English Edition
Dhivehi Edition
ފުވައްމުލައް ސިޓީގައި މިފަހަކަށް އައިސް ގިނަ އަދަދަކަށް އެކްސިޑެންޓް ހިނގަމުންދާތީ އެކަމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން: ފޮޓޯ ފުވައްމުލައް ކައުންސިލް

ފުވައްމުލަކުގައި ރޭ ދަންވަރު ހިނގި އެކްސިޑެންޓެއްގައި 14 އަހަރުގެ ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން ފަރުވާދޭން ފަށައިފިއެވެ.

މިއެކްސިޑެންޓްގައި އަނިޔާވެފައިވަނީ ޢުމުރުން 14 އަހަރުގެ ފިރިހެން ކުއްޖަކަށްކަމަށް ފުލުހުން ވިދާޅުވެއެވެ. އެކުއްޖާއަށް މިވަގުތު ފުވައްމުލަކު ހޮސްޕިޓަލުން ފަރުވާ ދެމުންދާއިރު ކުއްޖާގެ ޙާލު ސީރިއަސްކަމަށް ހޮސްޕިޓަލާއި ޙަވާލާދީ ފުލުހުންވަނީ ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވީ ސައިކަލަކާއެކު މަގުމައްޗަށް ވެއްޓިފައި އޮތް ކުއްޖަކު ފެނުނީ ރޭ ދަންވަރު 0340ހާއިރު މަގުމަތި ޕެޓްރޯލްކުރަމުންދިޔަ ފުލުހުންގެ ޓީމަކަށްކަމަށެވެ.

މި އެކްސިޑެންޓު ހިނގައިފާވަނީ 14 ވަރަކަށް އަހަރުގެ ފިރިހެން ކުއްޖަކު ރޭ ދަންވަރު ގޭގެ މީހުން ނިދާފާ ތިއްބާ ސިއްރުން ސައިކަލު ގެންގޮސް ދުއްވަން އުޅެނިކޮށް ފާރެއްގައި ޖެހިގެންކަމަށް އެ ސިޓީއިން ވާހަކަ ދެއްކި މީހަކު މައުލޫމާތު ދީފައިވެއެވެ. އެމީހާ ބުނީ އެކްސިޑެންޓްވީ ކުއްޖާއަށް ފަރުވާ ދިނުމަށް ފުވައްމުލަކު އައި ސީ ޔޫ ގައި ބޭއްވުމަށް ފަހު އިތުރު ފަރުވާއަށް މާލެ ފޮނުވާލުމަށް ދަނީ ތައްޔާރުވަމުން ކަމަށެވެ.

ފާއިތުވި 1 މަސް ދުވަހުގެ ތެރޭގައި ފުވައްމުލައް ސިޓީގައި އާދަޔާޚިލާފަށް ހިނގާފައިވާ މަގުމަތީގެ އެކްސިޑެންޓުތަކުގެ އަދަދު ނިސްބަތުން ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެ އެކްސިޑެންޓުގައި އަނިޔާވި ބައެއް ފަރާތްތަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާތީވެ އެކަމާއި ގުޅިގެން އެ ސިޓީގައި އެކްސިޑެންޓް މަދުކުރުމަށް ކުރެވެންހުރި ކަންތައްތަކާއި ބެހޭ ގޮތުން މަޝްވަރާކުރުމަށް ފުވައްމުލައް ސިޓީ ކައުންސިލާއި ފުވައްމުލައް ޕޮލިސް ސްޓޭޝަންއާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ސަދަން އޭރިއާ ކޮމާންޑް ފުވައްމުލައް ޕޯސްްޓް އާއި ފުވައްމުލައް ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ފުވައްމުލައް އޮފީސް އާއި ފުވައްމުލައް ހޮސްޕިޓަލް އަދި ފުވައްމުލަކުގެ ބައެއް ސްކޫލްތަކާއި އެކު ވަނީ ބައްދަލުވުމެއް ވެސް ބާއްވާފައެވެ.