އިތުރު 306 މިލިއަން ރުފިޔާ އާއެކު އަންނަ އަހަރަށް ލަފާކުރާ 49.8 ބިލިއަން ރުފިޔާގެ ބަޖެޓް ފާސްކޮށްފިއެވެ.
ބަޖެޓް ދިރާސާކުރި ކޮމިޓީން ގެނައި ބަދަލުތަކާއެކު ބަޖެޓް ފާސްކޮށްފައިވަނީ ބަޖެޓް ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ. އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ބަޖެޓަށް އިތުރުކުރި ބައިތަކުގެ ތެރޭގައި ދައުލަތުގެ އައު އޮނިގަނޑާއި އެއްގޮތަށް އިތުރުވި މިނިސްޓްރީތަކަށް 20.5 މިލިއަން އިތުރުކޮށްފައިވެއެވެ. މީގެއިތުރުން އޮފީސްތަކުގެ ޑޮމެސްޓިކް ބަޖެޓުގެ ރިކަރަންޓް ޚަރަދު އަދި ކެޕިޓަލު ޚަރަދަށް ފަންސާސް ހަތް މިލިއަން ދުއިސައްތަ ފަސްދޮޅަސް ދެހާސް ތިންސަތޭކަ ފަންސާސް ދެ ރުފިޔާ އިތުރުވެގެންދާނެއެވެ. އަދި ޕީއެސްއައިޕީގެ މަޝްރޫޢުތަކަށް ގެނެސްފައިވާ ބަދަލުތަކާއެކު 8.9 މިލިއަން ރުފިޔާއަށް ޕީއެސްއައިޕީ މަޝްރޫޢުތަކުގެ ބަޖެޓް އިތުރުވެގެންދާނެއެވެ.
ބަޖެޓް ދިރާސާކުރި ކޮމިޓީން ބަޖެޓް ފާސްކުރިއިރު ބައެއް މަޝްރޫއުތަކުގެ ބަޖެޓު މަދުވެ އަނެއްބައި މަޝްރޫއުތަކަށް ކަނޑައެޅި ބަޖެޓުގެ އަދަދުވަނީ އިތުރުވެފައެވެ.
އެގޮތުން މާލެ ސަރަޙައްދުގެ ތޮއްޖެހުމާއި ބޯހިޔާވަހިކަމުގެ މައްސަލައަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުށައަޅުއްވާ އެންމެ ބޮޑު ޙައްލު ކަމަށްވާ “ފުށިދިއްގަރުފަޅު” މަޝްރޫޢަށް ހިމަނާފައިވާ ބަޖެޓްވަނީ އުނިކޮށްފައެވެ. ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫޢުއަށް އަންނަ އަހަރުގެ ބަޖެޓުގައި 400 މިލިއަން ރުފިޔާ ވަނީ ހިމަނުއްވާފައެވެ. ކޮމިޓީ މަރުހަލާގައިވަނީ މިބަޖެޓު އުނިކޮށް އެހެން މަޝްރޫއުތަކަށް އެ ފައިސާ ބަހާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ “ހަފްތާ 14″ގެ ތެރޭގައި ފުށިދިއްގަރުފަޅު ހިއްކުމުގެ ޢަމަލީ މަސައްކަތް ފެއްޓެވުމަށްވަނީ ހިމަނުއްވާފައެވެ. މިމަޝްރޫޢުގެ ދަށުން 1280 ހެކްޓަރުގެ ބިން ހިއްކާނެއެވެ. އެއީ ހުޅުމާލެ ފޭސް 1،2 އެއްކޮށްލައިގެން، އޭގެ ތިންގުނައަށްވުރެ ބޮޑު ރަށެކެވެ. އެމަނިކުފާނު އިޢުލާންކުރައްވާފައިވަނީ ހިއްކާ ބިމުން 11000 ގޯއްޗާއި، 26000 އަށްވުރެ ފްލެޓް ދޫކުރުމަށެވެ.