English Edition
Dhivehi Edition
ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު/ފޮޓޯ މަޖިލިސްމީޑިއާ

ހުވައިކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި، ބޭރުގެ ޢިއްޒަތްތެރިންގެ ޝަރަފްގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބި ކަނބަލުން، ސާޖިދާ މުޙައްމަދު ރަސްމީ ބައްދަލުކުރެއްވުމެއް ބާއްވަވައިފިއެވެ. މިބައްދަލުކުރެއްވުން ބާއްވަވާފައި ވަނީ، މިރޭ ކުރުނބާ މޯލްޑިވްސްގައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފާއި އެމަނިކުފާނުގެ އަނބިކަނބަލުން ޢާއިޝަތު އަފްރީން މުޙައްމަދާއި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު ކުރިން ފުރުއްވާފައިވާ ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި، ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި، ބޭރު ޤައުމުތަކުގެ ބައެއް ޢިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެކުވެރި ޤައުމުތަކުގެ ބައެއް މަންދޫބުން ވަނީ ރާއްޖެ ވަޑައިގެންފައެވެ. އޭގެ ތެރެއިން ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ހާއްސަ މަންދޫބު އަދި ސްޓޭޓް ކައުންސިލަރު، ޝީއެން ވައި އައިޖިން އާއި ، އިންޑިއާ ސަރުކާރުގެ މަންދޫބެއްގެ ގޮތުގައި އެ ގައުމުގެ އާތު ސައިންސް މިނިސްޓަރު ކިރެން ރިޖީޖޫ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި އަވަށްޓެރި ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަގެ ދެކަނބަލުން ވެސް ވަނީ ރާއްޖެވަޑައިގެން ޑރ. މުޢިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ތިން މެމްބަރުންގެ މައްޗަށް އެކުލެވޭ ވަފުދެއް އެމެރިކާއިންވެސް ވަނީ ފޮނުއްވާފައެވެ. މި ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި ވަޑައިގެންނެވީ އެމެރިކާ އިން ގައުމުތަކަށް ދޭ އެހީ ވިލަރެސް ކުރާ އިދާރާ ކަމަށްވާ ޔޫއެސް އެއިޑްގެ ވެރިޔާ ސަމަންތާ ޕަވާ އެވެ. މީގެ އިތުރުން މި ވަފުދުގައި ހިމެނެނީ ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހޫގޯ ޔޮން އާއި ވައިޓް ހައުސްގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ސީނިއާ ޑިރެކްޓަރ ފޯ ކްލައިމެޓް އެންޑް އެނާޖީ ސާރާ ލަޑިސްލޯ އެވެ.

ރައީސް ޑޮކްޓަރ މުޢިއްޒުގެ ޚާރިޖީ ސިޔާސަތުގައި އެ މަނިކުފާނު ގެންގުޅުއްވާނީ “މޯލްޑިވްސް ފަސްޓް ޕޮލިސީ” އެވެ. ރިޔާސީ ބަޔާނުގައިވެސް އެވާހަކަ ތަކުރާރު ކުރައްވާފައިވެއެވެ. އެމަނިކުފާނު ވިދާޅުވީ ދިވެހި ސަރުކާރުގެ ސިޔާސަތު ބިނާވާން ވާނީ، ދިވެހި ރައްޔިތުންނަށް އެންމެ މަސްލަހަތު ހުރި ގޮތުގެ މައްޗަށް ކަމަށާއި، އެހެންކަމުން، ދިވެހި ޤައުމަށާއި، ދިވެހި ރައްޔިތުންނަށް ވުރެ ބޮޑަށް އެމަނިކުފާނު އެހެން އެއްވެސް ޤައުމަކަށް އިސްކަން ނުދެއްވާނެ ކަމަށެވެ.