English Edition
Dhivehi Edition

ޖަރުމަންގެ އާރްބީ ލެއިޕްޒިގް އަށް ލުޅެމުން އަންނަ ޖަރުމަންުގެ ފޯވަޑް ޓިމޯ ވާނާ ހޯދުމަށް މެންޗެސްޓަރ ޔުނައިޓެޑުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ޓީމޯ ވާނާ ގެންދަން ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް ޝައުގުވެރިވާ ކަމަށް ޖަރުމަނުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. އެގޮތުން އަންނަ ޖެނުއަރީ ޓްރާންސްފާގައި ވާނާ ހޯދުމާއިމެދު ޔުނައިޓެޑުން މިހާރުވަނީ އެކަމާއި ގުޅޭ މައުލޫމާތުވެސް ސާފުކޮށްފައެވެ. ނަމަވެސް ވާނާ ހޯދުމަށް ޔުނައިޓެޑުން ރަސްމީކޮށް އަދި މަސައްކަތް ފަށާފައިނުވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ވާނާ ގެންދިއުމަށް ޔުނައިޓެޑުން ޝައުފުވެރިވާކަމަށް ރިޕޯޓުތައް ބުނެފައިވާއިރު، އޭނާ ވަނީ މީގެ ކުރިން ޗެލްސީއަށް ވެސް ކުޅެފައެވެ. ލެއިޕްޒިގުގައި މޮޅު ކުޅުމެއް ދެއްކުމަށް ފަހު ވާނާ ޗެލްސީ އަށް ބަދަލުވީ 2020 ގަ އެވެ. އޭނާ ޗެލްސީއާއި އެކު ހޭދަކުރި ފުރަތަމަ ސީޒަންގައި މާ އެކަށީގެންވާ ކުޅުމެއް ނުދެއްކުނެވެ.

އެފަހަރު މުޅި ސީޒަނުގައި ޗެލްސީއަށް ކުޅެދިން 56 މެޗުގައި ވާނާއަށް ޖެހިފައިވަނީ އެންމެ 10 ގޯލެވެ. ޗެލްސީގެ ނާކާމިޔާބީއަށް ފަހު ވާނާ އަލުން އެނބުރި އޭނާގެ ކުރީގެ ކުލަބް ލެއިޕްޒިގަށް ބަދަލުވީ 2022 ވަނަ އަހަރު 23.5 މިލިއަން ޕައުންޑަށެވެ. ލެއިޕްޒިގަށް ބަދަލުވެ ކުޅުނު ފުރަތަމަ ސީޒަނުގައި 16 ގޯލު ޖަހާފައިވީ ނަމަވެސް މި ސީޒަނުގައި މާ އެދެވޭ ކުޅުމެއް އަދި ނުދެއްކެއެވެ. އެގޮތުން މިހާތަނަށް މި ސީޒަނުގައި ކުޅުނު 13 މެޗުގައި އޭނާއަށް ޖެހިފައިވަނީ އެންމެ ދެ ގޯލެވެ.

މީގެ ކުރިން ސްޕެއިންގެ ރެއާލް މެޑްރިޑުންވެސް ވާނާ ގެންދިއުމަށް މަސައްކަތް ތަކެއް ކޮށްފައިވާ ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް ފަހުން ރެއާލުން އޭނާ ގެންދިއުމުގެ މަސައްކަތްތައް މަޑުޖައްސާލީކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.

ވާނާގެ ކެރިއާގައި އެންމެ ރަނގަޅު ކުޅުމެއް އޭނާ ދެއްކީ ލައިޕްޒިގްގައި، ނާގެލްސްމަންގެ ކޯޗު ކަމުގެ ދަށުންނެެވެ. ނާގެލްސްމަންއާ އެކު 2019-2020 ގެ ސީޒަންގައި ވާނާ ވަނީ 34 ގޯލް ޖަހައި އިތުރު 13 ގޯލް ޖަހަން ފުރުސަތު ތަނަވަސްކޮށް ދީފަ އެވެ.