމަށެވެ. އަދި ދުވަހަކުވެސް އެމެރިކާ ހަނދާން ނުނެތޭފަދަ ހިތި ރަހައެއް އަރުބުޑުގައި ލައްވާލާނޭ ކަމަށް ވެސް ހޫތީން ބުނެފައިވެެއެވެ.

” އެމެރިކާ ޢައި އެގައުމަށް އަޅުވެތިވެގެން ތިބި ގައުމުތަކުގެ ކޯލިޝަނުން ހިންގަން އުޅޭ އޮޕަރޭޝަން އަވަހަށް ފެއްޓުމަށް ގޮވާލަން. އަހަރެމެން މިތިބީ ވަރަށް ވަރުގަދައަށް އެ އޮޕަރެޝަނަށް ތައްޔާރުވެގެން.” ހޫތީން ބުނެފައިވެއެވެ.

ރިޕޯޓުތައް ބުނާގޮތުން އެމެރިކާއިން ހޫތީން ދޭ ޑްރޯން ހަމަލާއެއް ހުއްޓުވުމަށް ބޭނުންކުރާނެ އެންމެ މިސައިލަކަސް ވެސް ދެ މިލިއަން ޑޮލަރު ޚަރަދުވާނެއެވެ. ހޫތީ ޑްރޯންގެ އަގަކީ 2،000 ޑޮލަރެވެ. އެހެންކަމުން މިއީ އެމެރިކާއަށް ބޮޑު ގޮންޖެހުމަކަށް ވާނޭ ކަމެއްކަމަށް ރިޕޯޓުތައް ބުނެއެވެ.

ހޫތީން ދަނީ ރަތްކަނޑު ހުރަސްކޮށް އިސްރާއީލަށް ދަތުރުކުރާ ހުރިހާ ބޯޓުތަކަކަށް ޑްރޯން އާއި އެންޓި ޝިޕް ބެލިސްޓިކް މިސައިލްތައް ބޭނުންކޮށްގެން ހަމަލާތައް ދެމުންނެވެ. މި ހަމަލާތައް ހުއްޓުވުމަށް އެމެރިކާއިން ދަނީ ހޫތީންނާއި ދެކޮޅަށް ރައްކަނޑުގައި ވަރުގަދަ ކޯލިޝަން އޮޕަރޭޝަނެއް ހިންގުމަށް ތައްޔާރުވަމުންނެވެ.