English Edition
Dhivehi Edition

ސައުދީ އަރަބިއްޔާ އަށާއި ޔުނައިޓެޑް އަރަބް އެމިރޭޓް (ޔޫއޭއީ) އަށް ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ވަރުގަދަ އިންޒާރެއް ދީފިއެެވެ.

ސައުދީ އަށާއި ޔޫއޭއީއަށް ހޫތީން އިންޒާރު ދީފައި މިވަނީ އެ ދެގައުމުތަކުން ޔަމަނަށް ހަމަލާދޭން ތައްޔާރުވަމުން އަންނަކަމަށް ބުނެ ދެކެވޭ ވާހަތަކާއި ގުޅިގެންނެވެ.

މި ދެ ގައުމަށް އިންޒާރުދެމުން ހޫތީން ބުނީ ސައުދީ އަދި ޔޫއޭއީ ގުޅިގެން ޔަމަނަށް ހަމަލާ ދިނުމަށް ތައްޔާރުވަމުން އަންނަކަމުގެ މައުލޫމާތު ލިބެމުން އަންނަކަމަށާއި އެގޮތުން، ޔަމަނަށް އެއްވެސް ގޮތަކުން ހަމަލާއެއް ދީފި ނަމަ އެމީހުންގެ ސަރަހައްދުތަކުގައި ހުރި ތެޔޮ ހޮޅިތަކާއި ތެޔޮ ވަޅުތަކަށް މިސައިލް އާއި ޑްރޯން ހަމަލާތައް ދީ ގޮއްވާލާނޭ ކަމަށެވެ.

އަދި ޔަމަނަށް ދީފާނެ ހަމަލާއަކަށް ވަރަށް ބޮޑަށް ތައްޔާރުވެގެން ތިބި ކަމަށާއި އެފަދަ ހަމަލާއެއް ދީފި ނަމަ ރައްދުދޭނީ އެންމެ ފަހުގެ ޒަމާނީ ހަތިޔާރުގެ ބޭނުންކޮށްގެން ކަމަށް ވެސް ޔަމަނުގެ ހޫތީން ވަނީ ބުނެފައެވެ.

ސައުދީ އަރަބިއާ އާއި ޔަމަނަކީ ޒަމާނުއްސުރެ ވަރަށް ހަތުރުވެރި ދެ ގައުމެވެ. އެގޮތުން އެކި ފަހަރުމަތިން ޔަމަނުން ވަނީ ސައުދީ އަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ދީފައެވެ. އެގޮތުން ސައުދީގެ މިލިޓަރީ ބޭސްތަކަށާއި ބައެއް އަސްކަރީ މަރުކަޒުތަކަށް މިސައިލްއާއި ޑްރޯން ހަމަލާތައް ވަނީ ދީފައެވެ. އެގޮތުން ހޫތީންގެ މި ހަމަލާތަކުގައި ސައުދީ އަރަމްކޯގެ އިންފްރާސްޓްރަކްޗަރަށް ބޮޑެތި ގެއްލުންތަކެއް ވެސް ވަނީ ލިބިފައެވެ.

ހަމަ އެގޮތަށް ޔޫއޭއީއަށް ވެސް ޔަމަނުން ވަނީ އެކިގޮތްގޮތުން ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އެގޮތުން ޔޫއޭއީގެ ބައެއް ބޯޓުތަކަށް ހަމަލާދިނުމާއި ބޯޓުތައް ހައިޖެކް ކުރުން ފަދަކަ ކަންކަން ހޫތީން ވަނީ ކޮށްފައެވެ.

ޔަމަނުން ދިން މި އިންޒާރާއި ގުޅިގެން ސައުދީ އާއި ޔޫއޭއިން އަދި މިކަމަށް އެއްވެސް އެއްޗެއް ބުނެފައިނުވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.