English Edition
Dhivehi Edition

މޯލްޑިވްސް އިސްލާމިކް ބޭންކުގެ އޭޓީއެމް މެޝިނެއް ފޭދޫގައި ބެހެއްޓުމަށް ނިންމައިފިއެވެ. މި މެޝިން ބެހެއްޓުމަށްޓަކައި ފޭދޫ ސެކްޝަން އިމާރާތުގެ ތެރެއިން ކުއްޔަށް ދޫކޮށްފައިވާ ބިން، އިސްލާމިކް ބޭންކާ ރަސްމީކޮށް މިއަދު ވަނީ ޙަވާލުކޮށްފައެވެ. 150 އަކަފޫޓުގެ މި ބިން އިސްލާމިކް ބޭންކާ ހަވާލުކޮށްފައިވައިނީ 10 އަހަރުގެ މުއްދަތަށެވެ. 2014 ވަނަ އަހަރުގެ މާރޗް މަހުގެ 13 ވަނަ ދުވަހުގައި އިސްލާމިކް ބޭންކުގެ ޚިދުމަތް ފަށާފައިވާއިރު މިހާތަނަށް އެޓީއެމްގެ ޚިދުމަތް ތައާރަފްކޮށްފައިވަނީ ހަމައެކަނި ހިތަދޫގައެވެ. އިސްލާމިކް ބޭންކުގެ ހިތަދޫ ބްރާންޗުގެ މެނޭޖަރ ޝަފްރާޒް ޒާހިރު “އޭއޯނިއުސް” އަށް ވިދާޅުވީ މިއަދު ވެވުނު އެއްބަސް ވުމާއެކު ކުރިއަށް އޮތް 3 މަސް ދުވަހުގެ ތެރޭގައި ފޭދޫގައި އޭޓީއެމްގެ ޚިދުމަތް ދެވޭ ވަރުވާނެ ކަމަށެވެ. އަދި އުއްމީދަކީ ހުޅުމީދޫގައި ވެސް އިސްލާމިކް ބޭންކުގެ ޚިދުމަތް ވަރަށް ފެށޭނެ ގޮތް ވުން ކަމަށް ޝަފްރާޒް ވިދާޅުވިއެވެ. ރާއްޖޭގައި ހިދުމަތް ފެށިތާ 6 އަހަރު ވެފައިވާ މޯލްޑިވްސް އިސްލާމިކް ބޭންކުން އައްޑޫގައި ހުޅުވި ބްރާންޗަށް ގިނަ ބައެއްގެ ތަރުހީބު ދަނީ ލިބެމުންނެވެ.