English Edition
Dhivehi Edition

ރާއްޖެއިން ޗައިނާއާ އެކު ހަދާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ދެ ގައުމުން ސޮއިކޮށްފި އެވެ. ފްރީ ޓްރޭޑް އެގްރިމެންޓުގައި ސޮއި ކުރީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަށް ރައީސުލް ޖުމުހޫރިއްޔާގެ ދެކަނބަލުން މިހާރު އެ ގައުމަށް ކުރައްވާ ޒިޔާރަތުގެ ތެރެއިން އެވެ.

އެ އެއްބަސްވުމުގައި ސޮއިކުރީ، ރައީސް އަބްދުﷲ ޔާމީން އާއި ޗައިނާގެ ރައީސް ޝީޖިންޕިން އާ އެކު ބޭއްވީ ރަސްމީ ވާހަކަތަކަށް ފަހު އެވެ. ބެއިޖިންގެ ގްރޭޓް ހޯލް އޮފް ޕީޕަލްގައި ބޭއްވި ހަފްލާގައި ރާއްޖޭގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ. އަދި ޗައިނާގެ ފަރާތުން ސޮއި ކުރެއްވީ، ޗައިނާގެ ކޮމާސް އެންޑް އިންޑަސްޓްރީޒް މިނިސްޓަރު ޒޮންގް ޝާން އެވެ.

އެ އެއްބަސްވުމުގެ ދަށުން ދިވެހި މަސްވެރިންގެ މަހުގެ އުފެއްދުންތައް އެއްވެސް ޑިއުޓީއެއް ނެތި ޗައިނާގެ ބާޒާރަށް އެތެރެ ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި ޗައިނާގެ އުފެއްދުންތައް ރާއްޖޭގެ ބާޒާރަށް އެއްވެސް ޑިއުޓީ އެއް ނެތި އެތެރެ ކުރުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވާ ގޮތުގައި އެ އެއްބަސްވުމުގެ ސަބަބުން، ދިވެހި މަސްވެރިންގެ އުފެއްދުންތަކަށް ރަނގަޅު އަގެއް ލިބި ދިވެހި މަހުގެ އަގު އުފުލިގެން ދާނެ އެވެ. އަދި ޗައިނާގެ ބޭންކްތައް ރާއްޖެ އައިސް އިންވެސްޓް ކުރުމުގެ ފުރުސަތު ހުޅުވި މާލީ ދާއިރާއަށް އެކަމުން ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ރާއްޖެއަކީ އިމްޕޯޓް މުދަލަށް ބަރޯސާވެފައިވާ ގައުމަކަށްވާ އިރު ޗައިނާގެ މުދާ ޑިއުޓީއެއް ނެތި އިމްޕޯޓް ކުރެވެން ފެށުމުން ރާއްޖޭގެ މާކެޓްގައި ވަރަށް ގިނަ ތަކެތީގެ އަގު ހެޔޮވާނެ ކަން މިނިސްޓަރު ފާހަގަ ކުރައްވާފައިވެ އެވެ.

އިދިކޮޅު ފަރާތްތަކުން އެ އެއްބަސްވުމާ މެދު އެންމެ ބޮޑަށް ކަންބޮޑުވުން ފާޅު ކުރަމުން ދަނީ އެ އެއްބަސްވުމުގެ ސަބަބުން މިހާރު މާކެޓްގައި ތިބި ދިވެހި ހޯލްސޭލަރުންގެ ވިޔަފާރިއަށް އަސަރުކޮށް ރާއްޖެއަށް މުދާ އެތެރެ ކުރުމުގައި ހަމައެކަނި ޗައިނާއަށް ބަރޯސާވާނެތީ އެވެ. އަދި ޗައިނާގެ މުދަލަށް އިމްޕޯޓް ޑިއުޓީ ނުނަގާތީ ދައުލަތަށް އޭގެއިން އާމްދަނީތައް ގެއްލޭނެ ކަން ވެސް އިދިކޮޅުން ފާހަގަކޮށްފައިވެ އެވެ.

ފްރީޓްރޭޑް އެގްރިމަންޓަށް މަޖިލީހުން ރުހުން ދިނީ މިދިޔަ ހަފްތާގެ ތެރޭގައި ވަރަށް އަވަސް އަރުވާލައިގެން ބޭއްވި ކުއްލި ޖަލްސާއެއްގަ އެވެ. އެ އެއްބަސްވުން ކޮމިޓީ އިން ދިރާސާ ކުރުމަށް ވެސް ހޭދަވީ އެންމެ ދިހަވަރަކަށް މިނެޓެވެ. އަދި ހަމަ އެރޭ މަޖިލީހުގެ ޖަލްސާއެއް ބާއްވާ އެ އެއްބަސްވުމަށް ރުހުން ދިނެވެ. އިދިކޮޅުން ކަންބޮޑުވަނީ މިވަރުގެ ބޮޑު އެއްބަސްވުމެއް އަވަސް އަރުވާލައިގެން ފާސްކުރުމުގެ ސަބަބުން އެވެ.