English Edition
Dhivehi Edition
ކްރިމިނަލް ކޯޓު - ފޮޓޯ: އަވަސް

ހަތަރު ލައްކަރުފިޔާގެ މުދާ ވަގަށް ނެގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

މި ވައްކަމުގެ މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ.ވިލިނގިއްޔަށް ނިސްބަތްވާ 39 އަހަރުގެ ފިރިހެނެކެވެ. އެ މީހާގެ މައްޗަށް ކުރަނީ ވައްކަން ކުރުން، ހުއްދަ ނޫން ތަނަކަށް ވަނުން އަދި މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގައި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 10 ދުވަސް ވަންދެން ކަސްޓޯޑިއަލް ޖަލެއްގައި އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރު ނެރެފައެވެ. އަދި އޭނާގެ މައްޗަށް ތުހުމަތު ކޮށްފައިވާ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރުގެ ހެއްކާ ގަރީނާ ހުށަހަޅާފައިވާ ކަމަށް އެ ހުކުމުގައި ވަނީ ބުނެފައެވެ. މި ގޮތުން ސީނަށް ދިޔަ ފުލުހުންނާ، ހެކިންގެ ބަޔާން އަދި ސީސީޓީވީ ސްނެޕްޝޮޓް ވަނީ ހުށަހަޅާފައެވެ.

މީގެ އިތުރުން އެ ކޯޓު އަމުރުގައި ވަނީ އޭނާ ހައްޔަރުކޮށްފައި ވަނީ ޖިނާއީ އިޖުރާއަތާ އެއްގޮތަށް ކަމަށާއި ވަގަށް ނެގި މުދަލުގެ އަގު ހަަތަރު ލައްކަ ރުފިޔާއަށް އަރާކަމަށް އިންވެސްޓިގޭޝަން އޮފިސަރުން ބުނެފައިވާ ކަމަށެވެ. އަދި އޭނާގެ އަންހެނުން އުޅެނީ ވިހައިގެން ކަމަށާއި އޭނާއަށް އަޅާލާނެ އިތުރު މީހަކު ނުހުންނާނެ ކަމަށް އޭނާ ބުނެފައިވީ ނަމަވެސް އެފަދަ މައުލޫމާތެއް އަދި މިހާތަނަށް ލިބިފައި ނުވާ ކަމަށް އިންވެސްޓިގޭޝަން އޮފިސަރުން ބުނެފައިވާކަން އެ އަމުރުގައި ވަނީ ބަޔާންކޮށްފައެވެ.