English Edition
Dhivehi Edition

ކޮންމެ ދެމަފިރިއެއްގެ ހަޔާތައްވެސް އަންނާނެ އެންމެ އުފާވެރި ދުވަހަކީ އަލަތު ދަރިފުޅު މި ދުނިޔެއަށް އުފަންވާ ދުވަސްކަން ޔަގީނެވެ. އެ ދަރިފުޅު ފުރިހަމަ ސިއްޙަތެއްގައި ލެއްވުމަކީ ކޮންމެ މަންމަ އަކާއި ބައްޕައެއްގެ ވެސް ދުޢާއެވެ. ސ.މީދޫ ވެނިސް މަރްޔަމް ނާޒިމާއި ސ. ހުޅުދޫ އިޝާން، ނިޝާނު އަށް ލިބެން އުޅޭ ފުރަތަމަ ދަރިފުޅަށް ދެ އާއިލާއިންވެސް ދިޔައީ އިންތިޒާރު ކުރަމުންނެވެ. 12 ޖޫން 2017 ވަނަ ދުވަހު ބަނޑަށް 39 ހަފްތާގައި އެ ދަމަފިރިންނަށް އަންހެން ކުއްޖަކު ލިބުން ވެގެން އެތައް ދުވަހެއްގެ އިންތިޒާރެއްގެ ނިމުންކަމުގައެވެ. ސިޒޭރިއަންއަށްފަހު ބަރުދަނުގައި 3.29 ހުރި އަންހެންކުއްޖާ، ބެލެނެވެރިންނާއި ހަވާލުކުރީ ކުއްޖާއަށް އިތުރު އެއްވެސް ސިއްހީ މައްސަލައެއް ދިމާވެފައި ނެތުމުންނެވެ. އެހެން ނަމަވެސް އެރޭގެ ފަތިހު ކުއްޖާގެ ހާލު ކުއްލިއަކަށް ދަށަށް ދާން ފެށުމުން މުޅި އާއިލާއަށް ލިބިގެން ދިޔައީ ކުއްލި ހައިރާންކަމެކެވެ. “ސިޒޭރިއަން ހަދާފަ ނެގީ ހަވީރު. އޭރުއްސުރެ ބޭބީ އޮތީ އަހަރެމެންގެ އަތުގަ. ބޭބީ ގެ އެއްވެސް މައްސަލައެއް ހުރިކަމަށް ފާހަގައެއް ނުވޭ. އެކަމަކު ފަތިހު މާ އަވަސް އަވަހަށް ނޭވާލާހެން ހީވެގެން ވަގުތުން ޑޮކްޓަރު ކައިރީ ބުނީ.ދެން ޑޮކްޓަރު ބޭބީގެ އޮކްސިޖަން ބެލިއިރު ވަރަށް ދަށް. ދެން ވަގުތުން އެން.އައި.ސީ.ޔޫއަށް ބޭބީ ލީ”އޭއޯ ނިއުސްއަށް މައުލޫމާތު ދެމުން ނިޝާން ބުންޏެވެ. އޭގެ ފަހުން ދަރިފުޅުގެ އެކްސްރޭއެއް ނެގުމަށްފަހު ޑޮކްޓަރު ބުނެފައިވަނީ ހިތުގެ މައްސަލައެއް ހުރި ކަމަށާއި ވަގުތުން ވަގުތަށް މާލެ ދިޔުމަށް ކަމަށް ނިޝާން ބުންޏެވެ. އިމެޖެންސީގައި ކުއްޖާ މާލެ ގެނެސް ހިތުގެ ސްކޭން އެއް ކުރުމުން އެ އާއިލާއަށް ލިބިގެން ދިޔައީ ހީވެސްނުކުރާ ކަހަލަ ހިތްދަތި ހަބަރެކެވެ. ދަރިފުޅުގެ ހިތުގެ އެއްބައި އުފެދިފައި ނެތްކަމަށް ޑޮކްޓަރު އާއިލާއަށް އެންގުން ވެގެން ދިޔައީ އެންމެން ރޮއްވާލި ހަބަރަކަށެވެ. އައިޖީއެމްއެޗް އިން ފަރުވާ ދެވެން ނެތުމުން އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް ޑޮކްޓަރު ލަފާދިނެވެ. “ކުއްޖާ މާލެ ގެނައީވެސް މަންމަ އާއި ނުލާ.މަންމަ ވީ ހިތަދޫ ހޮސްޕިޓަލްގަ. ބޭބީ މާލޭގަ. ދެން އިއިޖީއެމްއެޗް އިން ބޭނުންވަނީ މަންމަ ގެނެސް ކުއްޖާއަށް ފީޑްކުރުމަށްފަހު އިތުރު ސްކޭންތަކެއް ހަދަން.” ނިޝާން ބުންޏެވެ. ސިޒޭރިއަން ހަދައިގެން 3 ދުވަސް ނުވަނީސް ދަތުރުކުރުން އުނދަގޫ ކަމަކަށް ވިޔަސް މިއަދު ހަވީރު ނާޒިމާވަނީ މާލެ އައިސްފައި ކަމަށް ނިޝާން ބުންޏެވެ. މީގެ އިތުރުން ނިޝާން ބުނެފައިވަނީ ކުއްޖާއަށް ބަނޑު ބޮޑު އިރުވެސް 7 ސްކޭނެއް ކޮށްފައިވާ ކަމަށާއި އެއްވެސް މައްސަލައެއް ހުރިވާހަކަ ޑޮކްޓަރު ބުނެފައި ނުވާކަމުގައެވެ. އައިޖީއެމްއެޗްއިން ހޮނިހިރު ދުވަހު ހަދާ ހިތުގެ ޓެސްޓަށްފަހު ދަރިފުޅުގެ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށްދާން ތައްޔާރުވަމުންދާކަމަށް ނިޝާންވަނީ ބުނެފައެވެ. ” އޮޕަރޭޝަނެއް ކޮށްގެން ބޭބީ ރަގަޅުވާނެ ކަމަށް ޑޮކްޓަރު ބުނަނީ. ބޭބީގެ ފަރުވާއަށް އާސަންދަ ލިބޭ. އެކަމަކު ބޭބީގެ މަންމައަށް ސިޒޭރިއަން ހަދާފައިވާތީ އަދި އެކަނި އުޅެވޭ ވަރެއް ނުވޭ. އެހެންވީމަ އެންމެ މަދުވިޔަސް ދެ އެހީތެރިން ބޭނުންވާނެ ރާއްޖެއިން ބޭރަށް ދާއިރު. ރާއްޖެއިން ބޭރަށް ދިއުމަކީވެސް ވަރަށް ބޮޑު ހަރަދެއް ހިނގާނެކަމަކަށްވާތީ އެންމެހައި ފަރާތްތަކުގެ އެހީ ވަރަށް ބޮޑަށް ބޭނުންވޭ” ނިޝާން ބުންޏެވެ. ދެމަފިރިންގެ އުއްމީދުތަކާއި ގުޅިފައިވާ މި ތިންދުވަސްވީ ކުއްޖާއަށާއި އެ އާއިލާއަށް ވަނީ ތިޔަ އެންމެހައި ފަރާތްތަކުގެ ދީލަތި އެހީއަށް ބޭނުންވެފައެވެ. އެހީތެރިވާން ބޭނުންވާ ފަރާތްތަކުން 7707566 މި ނަންބަރަށް ގުޅުމަށް އާއިލާއިންވަނީ އެދިފައެވެ. އަދި ފައިސާގެ އެހީތެރިކަން ފޯރުކޮށްދެއްވަން ބޭނުން ފަރާތްތަކުން މުހައްމަދު ނިޝާންގެ ބީއެމްއެލް އެކައުންޓް 7701223391102 ނުވަތަ ޑޮލަރު އެކައުންޓް 7701223391103އަށް ފައިސާ ޓްރަންސްފާ ކުރެވޭނެއެވެ.އެހީ ވެވެން ނެތް ފަރާތްތަކުން އެ ތުއްތު ކުއްޖާއަށް ހެޔޮ ދުޢާކޮށް ދެއްވާށެވެ. ﷲގެ މަގުގައި ހޭދަކުރާ އެއްޗަކީ ގެއްލިގެންދާނެ އެއްޗެއް ނޫނެވެ