English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޤައުމީ މާމަކާފައިންގެ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފިއެވެ. އެމަނިކުފާނު ސޯޝަލް މީޑިއާގައި ކުރައްވާފައިވާ ޕޯސްޓުގައި ވިދާޅުވެފައިވަނީ އާރުލާ، ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް، މާމައިންނާއި ކާފައިންގެ ނަސޭހަތާއި މަގުދެއްކުން ދިވެހި ޤައުމަށް ބޭނުންވާކަމަށެވެ.

މާމަކާފައިންގެ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ މާމަކާފައިން ކޮށްދެއްވާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމާއި، މާމަކާފައިންނާއި މާމަ ކާފަ ދަރިންނާއެކު އޮންނަ ގުޅުން ބަދަހިކުރުމެވެ. މީގެ އިތުރުން، އެމީހުންނަށް ކަމޭހިތުމާއި އެމީހުންނަށް އަޅާލައި، އޯގާތެރިކަމާއެކު އެމީހުންނާމެދު ޢަމަލުކުރުމަށް މުޖުތަމަޢު އަހުލުވެރިކުރުމަކީ ވެސް މިދުވަސް ފާހަގަ ކުރުމުގެ އެއް ސަބަބެވެ.

އިސްރަށްވެހިންގެ ޖިސްމާނީ، ނަފްސާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އިސްރަށްވެހިންނަށް ޚާއްސަ މަރުކަޒުތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޤާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ވަޢުދުފުޅެކެވެ. މިގޮތުން އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގައި މިފަދަ މަރުކަޒެއް މާލޭގައި ޤާއިމްކުރައްވާފައިވާއިރު މިހާރު ހުޅުމާލޭގައިވެސް އިސްރަށްވެހިންގެ ނާދީއެއް ހުޅުވުމަށްވަނީ ތައްޔާރުވެފައެވެ.