ސިޔާސީ ނޫން ވަޒީފާތަކުން އާންމުން ވަކި ނުކުރައްވާނެ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ކެމްޕޭނުގައި ވަޢުދުވެވަޑައިގެންފައިވަނިކޮށް އެ ވައުދާ ޚިލާފަށް ، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކަރަންޓާއި އައިސް ޕްލާންޓާއި ނަރުދަމާ އާއި ފެނުގެ ހިދުމަތް ދެމުން އަންނަ ފެނަކަ ކޯޕަރޭޝަނުން މުވައްޒަފުން ވަކިކުރަމުން ގެންދާ ކަމަށް ބުނެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
އެ މައްސަލަ މަޖިލިހަށް ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން މުހައްމަދު ދީދީ އެވެ.
މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލައިގައި ބުނެފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ އެކި ރަށްރަށުގައި ކަރަންޓާއި އައިސް ޕްލާންޓާއި ނަރުދަމާ އާއި ފެން އަދި ބޮޓްލިންގެ ހިދުމަތް، ރައްޔިތުންނަށް ފޯރުކޮށްދޭ ފެނަކައިގެ މުވައްޒަފުން އަނިޔާވެރިކަމާއި ބޭއިންސާފުން ބަދަލު ހިފުމުގެ ރޫހެއްގައި ވަޒީފާ އިން ވަކި ކުރަމުންދާ ކަމަށެވެ.
އެހެންވެ، ފެނަކަ މުވައްޒަފުން ވަޒީފާ އިން ވަކި ކުރާކުރުން މިހާރުން މިހާރަށް ހުއްޓާލުމަށް ވެސް ކުއްލި މައްސަލައިގައި ބުނެފައިވެ އެވެ. އެހެންވެ، މަޖިލިހުގެ ގަވައިދުގެ ދަށުން އެ މައްސަލަ ކުއްލި މައްސަލައިގެ ގޮތުގައި ހުށަހަޅާ ކަމުގައި އެ މައްސަލައިގައިވެ އެވެ.
ކުއްލި މައްސަލަ މަޖިލިހަށް ބަލައިގަނެ، އެ މައްސަލައިގެ ބަހުސް ވަނީ ފަށައިފަ އެވެ. އެގޮތުން ކުއްލި މައްސަލަ ބަލައިގަތުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 33 މެމްބަރުންގެ އިއްތިފާގުންނެވެ.
ކުއްލި މައްސަލައިގެ ބަހުސް މަރުހަލާގައި ހުސެއިން ވިދާޅުވީ އެ މައްސަލަ މަޖިލިހަށް ހުށަހެޅުއްވީ ފުވައްމުލަކުގައި ތިބި މުވައްޒަފުންތަކެއް ވެސް ވަޒީފާ އިން ވަކިކުރުމުން ކަމަށެވެ. އަދި 59 މުވައްޒަފަކު ވަކި ކުރި ހަބަރެއް ނޫހަކުން ވެސް ފެނުނު ކަމަށް އޭނާ ވިދާޅުވި އެވެ.
ހުސެއިން ވިދާޅުވި ގޮތުގައި، ފެނަކައިގެ މުވައްޒަފުންނަށް ލިބެނީ ވަރަށް މަދު މުސާރަކޮޅެކެވެ. އެ މުވައްޒަފުން ވަކިކޮށް ފެންނަމުން މިދަނީ ރައީސް މުއިއްޒު ސަރުކާރު ދެތިން އާއިލާއެއްގެ މައްޗަށް މުޅި ސަރުކާރު ބިނާވާ ތަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
“އެކަމަކު، ރަށްރަށުގައި ތިބި 10،000ރ. އާއި 9،000ރ. އާއި 12،000ރ. ލިބޭ މުވައްޒަފުން އެމީހުންނަކީ އެމްޑީޕީ އަށް ނިސްބަތްވާ މީހުން ވަޒީފާ އިން ވަކި ކުރާތީ އަޅުގަނޑު ކުއްލި މައްސަލަ ހުށަހަޅަން ޖެހުނީ،” ހުސެއިން ވިދާޅުވި އެވެ.