ސްކޫލު ދައުރުގައި ކިޔެވުމާ ކުޅިވަރަށް ބެލިކަމުގައިވިޔަސް އަންހެން ކުދިން ތިބީ ވަރަށް ކުރީގައި ކަން ޔަގީނެވެ. ރާއްޖޭގެ ގިނަ ސްކޫލުތަކުގެ މަތީ މަގާމުގައި ތިބި ގިނަ ދަރިވަރުންނަކީ އަންހެން ކުދިންކަމުގައި ބުނުމަކީ ފިރިހެން ކުދިންނަށް ބުނެވޭ ދެރަ ބަހެއް ނޫނެވެ. ހަގީގަތެވެ. އެކަމަކު ސްކޫލު ނިންމާލާ ހިސާބުން ގިނަ އަންހެން ކުދިންނަށް ފަހަތަށް ޖެހެން މަޖުބޫރުވެއެވެ. ރަށުގެ ތަރައްގީ އާއި ކުރިއެރުމަށް ކުރާ ކަންކަމުގައި ބަސްބުނުމުގެ ފުރުސަތު ގެއްލެއެވެ. އިޖްތިމާއީ މަސައްކަތާ ސިޔާސަީ މަސައްކަތްތަކައް ނުކުންނަން ބޭނުންވިޔަސް އެތައް ގޮން ޖެހުންތަކާ ދިމާވެއެވެ. ސަބަބުތައް ވަރަށް ގިނައެވެ. މި ހުރަސްތައް ނައްތާލުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް އެހާ ގިނައެވެ.
ރާއްޖޭގައި މިންތީގެ ހަމަހަމަކަމަށް ވަކާލަތުކޮށް އެކަމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު އަދިވެސް މިކަމުގައި ބައެއް މީހުންގެ ހިޔާލު ވަރަށް ތަފާތެވެ. ހާއްސަކޮށް ރާއްޖޭގެ އަތޮޅުތަކުގައި ދިރިއުޅެމުންދާ ގިނަ މީހުންނަށް މިއީ ބަލައިގަންނަން އުދަގޫކަމެކެވެ. އާބާދީގެ ގޮތުން މަދު މީސްކޮޅެއް އުޅެމުން އަންނަ ރަށްރަށުގައި، ކަންތައްތައް ނިންމުމުގައި އަންހެނުންގެ ބައިވެރިވުން އެހާ މުހިއްމުކަމުގައި ނުދެކޭ މީހުން އަދިވެސް ވަރަށް ގިނައެވެ. އަންހެނުންގެ މަގާމަކީ ހަމައެކަނި ގޭގެ މަސައްކަތްކުރުމާ ދަރިން ބެލުންކަމުގައި ވިސްނާ ބޯދާ ވިސްނުމަށް އަދިވެސް ބަދަލު ނައަންނަކަމީ ހިތާމަހުރިކަމެކެވެ.
އިޖްތިމާއީ މަސައްކަތް:
ރާއްޖޭގެ އާބާދީއަށް ބަލާއިރު ފިރިހެނުންނަށް ވުރެ ގިނައިން އިޖްތިމާއީ މަސައްކަތުގެ ކުރީ ސަފުގައި އުޅެމުން ދަނީ އަންހެނުން ކަން ޔަގީނެވެ. ހާއްސަކޮށް ރާއްޖޭގެ އަތޮޅުތަކުގައި އިޖްތިމާއީ މަސައްކަތަށް ނިކުންނަ އަންހެނުންގެ އަދަދު ވަރަށް ގިނައެވެ. އެހެންނަމަވެސް މިކަމުގައިވެސް އަންހެނުނަށް ކުރިމަތިވާ ގޮންޖެހުންތައް ވަރަށްވެސް ގިނައެވެ. އަންހެނުން މިފަދަ މަސައްކަތުގައި ނިކުމެއްޖެ ނަމަ އެމީހަކަށް އެކަމުން ކުރިއަށް ނުދެވޭނެ ފަދަ އެތައް ހުރަސްތަކެއް ކުރިމަތިވެއެވެ. ނުވަތަ ކުރިމަތިކުރުވައެވެ. ސަރުކާރުގެ ބައެއް އިދާރާތަކުން އަންހެނަކަށް ވީތީ ދޭން ޖެހޭ އެއްބާރުލުން ފޯރުކޮށްދިނުމުގައި ފަސްޖެހެއެވެ. މުޖްތަމައުން މީހާގެ ގާބިލުކަމާ މެދު ސުވާލު އުފައްދައެވެ. ކުރިއަށް ދެވެން ހުންނަ ގިނަ ދޮރުތައް ބަންދުކޮށްލައެވެ.
ސިޔާސީ ދާއިރާ:
ސިޔާސީ ދާއިރާގައި މަސައްކަތް ކުރާ އަންހެނުންނަށް މަލާމަތްކޮށް ފުރައްސާރަކޮށް، ހަނގާކުރުން ވެފައިމިވަނީ ސިޔާސީ ދާއިރާއަށް އަންހެނުން ނުކުތުމަށް ޖެހިލުންވާ އެންމެ ބޮޑު އެއް ސަބަބަށެވެ. އަބަދުވެސް އަންހެނުންނަކީ ކެމްޕެއިންތަކުގައިވެސް ފިރިހެނުންގެ ފަހަތުގައި ތިބެންޖެހޭ ބައެއްކަމުގައި ގިނަ ބަޔަކު ދެކެއެވެ. ކަންކަން ނިންމުމާއި ބަސް ބުނާ ހިސާބުގައި އަންހެނުންގެ ބައިވެރިވުން މުހިއްމު ކަމުގައި ނުދެކެއެވެ. މަތީ މަގާމާ، ކުރިއެރުމަކީ އަންހެނުންނަށް އުފުލޭ ޒިންމާއެއް ނޫންކަމުގައި ދެކެއެވެ. ރާއްޖޭގެ ޤާނޫނު އަސާސީއާ ޤާނޫނުތަކަށް ބަލާއިރު، ކަރުދާހުގައި ހުންނަ އަކުރުތަކުން، އަންހެނުންނާއި ފިރިހެނުންނަށް ސިޔާސީ ދާއިރާގައިވެސް ހަމަހަމަ ފުރުސަތުތައް އެބަ އޮތެވެ. އެހެންނަމަވެސް އެޤާނޫނުތަކަށް އަމަލުކުރުމަށްފަހު ނިކުންނަ ނަތީޖާއިން ގިނަފަހަރު އެ ހަމަހަމަކަން ނުފެންނަކަމީ ހިތާމަކުރަން ޖެހޭކަމެކެވެ.
މުޖުތަމައު ބިނާކުރުމުގައި އަންހެނުންގެ ދައުރު ވަރަށް މުހިއްމުކަން ޔަގީނެވެ. އެހެންކަމުން މިކަންކަމުގައި އަންހެނުންނަށް ފުރުސަތު ނުދޭންވީ ކީއްވެގެން ތޯއެވެ؟ އަންހެނުންނަށް ހުރި ގޮންޖެހުންތައް ފާހަގަކޮށް އެކަންކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކޮށް، ހައްލު ހޯދަން މަސައްކަތްކުރުން ޖެހޭކަން ޔަގީނެވެ. އަންހެނުން އަމިއްލައަށް މި ގޮންޖެހުންތައް ނައްތާލުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހެއެވެ. ފަސްޖެހުމާ، ނުކެރުމާ އަދި މުޖްތަމައުގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލާން ދަސްކުރަން އެބަޖެހެއެވެ.