English Edition
Dhivehi Edition

ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވެ ވިއްސާރަވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ އިދާރާއިންވަނީ ރ.އަތޮޅުން ފެށިގެން ވ.އަތޮޅާ ދެމެދުގެ ރަށްތަކަށް މިއަދު ޔެލޯ އެލަރޓްވެސް ނެރެފައެވެ. މިސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށްވަނީ ލަފާކޮށްފައެވެ. މީގެ އިތުރުންވެސް ނ.އަތޮޅުން ފެށިގެން ލ.އަތޮޅު ހިމެނޭ ސަރަހައްދަށްވަނީ ވައިޓް އެލަރޓް ނެރެފައެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ދެމޫސުން ބެދޭ ވިއްސާރަ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކުރެއެވެ.

އެއިދާރާއިންވަނީ ވައި، ގަދަވެ ކަނޑުތައްވެސް ގަދަވާނެކަމަށް ލަފާކޮށްފައެވެ. އެގޮތުން އާއްމުގޮތެއްގައި ވައިޖެހޭނީ 25 މޭލާއި 30 މޭލާ ދެމެދުގައި ކަމަށް ލަފާކޮށްފައިވާއިރު، ވިލާގަނޑުގައި 45 މޭލަށް ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެކަމަށް ވަނީ މޫސުލާބެހޭ އިދާރާއިން ލަފާކުރެއެވެ.

ވޭތުވެދިޔަ 24 ގަޑިއިރު، ރާއްޖޭގެ ހުރިހާ ހިސާބުތަކަށްވެސް ވަނީ ވިއްސާރަކޮށްފައެވެ. އެގޮތުން އެންމެ ގިނައިން ވާރޭވެހުނުކަމަށް ރެކޯޑްކުރީ މ.މުއްޔަށެވެ. އެރަށަށް 55.6 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ.

މޫސުން ގޯސްވާވަގުތު ކަނޑުދަތުރުކުރުމުގައި ސަމާލުވުމަށާއި، އަދި ވައިގަދަވެ ގެއްލުންލިބޭގޮތަށް ހުރި ކަންކަމަށް ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމަށް ކަމާއި ގުޅުންހުރި އިދާރާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.