English Edition
Dhivehi Edition
ރައީސް ނަޝީދު އާއި ރައީސް ޞޯލިޙް : ފޮޓޯ އަވަސް

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ލީޑަރުންނަށް ބޭރު ގައުމުތަކަށް ނޭރޭވަރު ކުރާނެ ކަމަށް އެ އެ ޕާޓީގެ ރައީސްކަން ކުރެއްވި މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުުވެފައިވަނީ ޔޫއޭއީގައި މިހާރު ފެށިގެން ކުރިޔަށް ގެންދާ 17 ވަނަ ގްލޯބަލް ސިޓިޒެންޝިޕް ކޮންފަރެންސް އިންތިޒާމުކުރާ ފަރާތްތަކަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހުމަދު ފޮނުވި ސިޓީއަކާ ގުޅިގެން މަޖިލިސްގެ ރަސްމީ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައެވެ.

“އަސްލަމް، ތިޔަ ހުރިހާ ތާކުން އެމްޑީޕީ މީހުން ވަކި ކުރާނަން، އަދި ބޭރު ގައުމު ތަކަށް ނޭރޭ ވަރު ކުރާނަން” އެ ސިޓީއަށް ރައްދު ދެއްވައި ނަޝީދު ވިދާޅުވެފައިވެއެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވީ، އެމްޑީޕީ ރިޔާސީ އިންތިޚާބުން ބަލިވުމަކީ އެ ޕާޓީން މުސްތަގުބަލުގައި ކުރިމަތިލާން ޖެހޭނެ ކަންތައްތަކުގެ ކުޑަ މިންވަރެއް ކަމަށެވެ.

މެންބަރު އިސްމާއިލް ފޮނުއްވި ސިޓީގައި ނަޝީދު އެ ކޮންފަރެންސަށް ވަޑައިގެންނެވީ މަޖިލީހުގައި މިހާރު އޮތް އެމަނިކުފާނު ރިޔާސަތުން ވަކިކުރުމުގެ މައްސަލައަށް ފިއްލަވަން ކަމަށް ވިދާޅުވެފައިވެއެވެ. އަދި، އެ ކޮންފަރެންސްގައި ވާހަކަ ދައްކަވާ ބޭފުޅުންގެ ލިސްޓުން ނަޝީދު އުނި ކުރެއްވުމަށް ވެސް އެދިފައިވެއެވެ.

ގްލޯބަލް ސިޓިޒެންޝިޕް ކޮންފަރެންސްގައި ތަގުރީރު ކުރައްވަން ނަޝީދު މިހާރު ހުންނެވީ ޔޫއޭއީގައެވެ.

އެމްޑީޕީގައި މިހާރު އިސްކޮށް ހުންނެވި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާ ދެމެދު އުފެދުނު ދެބަސްވުންތަކަށް ފަހު މިދިޔަ ޖޫން މަހުގެ 21ގައި އެ ޕާޓީން ވަކިވެވަޑައިގަތް ނަޝީދު ވަނީ އެ ޕާޓީ ރޫޅާލާނެ ކަމުގެ އިންޒާރު މީގެ ކުރިން ތަކުރާރުކޮށް ދެއްވާފައެވެ.