ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާ , މެޓް އޮފީހުން ހުދު ސަމާލު ނެރެފިއެވެ.
މިއަދު ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅާއި ހަމައަށް މިއަދު ހެނދުނު 8:30 އިން ފެށިގެން މެންދުރުފަހު 02:30 އާއި ހަމައަށެވެ. މެޓުން ވިދާޅުވީ، މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެއްވޭ ކަމަށެވެ.
މިއަދު ހަވީރު 06:00 އާއި ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި ހަވީރު 06:00 އާއި ހަމައަށް އިރު ދެކުނާއި ދެކުނުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށްވެސް މެޓްއޮފީހުން ލަފާކޮށްފައިވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް މެޓު އޮފީހުން ހާމަކުރެއެވެ.
މިއަދު މެދު ރާއްޖެ ތެރެއާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި ވިލާގަނޑުގައި ހުރިހާ ހިސާބެއްގެ ކަނޑުތައް ވެސް ގަދަވާނެތީ މޫސުމަށް ސަމާލު ވުމަށް މެޓްއޮފީހުން އިލްތިމާސްކޮށްފައި ވެއެވެ.