ރާއްޖޭގައި އުފައްދައި ވިއްކާ “ލައިފް” ގެ ޕްރިމިއަމް ޑްރިންކިން ވޯޓަރ ގެ ބެޗް ނަމްބަރު 447 ގެ ފެނުގެ ސާމްޕަލް ފުޅިތަކުގެ ތެރެއިން އެއްވެސް ފުޅިއެއް ގައި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ބަޔާނުގައި ފާހަގަކުރައްވާފައިވާ ފަދަ ކުނޑިކޮޅުތަކެއް ނެތް ކަމަށް އިންޓަނޭޝަނަލް ބެވެރެޖް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (އައިބީސީ) އިން ބުނެފިއެވެ. އިންޓަނޭޝަނަލް ބެވަރޭޖަސް ހިންގަނީ ހެޕީ މާކެޓުންނެވެ.
ލައިފް ފެނުގެ 447 ވަނަ ބެޗުގެފެންފުޅިތަކުގައި ކަޅު ކުލައިގެ ކުނޑިކޮޅުތަކެއް ހުރުމާ ގުޅިގެން އެ ބެޗްގެ ފެން ނުވިއްކުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަނީ މިމަހުގެ ހަތަރުވަނަ ދުވަހު އަންގައިފައެވެ. އެކަމާ ގުޅިގެން އައިބީސީ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެކުންފުނިން އުފައްދާ ލައިފް ފެނަކީ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް އުފައްދާ ފެނެއްކަމަށެވެ.
އައިބީސީން ޑިސެމްބަރު 4 ވަނަ ދުވަހު އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ފެން އުފައްދަނީ ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ކަމަށާއި އައިބީސީގެ ފެން ޕްލާންޓްތަކުން އުފައްދާ ފެނަކީ ނޭޝަނަލް ހެލްތް ލެބޯޓްރީ އިން ޓެސްޓްކޮށް އެއްވެސް މައްސަލައެއް ނެތްކަމަށް އެ ފަރާތުން ރިޕޯޓުކުރުމުން ނޫނީ ބާޒާރަށް ނުވިއްކާ އެއްޗެއްކަމަށެވެ. މިގޮތުން ބެޗް 447 އަކީވެސް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ނިސްބަތްވާ ނެޝަނަލް ހެލްތް ލެބޯޓްރީ އިން ޓެސްޓް ކުރެވި އޭގެ ފިޒިކަލް އެޕެއަރެންސް ކްލިއާ އެންޑް ކަލަ ލެސް ކަމަށް އެ އޮތީރިޓީގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ބެޗެކެވެ.” އައިބީސީ އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އައިބީސީން ބުނީ ޑްރަގް އޮތޯރިޓީން ފެނުގެ މުޅި ބެޗެއް ރިކޯލް ކުރުމަށް ނިންމައި އާންމުކޮށް ބަޔާން ނެރުމުގެ ކުރިން އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްގައި އަމަލުކުރާގޮތަށް މިކަމާ ގުޅިގެން އެ ކުންފުންޏަށް ފޮނުވަން ޖެހޭ ލެބޯޓްރީ ތަހުލީލުތަކުގެ ރިޕޯޓާއި އަދި ކުނޑިކޮޅުތައް ފެނިފައިވާ ފުޅިއެއްކަމަށް ބުނާ ސީލްކޮށްފައިވާ ފުޅިއެއް އެކުންފުންޏާ ހަވާލުކޮށްފައި ނުވާ ކަމަށެވެ، އަދި އެކަމާ ގުޅިގެން އެކުންފުނީގެ ބޮޓްލިން ޕްލާންޓް އިންސްޕެކްޓްކޮށް މިފަދަ ކުނޑިކޮޅުތައް ބޮޓްލިންގ ޕްރޮސެސްގައި ފުޅިއަށް އެޅުމަކީ ވެދާނެކަމެއްތޯވެސް ބަލާފައިނުވާކަމަށެވެ.
“އެހެންވެ މިކަމަކީ މިފަދަ އޮތޯރިޓީއަކުން ވަރަށް ޒިންމާދާރުކަން ކުޑަކޮށް އަދި އާންމުންގެ ތެރޭގައި ކަމުގެ ހަގީގަތް އޮޅިގެން ދިއުމަށް މަގުފަހިވާ ގޮތަށް ގަސްތުގައި އަމިއްލަ ވިޔަފާރިއަކަށް ގެއްލުން ދިނުމަށް ކޮށްފައިވާ ކަމެއް ކަމަށް މިކުންފުނިން ދެކޭ ހާލު މިފަދަ ކަންކަން މިއަށް ވުރެ ޒިންމާދާރު ގޮތަކަށް ކުރުމަށް މިކުންފުނިން އިލްތިމާސް ކުރަން” އައިބީސީގެ ބަޔާނުގައި ބުނެފައިވެއެވެ.
އައިބީސީ އިން ބުނީ 447 ވަނަ ބެޗްގެ ސާމްޕަލް ފުޅިތައްވެސް އެ ކުންފުނީގެ ސްޓޯރޭޖްގައި އެބަހުރި ކަމަށާއި އެއިން އެއްވެސް ފުޅިއެއްގައި އެމްއެފްޑީއޭގެ ބަޔާނުގައިބުނެފައިވާ ފަދަ ކުނޑިކޮޅުތައް ނެތް ކަމަށެވެ.
އަދި އެ ބެޗަށްފަހު ނެރުނު 100 އަށް ވުރެ ގިނަ ބެޗުގައިވެސް އެފަދަ ކަމެއް ފާހަގަ ނުވާ ކަމަށް އެކުންފުނިން ބުނެއެވެ. އަދި ވިއްކުން މަނާކުރި ބެޗްގެ ގާތްގަނޑަކަށް ފަސް ލައްކައެއްހާ ފުޅި އުފެއްދިކަމަށާއި އެއީ މީގެ ދެމަހެއްހާ ދުވަސް ކުރިން އުފެއްދި ބެޗެއް ކަމަށްވެސް އައިބީސީ އިން ބުނެއެވެ.