English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، “ހިއުމަން ރައިޓްސް 75” ފާހަގަކުރުމަށްޓަކައި ބާއްވާ މަތީ ފަންތީގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ “ޕްލެޖިންގ ޓްރީ ސެޝަން”ގައި، އިންސާނީ ޙައްޤުތައް ރައްކާތެރި ކުރުމާ ގުޅޭގޮތުން ދިވެހިރާއްޖެއިން ވަޢުދުވާ ކަންކަން ހިމެނޭ ބަޔާން އިއްވަވައިފިއެވެ.

ސްވިޒަރލެންޑްގެ ޖެނީވާގައި މިއަދު ބޭއްވި މި ހަރަކާތުގައި ރާއްޖެއިން ވަނީ 5 ކަމަކަށް ވަޢުދުވެފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ރާއްޖޭގައި އިންސާނީ ޙައްޤުތައް ނެގެހެއްޓުމުގެ ސަގާފަތް އާލާކުރުމަށްޓަކައި މި ދާއިރާއިން މީހުން ބިނާކުރުމަށް މިހާރުގެ ސަރުކާރުން ދޭ އަހަންމިއްޔަތު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، އިންސާނީ ހައްޤުތަކާ ގުޅޭގޮތުން އެކުލަވާލާފައިވާ ދިވެހިރާއްޖޭގެ އޮނިގަނޑުތައް ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ދެމެހެއްޓުމަށާއި، ބައިނަލްއަޤްވާމީ މުޢާހަދާތަކަށް އަމަލުކުރާ ގޮތާމެދު މައުލޫމާތު ދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށާއި، އިންސާނީ ޙައްޤުތައް ނެގެހެއްޓުމަށް އުފައްދާފައިވާ ބައިނަލްއަޤްވާމީ އެކިއެކި ނިޒާމުތަކާއެކު އިތުރަށް ގުޅުން ބަދަހި ކުރުމަށް މިހާރުގެ ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާނެކަމަށް ދިވެހިރާއްޖޭގެ ފަރާތުން ވަޢުދު ވެވަޑައިގެންފައެވެ.

މީގެ އިތުރުން، މުޖުތަމައުގައި ފަރުދީގޮތުން އަދާކުރާ ދައުރާއި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމުގައި އަންހެނުންނާއި އަންހެން ކުދިންނަށް ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ދިވެހިރާއްޖެއިން ވަޢުދުވާކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބަޔާންކުރެއްވިއެވެ. އަދި އެއްވެސް ކުއްޖެއް ބާކީނުކޮށް ހަމަހަމަ ގޮތެއްގައި ތަޢުލީމު ހޯދުމަށް މަގުފަހިކޮށްދިނުމަށާއި ކުޑަކުދިންގެ ރައްކާތެރިކަމަށް ޤައުމީ ފެންވަރުގައި އެކަށައަޅާފައިވާ ނިޒާމުތައް އިތުރަށް ހަރުދަނާކުރުމަށްވެސް ރާއްޖެއިން ވަޢުދުވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެންމެފަހު ވަޢުދެއްގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ދިވެހިންގެ އިންސާނީ ޙައްޤުތަކާ ގުޅިލާމެހިފައިވާކަން ފާހަގަކުރައްވައި، ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ދިވެހިންގެ މުސްތަޤްބަލު ކަށަވަރު ކުރުމަށްޓަކައި މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންވެރިކަން އިތުރުކުރުމަށް ރާއްޖެއިން މަސައްކަތްކުރާނެކަން ފާހަގަކުރައްވާފައެވެ.

މެންބަރު ޤައުމުތަކުން މާނަހުރި ކަންތައްތަކެއް ކުރުމަށް ބާރުއެޅުމުގެ ގޮތުން އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ހައިކޮމިޝަނަރުގެ އޮފީހުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި ކެމްޕެއިންގައި، 100 އަށްވުރެ ގިނަ މެންބަރު ޤައުމުން ވަނީ އެޤައުމުތަކުން ވަޢުދުވާ ކަންކަން ހުށަހަޅާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ސްވިޒަރލެންޑްގެ ޖެނީވާއަށް ވަޑައިގެންފައިވަނީ އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަޤްވާމީ މުއާހަދާ “ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް” އަށް 75 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމަށްޓަކައި ބާއްވާ މަތީ ފަންތީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށެވެ. މި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މި ހިނގާ ޑިސެންބަރު މަހުގެ 11-12 ވަނަ ދުވަހުގެ ނިޔަލަށެވެ.