ފަލަސްތީނުގެ ހަމާސް ޖަމާއަތަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ޓްވޯޓުތައް ކުރާ މީހުންނަކީ ވެސް ޓެރަރިސްޓުން ކަމަށާއި އެ ހުރިހާ އެންމެންވެސް ނައްތާލަން ޖެހޭކަމަށް އިސްރާއީލުގެ ގައުމީ ސަލާމަތާއި ބެހޭ ވަޒީރު، އިޓަމާ ބެން-ގްވިރް ބުނެފިއެވެ.
އިސްރާއީލުގެ ސަލާމަތީ މަޖިލީހުގައި ވާހަދައްކަމުން ބެން ގުވިރް ބުނީ ފަލަސްތީނުގެ ހަމާސް ޖަމާއަތަކީ ނުރައްކާތެރި ޓެރަރިސްޓި ޖަމާއަތެއް ކަމަށާއި އެ ޖަމާއަތް މުޅިން އެކުއެކީ ނައްތާލަން ޖެހޭކަމަށެވެ.
ބެން ގުވިރް ބުނީ ފަލަސްތީނުގެ ހަމާސް ޖަމާއަތް މާނަކުރަން ޖެހެނީ ހަމަ އެކަނި އެ ޖަމާއަތާއި އެ ޖަމާއަތުގެ ލީޑަރުން އެކަނި ނޫންކަމަށާއި ހަމާސްއަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ތަފާތު ޕޯސްޓުތަކާއި ޓްވިޓާތަށް ކުރާ މީހުންނަކީވެސް އެ ޖަމާއަތައް ނިސްބަތްވާ ޓެރަރިސްޓުންކަމަށެވެ. އަދި އެ ހުރިހާ ފަރާތްތަކެއްވެސް ނައްތާލަން ޖެހޭކަމަށް އޭނާ ބުނެފައިވެއެވެ.
“ހަމާސް ނައްތާލަން ޖެހޭ ކަމަށް ބުނާއިރު، އަހަރެމެން މާނަކުރަނީ ހަމައެކަނި ހަމާސްއާއި އެ ޖަމާއަތުގެ ލީޑަރުން އެކަންޏެއް ނޫން، ހަމާސްގެ ސަޕޯޓަރުންނާއި އެ ޖަމާއަތަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ޕޯސްޓުތައްކޮށް ޓްވީޓުކުރާ މީހުންވެސް ހިމެނެނީ ހަމާސް ޖަމާއަތުގެ ތެރޭގަ. ހަމާސްއާއި އެކު އެފަދަ މީހުންވެސް ނައްތާލަން ޖެހޭނެ. އެއީ ޓެރަރިސްޓުން.” އިޓަމާ ބެން-ގްވިރް ބުނެފައިވެއެވެ.