English Edition
Dhivehi Edition

ލުބުނާނުގެ ހަމަލާތަކުގެ ސަބަބުން މަޝްރަހު އިތުރަށް ގޯސްވަމުން އަންނަކަމަށާއި ފަލަސްތީނުގެ ޣައްޒާއަށް ހަދާލި ގޮތް ލުބުނާނަށް ވެސް ހަދާލާނެ ކަމުގެ އިންޒާރު އިސްރާއީލުގެ ދިފާއީވަޒީރު ޔޯއެވް ގަލަންޓް ދީފިއެވެ.

އިސްރާއީލުގެ މީޑިއާތަކަށް ދިން ބަސްދީގަތުމެއްގައި ގަލަންޓް ބުނީ އިސްރާއީލުން މިހާރު ކުރަމުން ގެންދާ ހަނގުރާމައަކީ ހަމައެކަނި ހަމާސް އާއި ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމައެއް ކަމަށާއި އެހެން ބަޔަކު މީގެ ތެރެއަށް ވަދެ ކަންކަން ގޯސްކުރުމަށް މަސައްކަތް ކުރުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫންކަމަށެވެ. އަދި އެކަމުގެ ނަތީޖާ ވަރަށް ހިތިވާނޭ ކަމަށް ވެސް އޭނާ ބުންޏެވެ.

ގަލަންޓް ބުނީ އިސްރާއީލުން މިހާރު ކުރަމުން ގެންދާ ހަނގުރާމައިގެ ތެރެއަށް ލުބުނާނުގެ ހިޒްބުﷲ އިން ވަދެ އިސްރާއީލުގެ ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް ދެމުން އަންނަކަމަށާއި އެކަން މިހާރު އިތުރަށް ގޯސްވަމުން އަންނަކަމަށެވެ. އަދި މިއީ ބަލައިގެނޭވޭ ކަމެއް ނޫންކަމަށާއި ގޯސް ނުހަދައި ދުރުގައި ތިބުމަށް ހިޒްބުﷲއަށް އިންޒާރުދޭކަމަށެވެ.

ގަލަންޓް ބުނީ ފަހަކަށް އައިސް ހިޒްބުﷲ އިން ނުރައްކާތެރި ވަރުގަދަ ހަމަލާތަކެއް އިސްރާއީލު ސިފައިންނަށް އަމާޒުކޮށް ދެމުން ގެންދާކަމަށާއި އެކަމުގެ ސަބަބުން މަޝްރަހު އިތުރަށް ގޯސްވަމުން އަންނަކަމަށެވެ. އަދި އިތުރަށް ބަލަން ނުތިބެ، ޣައްޒާއަށް ހަދާލި ގޮތް ލުބުނާނަށް ވެސް ހަދާލާނެ ކަމުގެ އިންޒާރު ގަލަންޓް ވަނީ ދީފައެވެ.

” ހަނގުރާމައިގެ ތެރެއަށް ނުވަދެ ދުރުގައި ތިބުމަށް ހިޒްބުﷲ އަށް ނަސޭހަތްތެރިވަން. މިއީ ހަމާސްއާއި ދެކޮޅަށް އަހަރެމެން ކުރަމުން އަންނަ ހަނގުރާމައެއް. ހިޒްބުﷲ މިކަމުގެ ތެރެއަށް ވަންނާކަށް ނުޖެހޭނެ. ޣައްޒާއަށް ހަދާލި ގޮތް ލުބުނާނަށް ވެސް ހަދާލާނަން. ބަލާކަން ނުތިބެވޭނެ.” ޔޯއެވް ގަލަންޓް ބުނެފައިވެއެވެ.

ގަލަންޓްގެ މި އިންޒާރު ިޒްބުﷲއަށް ދިންއިރު، އިސްރާއީލުން މިހާރުވެސް ގެންދަނީ ވައިގެ މަގުން ލުބުނާނުގެ އެކި ހިސާބުތަކަށް ބޮމުގެ ހަމަލާތައް ދެމުންނެވެ. އެގޮތުން ރެއާއި މިއަދުވެސް އިސްރާއީލުން ވަނީ ލުބުނާނުގެ އާންމުން ދިރިއުޅޭ ހިސާބުތަކަށް ބޮންއަޅާ ގިނަ އާންމުން ތަކެއް ޒަޚަމު ކޮށްލާފައެވެ.