English Edition
Dhivehi Edition

ފަލަސްތީނުގެ ހާލުގައިޖެހިފައިވާ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އައްޑޫ ސިޓީގެ އެކިއަވަށްތަކުގައި ކުރިއަށް ގެންދިޔަ ޙަރަކާތްތަކުން ގިނަ ޢަދަދެއްގެ ފައިސާ ހޯދައިފިއެވެ.

އައްޑޫސިޓީގެ މަރަދޫ، މަރަދޫ ފޭދޫ ، ފޭދޫ އަދި މީދޫ ރައްޔިތުން އިސްނަގައިގެން އެކި އަވަށްތަކުގައި ވަކިން ކުރިއަށް ގެންދިޔަ ފަންޑްރައިޒިން އިވެންޓްތައް މިދިޔަ ހަފްތާއާއި ހަމައަށް ނިންމާލާފައިވާއިރު އެހަރަކާތްތަކުގައި ކައުންސިލާއި ރަށު އޮފީސް އަދި ޖަމިއްޔާ ޖަމާއަތް ތަކުން ވަނީ ބައިވެރިވެފައެވެ.

ފޭދޫއަށް ނިސްބަތްވާ މިޝްކާތު ފައުންޑޭޝަނުން މިދިޔަ މަހުގެ 13 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން ޖުމްލަ ޖުމްލަ 113،108.25 ރުފިޔާ އަދި 355 ޑޮލަރު ލިބިފައިވާ ކަމަށް އެ ފައުންޑޭޝަނުން ބުނެއެވެ. އެޖަމިއްޔާއިން ވަނީ މިފައިސާ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އާއި ހަވާލު ކުރާނެކަން ހާމަކޮށްފައެވެ.

މީގެ އިތުރުން މިދިޔަ މަހުގެ 12 ވަނަ ދުވަހުން ފެށިގެން މަރަދޫ ރައްޔިތުން ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން ޖުމްލަ 777،799.47 ރުފިޔާ ވަނީ ހޯދާފައެވެ. މިއީ ޣައްޒާއަށް އެހީވުމަށް އައްޑޫގައި ހިންގި ހަރަކާތްތަކުގެ ތެރެއިން އެންމެ ގިނައިން ފައިސާ ހޯދި ފަހަރެވެ. މިފައިސާ މަރަދޫ ރައްޔިތުން ފަރާތުން ވަނީ ދިވެހި ރެޑްކްރެސެންޓާއި ހަވާލު ކޮށްފައެވެ.

މީދޫ އަވަށު އޮފީހާއި، މުލިމަތި ޖަމިއްޔާ، ސަދަންކޮމިޔުނިޓީ އެމްޕަވަރަމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް) އަދި އައިއޭސީ މޯލްޑިވްސް ގުޅިގެން މީދޫގައި ކުރިއަށް ގެންދިޔަ “އަފިރިން ފަލަސްތީނާ އެކު” މި އިވެންޓުން ވެސް ގިނަ އަދަދަކަށް ފައިސާ ލިބިފައިވާ ކަމަށް އިވެންޓް އިންތިޒާމް ކުރި ފަރާތުން ބުނެއެވެ.

މަރަދޫ އަދި މީދޫގައި ކުރިއަށް ގެންދިޔަ އިވެންޓް ތަކުގައި ބައިވެރިވެ ސްކީމް ޖަމިއްޔާއިން އެކަނި ވެސް ގާތްގަނޑަކަށް 43 ހާސް ރުފިޔާ ހޯދިފައިވާ ކަމަށް އެ ޖަމިއްޔާއިން ވެސް ވަނީ ބުނެފައެވެ.

ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން އަންނަނީ މަސައްކަތް ކޮށް ފައިސާ ހޯދަމުންނެވެ.