English Edition
Dhivehi Edition

ޣައްޒާގައި ހުންނަ އަލް ބުރާޤް ސްކޫލަށް އިސްރާއީލުން ދިން ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު 50 އަށް އަރައިފިކަމަށް ޣައްޒާގައި ހަރަކާތްތެރިވާ މެޑިކަލް އޮފިޝަލުންނާއި ހަވާލާދީ މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.

އަލް ޝިފާ ހޮސްޕިޓަލުގެ ޑިރެކްޓަރު މުހައްމަދު އަބޫ ސަލްމިޔާ ވިދާޅުވި ގޮތުގައި ޔަހޫދީން ޣައްޒާގެ އަލް ބުރާޤް ސްކޫލަށް ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 50 އަށް އަރާފައިވާ ކަމަށާއި އޭގެތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނޭކަމަށެވެ.

“އަލް ބުރާޤް ސްކޫލްގެ ތެރެއިން ގާތްގަނޑަކަށް 50 ޝަހީދުން ހަށިގަނޑު ހޯދިއްޖެ. އަދިވެސް އެ އަދަދު އިތުރު ވާނޭ ކަމަށް ބެލެވޭ ،” ސަލްމިޔާއާ ހަވާލާދީ އޭއެފްޕީގެ ނޫސް އެޖެންސީން ބުނެފައިވެ އެވެ.

ސަލްމިޔާ ވިދާޅުވީ ޝަހީދުވި ގިނަ މީހުންނަކީ އަމިއްލަ ގެދޮރު ގެއްލި އެ ސްކޫލުގައި ހިޔާވަހިކަން ހޯދަމުން އަންނަ މީހުންކަމަށާއި އަދި މިހާރު އެ ސްކޫލުގައި ތިބި ގިނަ އަދަދެއްގެ މީހުން އަލް ޝިފާ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ޣައްޒާގެ އަލް ބުރާކް ސްކޫލަށް ޔަހޫދީން ދިން ހަމަލާތަކުގައި 50 މީހުން ޝަހީދުވެފައިވާއިރު، އިސްރާއީލުން ދަނީ ގާޒާގެ ހޮސްޕިޓަލްތަކަށްވެސް މެދު ނުކެނޑި ހަމަލާތައް ދެމުންނެވެ. ގާޒާގެ ހެލްތު މިނިސްޓްރީގެ އެންމެ ފަހުގެ މައުލޫމާތައް ބަލާއިރު، ޔަހޫދީންގެ ހަމަލާތަކުގެ ސަބަބުން ގާޒާގެ 21 ހޮސްޕިޓަލެއް މިހާރުވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަމުން ގެންދާ ޤަތުލުއާންމުތަކުގައި މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު ވަނީ 11،078 އަށް އަރާފައެވެ. އޭގެ ތެރޭގައި 4,506 ކުޑަކުދިންވެސް ހިމެނެއެވެ.