ކައުންސިލްތަކާ ގުޅިގެން މާލެއެކޭ އެއްގޮތަށް އަތޮޅުތެރޭގެ ރަށްތައް ވެސް ތަރައްގީ ކުރާނީ އެރަށެއްގެ ރައްޔިތުން ބޭނުންވާ ގޮތަށްކަމަށް ރައީސުލް ޖުމުހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ،
އާ ގަޑިބުރު އިފްތިތާހުކުރުމަށް މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެ މަނިކުފާނު ކުރައްވާނީ ރައްޔިތުންގެ ވެރިކަމެއް ކަމަށެވެ.
“މި ވެރިކަމުގައި އެންމެ ބޮޑު އިސްކަމެއްދީގެން ކުރާނެ އެއް ކަމަކީ، ކައުންސިލްތައް ލާމަރުކަޒު ކުރުން . އެގޮތުން ރައްޔިތުންނަށް ބޭނުންވާ ކަންކަން ކައުންސިލްތައް މެދުވެރިކޮށް ދެނެގަނެ އެ ކަންކަން ވީހާ ވެސް އަވަހަށް ފުއްދައިދޭނެ ކަމުގެ ޔަގީންކަން އަރުވަން” ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި ރާއްޖޭގެ އެއްވެސް ކަންކޮޅެއްގައި ގެދޮރުވެރިކަމަށް ޖެހިފައި ހުރި ރައްޔިތަކު ނެތް މިންވަރު ކުރުން ކަމަށާއި އެއްވެސް ރަށެއް ސަރުކާރުން ބާކީ ނުކުރާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
“ދެން ފެނިގެންދާނީ އިރާދަކުރެއްވިއްޔާ ކައުންސިލްތައް ރައްޔިތުން އެދޭ ގޮތަށް ބާރު ސްޕީޑުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާ އެކީގައި ހުރިހާ މަޝްރޫއުތައް ވެސް ހިނގަމުންދާތަން،” ރައީސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ގަޑިބުރާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ގަޑިބުރު އަލުން ތަރައްޤީ ކުރުމުގެ މަސައްކަތަކީ އެމަނިކުފާނު މާލެ ސިޓީގެ މޭޔަރކަމުގައި ހުންނެވިއިރު ފާސްކުރެއްވި އިސްތިރާޖީ އެކްޝަން ޕްލޭންގެ ދަށުން ކުރެއްވި މަސައްކަތްޕުޅެއްކަމުގައެވެ. އަދި މިހާރުގެ ގަޑިބުރު ތަރައްޤީ ކުރައްވާފައިވަނީ ހުރިހާ އުމުރެއްގެ މީހުނަށްވެސް މަޤުބޫލު ވިސްނުންތަކެއް ގެނެވޭނެ ގޮތަށްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އާ ގަޑިބުރުގައި ހިމެނޭ ކަންކަން ފާހަގަކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގަޑިބުރު ތަރައްޤީކޮށްފައިވަނީ 5 ވަގުތު ބަންގިވެސް އަޑުއިވޭ ގޮތަށް ކަމުގައެވެ. އަދި މުހިންމު މެސެޖުތައްވެސް ގަޑީގައިވާ ޑިޖިޓަލް ސްކްރީނުން ދެއްކޭނެ ކަމަށާއި، އެކި ކަހަލަ އިސްތިހާރުތައްވެސް ގަޑިބުރުގައިވާ ސްކްރީނުން ދެއްކޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.