English Edition
Dhivehi Edition
ދިވެހި މަސްވެރިން ދޮށީގެ މަސްވެރިކަމުގައި.
މަސްވެރިން ބާނާ މަސް ކިރުމަށްފަހު ނުދީ ހުރި ފައިސާގެ ތެރެއިން މިރޭ 106 މިލިއަން ރުފިޔާ ދޫކުރާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު މަސްވެރިންނަށް ނުދީ 200 މިލިއަނެއްހާ ރުފިޔާ ހުރި ކަމަށް މިނިސްޓަރު ޝިޔާމު ކުރިން ވަނީ ވިދާޅުވެފަ އެވެ.

އެހެންވެ މިސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު އޭގެތެރެއިން 30 މިލިއަން ރުފިޔާ ކުރިންވަނީ ދޫކޮށްފައެވެ.

ޝިޔާމު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިވަގުތު މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މަސްކިރާފައި ނުލިބި ހުރި ފައިސާ ލަސްވާ ލަސްވުން ކަމަށެވެ.

ވަޒީރު ވިދާޅުވީ ފައިސާ ލިބުން ލަސްވާތީ މަސްވެެރި އާއިލާތަކުގެ ޒަރޫރީ އެތައް ކަމަކަށް ވަރަށް ބޮޑަށް އުނދަގޫވާ ކަމަށާއި ރައީސް މުއިއްޒުގެ ވިސްނުންފުޅަކީ މި މައްސަލައަށް ދާއިމީ ހައްލެއް ގެނެވޭނެ ގޮތަށް ކަންކަން ތަރުތީބު ކުރުން ކަމަށެވެ.

“އެކަމަށް ހުރި ހިރާސްތައް ނައްތާލެއްވުމުގެ މަސައްކަތްޕުޅު ބާރަށް ކުރިއަށް އެބަގެންދަވާ. 106 މިލިއަން ރުފިޔާ މިރޭ މަސްވެރިންނަށް ދެވޭނެ އިންތިޒާމުވެސް މިހާރު ވަނީ ރައީސް ހަމަޖައްސަވާފައި. އަމާޒަކީ ދާއިމީ ޖުމްލަ ހައްލެއް ހޯދުން،” ޝިޔާމު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްުޔާ ޑރ މުހައްމަދު މުއިއްޒުގެ “ހަފްތާ 14” ގެ ޕްލޭންގައިވެސް މަސްވެރިކަން ކުރިއެރުވުމަށް ގިނަ ކަންކަން ވަނީ ރޭވިފައެވެ.

ރައީސް ނިންމަވާފައި ވާ ކަންތައްތަކުގެ ތެރޭގައި މަސްވެރިންގެ ދަފްތަރެއް އެކުލަވާލުމުގެ ގޮތުން ދަފްތަރުގައި ރެޖިސްޓާރ ވާން ހުޅުވާލުމާއި، މަސްވެރިކަމުގެ ދާއިރާގެ އުފެއްދުންތައް މާކެޓް ކުރުމަށް ހާއްސަ އެޖެންސީއެއް އުފެއްދުމުގެ އިތުރުން، މިފްކޯ ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުރުން ހިމެނެއެވެ.

އަދި ހަމައެހެންމެ ރާއްޖެއިން ބާން މަސް އެކްސްޕޯޓް ކުރުމަށް އިތުރު މާކެޓްތައް ހޯދުމަށްވެސް ސަރުކާރުން ވަނީ މަސައްކަތް ފަށާފައެވެ. އެގޮތުން ތުރުކީ ދަތުރުފުޅުގައި ދިވެހިރާއްޖެއިން ތުރުކީއަށް އެކްސްޕޯޓުކުރާ މަހުގެ ބާވަތްތަކުން ނަގާ ޓެރިފް ކުޑަކުރެވޭނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް ލިބިގެން ގޮސްފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އެންމެ ހާއްސަކޮށް ފާހަގަކޮށްލެވޭ ކަމަކީ، މަސްވެރިންނަށް ފައިސާ ނުދޭތާ ދެ މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ނުދީ ހުރި ފައިސާގެ ތެރެއިން 30 މިލިއަން ރުފިޔާ މި ސަރުކާރުގެ ފުރަތަމަ ހަފްތާގައި ދީފައިވުމާއި އަދި މިރޭ 106 މިލިއަން ރުފިޔާ މަސްވެރިންނަށް ދޭން ނިންމާފައިވުމެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މިފްކޯ ބަނގުރޫޓްވުމާ ގާތަށް ދިއުމާ ގުޅިގެން އެ ކުންފުނި އޮތީ މިސަރުކާރު ވެރިކަމާ ހަވާލުވުމާ ހަމައަށްވެސް އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައެވެ. ނަމަވެސް މިމަހުގެ ފަސްވަނަ ދުވަހު ރައީސް ވަނީ މިފްކޯ އަކީ އެސްޓީއޯ އާއި ވަކިން ހިންގާ ވަކި ކުންފުންޏެއްގެ ގޮތުގައި ކަނޑައަޅުއްވާފަ އެވެ.