English Edition
Dhivehi Edition

ވައިގެ މަގުން އައްޑޫ ސިޓީއަށް އެތެރެކުރި ބައިކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ފުލުހުން އަތުލައިގެންފިއެވެ.

ފުލުހުން ބުނީ، މި މައްސަލާގައި 33 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހޯމަދުވަހުގެ ރޭ 1:55 އެހައިކަންހާއިރު ހިންގި އޮޕަރޭޝަނުގައި، ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ޑޮމެސްޓިކް ފްލައިޓުން ގަމަށް އައި ވަގުތު އެއާޕޯޓުންކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އައްޑޫ ސިޓީގައި ގާއިމުވެ ތިބޭ ނާކޮޓިކްސް އިންޓެލިޖެންސްގެ ފުލުހުންނާއި ގަން ޕޮލިސް ސްޓޭޝަންގެ ފުލުހުން ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.

މި މައްސަލަ އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.